މައިކްރޮސޮފްޓުގެ ފިހާރަތައް ބަންދުކޮށް އޮންލައިންވަނީ

ހަތަރު ފިހާރައެއް ފިޔަވައި، ދުނިޔޭގެ އެކި ތަންތަނުގައި ހިންގާ މައިކްރޮސޮފްޓްގެ ފިހާރަތައް ބަންދުކޮށް، އޮންލައިން ވިޔަފާރި ފުޅާކުރަން އެ ކުންފުނިން ނިންމައިފި އެވެ.


ދުނިޔޭގެ އެންމެ ވަރުގަދަ ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މައިކްރޮސޮފްޓުން ނެރުނު ބަޔާނެއްގައި ބުނީ ފިހާރަތައް ބަންދުކުރި ނަމަވެސް އެތަންތަނުގެ މުވައްޒަފުންގެ ވަޒީފާއެއް ނުގެއްލޭނެ ކަމަށެވެ. އެގޮތުން އެ މީހުންނަށް މަސައްކަތްކުރެވޭނެ އެހެން އިންތިޒާމުތަކެއް ހަމަޖައްސައިދޭނެ އެވެ. އޭގެ ތެރޭގައި މައިކްރޮސޮފްޓްގެ ކޯޕަރޭޓް ފެސިލިޓީތަކުން ފުރުސަތު ދިނުމާއި ރިމޯޓްކޮށް މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެ އެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި އެ ކުންފުނިން ހިންގާ ފިހާރަތަކުގެ އަދަދު މިހާރު 116 އަށް އަރަ އެވެ. އެގޮތުން އެންމެ ފުރަތަމަ އައުޓްލެޓެއް ހުޅުވާފައި ވިންޑޯޒް 7 ލޯންޗްކުރުމާ ދިމާކޮށް 2009 ގަ އެވެ. މައިކްރޮސޮފްޓުން ބުނިގޮތުގައި ފިހާރަތައް ބަންދުކުރުމަށް ފަހު، ވިޔަފާރި ކުރިއަށް އޮތް ތަނުގައި ބައްޓަންކުރަން ބޭނުން ވަނީ ކަސްޓަމަރުންނަށް ވީހާ ވެސް ފުޅާކޮށް އޮންލައިންކޮށް ހިދުމަތް ދެވޭ ގޮތަށެވެ. އެގޮތުން އެޕަލްގެ ސްޓޯރުގެ "ޖިނިއަސް ބާ" ކަހަލަ ޕްލެޓްފޯމެއް، ފިޒިކަލް ފިހާރަތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް މާ ރަނގަޅު ކަމަށް ބުންޏެވެ.

އަދި މި ބަދަލަކީ ކޮވިޑް-19އާ ހެދި ގެންނަ ބަދަލެއް ނޫން ކަމަށް މައިކްރޮސޮފްޓުން ބުންޏެވެ. އެ ކުންފުނީގެ ފިހާރަތައް ބަންދުކުރަން ނިންމާފައިވާ އިރު ބަންދުނުކޮށް ބަހައްޓަން އަދި ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނާއި އޮސްޓްރޭލިއާގެ ސިޑްނީ އާއި އެމެރިކާގެ ނިއު ޔޯކާއި މައިކްރޮސޮފްޓްގެ މައި މަރުކަޒު ކަމަށްވާ ސިއޭޓްލްގެ އައުޓްލެޓެވެ.

ލަންޑަނުގައި މިދިޔަ އަހަރު ހުޅުވި އައުޓްލެޓް.

ނިއު ޔޯލްގެ ފިފުތު އެވެނިއު އާއި ލަންޑަންގެ ރިޖެންޓް ސްޓްރީޓްގައި ހިންގާ އައިޓްލެޓްތަކަށް ބަލާ އިރު، އެއީ އެންމެ ބިޒީ އަދި އެންމެ އަގު ބޮޑު ލޮކޭޝަންތަކުގައި ތެރޭގައި ހިމެނޭ ދެ ތަނެވެ.

މައިކްރޮސޮފްޓުން ބުނީ ހަތަރު ތަނެއްގައި ހުރި އައުޅެޓްތައް މި ވަގުތަށް ބަންދުކުރަން ނިންމާފައި ނެތަސް އެތަންތަން ހިންގުމުގެ ވައްޓަފާޅި އަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.