އެމެރިކާގެ އެންމެ ހަގު ގުރެޖުއޭޓްގެ އުންމީދަކީ ރައީސްކަން ކުރުން

އުމުރުން އެންމެ 12 އަހަރުގެ ތަނިޝްގް އިބްރާހިމް އަކީ ކެލިފޯނިޔާގެ ސެކްރަމެންޓޯގައި ދިރިއުޅޭ ކުއްޖެކެވެ. އޭނާގެ މައިންބަފައިންނަކީ އިންޑިއާގެ ކެރެލާ ސްޓޭޓުން އެމެރިކާއަށް ހިޖުރަކޮށްފައިވާ ދެމަފިރިންނެވެ.


އެމެރިކާގެ ކޮލެޖަކުން މިހާތަނަށް ގްރެޖުއޭޓްވި އެންމެ ހަގު ކުއްޖާގެ މަގާމު ތަނިޝްގް އަށް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވެސް ތަނިޝްގަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވާފައިވެ އެވެ.

ތަނިޝްގްގެ އުންމީދަކީ 18 އަހަރު ނުފުރެނީސް މެޑިކަލް ޑޮކްޓަރަކަށް ވުމެވެ. އޭނާގެ މި ހުވަފެން ހަގީގަތަކަށް ވުމުގެ ކުލަތައް އަންނަނީ ފެންނަމުންނެވެ. އެމެރިކާގެ ދެ ޔުނިވަސިޓީއަކުން އޭނާއަށް މިހާރު ވަނި ޖާގަ ލިބިފަ އެެވެ. އެއީ ޔުނިވަސިޓީ އޮފް ކެލިފޯނިއާ އާއި ޔޫޗީ ސެންޓަ ކްރޫޒް އިންނެވެ. ނަމަވެސް މި ދެ ތަނުން ކުރެ ދާނީ ކޮން ތަނަކަށް ކަމެއް އަދި ނުނިންމެ އެވެ.

ތަނިޝްގްގެ ބައްޕަ ބިޖޯއީ އަބްރަހަމް އަކީ ސޮފްޓްވެއާ އިންޖިނިއަރެކެވެ. މަންމަ ތާޖީ އަކީ ޖަނަވާރުންގެ ޑޮކްޓަރެކެވެ. އުމުރުން ހަތް އަހަރުން ފެށިގެން އޭނާއަށް ކިޔަވައިދީފައިވަނީ ގޭގަ އެވެ. އަދި މާޗް 2014 ގައި ހައި ސްކޫލް ޑިޕްލޮމާ ފެންވަރު އޭނާގެ ކިބައިގައިހުރި ކަމުގެ ލިޔުމެއް އެ ސްޓޭޓުން ތަނިޝްގް އަށް ދީފައި ވެ އެވެ.

އެމެރިކަން ރިވާ ކޮލެޖަށް ތަނިޝްގް ވެއްދުމުން ވެސް އޭނާ ހަގު ކަމުން ވަރަށް ގިނަ ޕްރޮފެސަރުން އެ މީހުންގެ ކްލާސްތަކުގައި އޭނާ ބައިވެރިކުރަން ދެކޮޅުހެދި އެވެ. ނަމަވެސް އޭނާއަށް އެހީތެރިވާން އެއް ޕްރޮފެސަރަކު ނިންމި ހިސާބުން ތަނިޝްގަށް ކޮލެޖުގައި ކިޔެވޭ ގޮތް ވީ އެވެ. އަދި މިކޮލެޖުން އެއް ވަނަ ހޯދައި އޭނާ ވަނީ އެންމެން ހައިރާންކޮށްލާފަ އެވެ. ކެލިފޯނިއާގެ ޓީވީ ޗެނަލަކަށް ތަނިޝްގް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާއަކީ އެ އުމުރުގެ އެހެން ކުދިންނާ އެއްވެސް ތަފާތެއް ހުރި ކުއްޖެއް ނޫނެވެ. ވީޑިއޯ ގޭމް ކުޅުން ފަދަ ކަންތައްތައް ވެސް ވަރަށް ގިނައިން ކުރެ އެވެ. ކިޔަވަން އަބަދު ފޮތް ހިފައިގެން އުޅުމަކީ އޭނާގެ އާދައެއް ނޫނެވެ.

މިދިޔަ އަހަރު އުމުރުން އެންމެ 11 އަހަރުގައި ތަނިޝްގް ވަނީ ކެލިފޯނިއާ ކޮލެޖުން ތިން އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފަ އެވެ. އެއީ ހިސާބު، ސައިންސް އަދި ފޮރިން ލޭންގްއޭޖުންނެވެ.

ތަނިޝްގް ބުނަނީ މެޑިކަލް ޑޮކްޓަރަކަށް ވިޔަސް އެއް ދުވަހަކުން އެމެރިކާގެ ރައީސަށް ވުމަކީ ވެސް އޭނާގެ އުންމީދެއް ކަމަށެވެ.