ޝަރުމީލާ އަކީ ފޭކެއް ކަމަށް ފާޒިލް އެއްބަސްވެ މާފަށް އެދިއްޖެ

އިންސްޓަގްރާމް މޮޑެލް ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އޭނާގެ ފޮލޯވަރުންގެ ތެރެއިން ހޮވޭ ނަސީބުވެރިޔަކަށް އަގުބޮޑު ހަދިޔާތަކެއް ދޭން އިއުލާނުކޮށް އެ ހަދިޔާތައް "އައިޝަތު ޝަރުމީލާ" ކިޔާ މީހަކަށް ދިން ކަމަށް ބުންޏަސް އެއީ އޮޅުވާލުމެއް ކަމަށް އާންމުން ކުރި ތުހުމަތަށް އެންމެ ފަހުން ފާޒިލް އެއްބަސްވެ މާފަށް އެދެފި އެވެ.


"ޝަރުމީލާ" އަކީ އަސްލެއް ނޫން ކަމަށް ބުނެ އޭނާ ފުރަތަމަ ފަހަރަށް މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކީ "މިހާރު" މެނޭޖްމަންޓްގެ ދަށުން ނެރޭ "ދޯ" އަށް އަށް ދިން އިންޓަވިއުއެއްގަ އެވެ. ޝަރުމީލާ އަކީ ފޭކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޒިލް އަށް އަމާޒުވި ހަމަލާތަކާ ގުޅިގެން އޭނާ ބުނީ މި ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހެނީ މެނޭޖަރު ކަމަށް ބުނާ އަލީ މުހައްމަދު (އެލީޒް) ކަމަށެވެ.

ފާޒިލް ބުނި ގޮތުގައި އާންމުންގެ ތެރޭގައި އޭނާ ހުތުރު ގޮތަކަށް ބޭޒާރުވީ އެލީޒްގެ ސަބަބުންނެވެ.

"މީހުން ބުނެއެއްނު، މީހަކަށް މާ ބޮޑަށް ޑިޕެންޑްވީމަ، އެންމެ ކައިރީގަ ހުންނަ މީހާއޭ ބޮލަށް ފައިން އަރާނީ. މިއީ އޭތި. އޭތި މި އޮތީ ލައިގަނެފައި،" ފާޒިލް ބުންޏެވެ. "އޭނަ އަހަރެން ގެންގުޅެފައި ހުރީ އޭނަ އަމިއްލަކޮށް، ވެރިކޮށްލައިގެން އުޅުނު ޕްރޮޑަކްޓެއް ފަދައިން. ވަރަށް ބޮޑަށް މެނިޕްލޭޓްކޮށް، ކަންކަން އޮޅުވާލައިގެން. ދިސް އިޒް ގެޓިން ވެރީ ޑާޓީ އަސްލު."

ފާޒިލް، 27، ބުނި ގޮތުގައި މޫނު ބުރުގާ އަޅާ ޝަރުމީލާ ކިޔާ ކުއްޖަކާ ގިވްއަވޭ ގިފްޓް ޕެކް ހަވާލުކުރާތަން ކަމަށް ބުނެ ފޮޓޯ ނަގައި، ސޯޝަލް މީޑިއާގައި އާންމުކުރީ ވެސް ކަމުގެ ހަގީގަތް ކުރިން ނޭނގި އެވެ.

"އެކަމަކު އެގޮތަށް އެކަމެއް ކުރެވުނުއިރަކު ވެސް އަހަންނަކަށް ނޭނގެއޭ ޝަރުމީލާއެއް ވުޖޫގައި ނެތްކަން،" އޭނާ ބުންޏެވެ. "އަހަރެން ގަބޫލުކޮށްގެން ހުރީ އެ ޝަރުމީލާ އަތުން އެއްޗެހިތައް ހޯދައިގެން އައީއޭ ފޮޓޯއެއް ނަގައި މިކަންތައް އަވަހަށް ހިންދާލަން ވެގެން."

ފާޒިލް ބުނީ މި މައްސަލާގައި އާންމުންގެ ކިބައިން މާފަށް އެދޭ ކަމަށާއި ގިވްއަވޭގެ ގިފްޓްގެ މައްސަލަ އަކީ ބޮޑު ފިވާލަޅެއް ކަމަށެވެ.

"މާފަށް އެދެން އެގޮތަށް ކަންތައް ކުރެވުނީތީ. އަހަރެން އެންމެންގެ ކިބައިން ވެސް މާފަށް އެދެން ބޭނުން،" އޭނާ ބުންޏެވެ.

ނަމަވެސް މި މައްސަލާގައި އެލީޒް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެލީޒް "ދޯ" އަށް ދިން އިންޓަވިއުގައި ވަނީ އޭނާ އަކީ ފާޒިލްގެ މެނޭޖަރެއް ނޫން ކަމަށް ވެސް ބުނެފަ އެވެ.

"އޭނަ އަށް ވެސް އެނގޭނެ ދޯ މަ މީ އޭނަގެ މެނޭޖާއެއް ނޫންކަން. މަމީ ފޮޓޯނަގައިދޭ މީހެއް. އަދި އެވެސް ލާރިއަކަށް ނޫން. ހިލޭ އޭނަ އަށް ފޮޓޯނަގައިދޭ މީހެއް މަ މީ،" އެލީޒް ބުންޏެވެ.

އެލީޒް ބުނި ގޮތުގައި ފާޒިލްގެ ގިވްއަވޭ ގިފްޓްގެ ކަންތައްގަނޑެއް އޭނާ އަކަށް ނޭނގެ އެވެެ.

"އޭނަ އެ އެއްޗެހިތަކެއް ގެންގުޅުނު. އޭނަ އިންސްޓަގްރާމްގައި ލައިވް ވެސް ކުރިތާ. އޭނަ ވަރަށް ރަނގަޅަށް ގެންދިޔައީ އޭތި. ފަހުން ނޭނގޭ މަށަކަށް ވެސް ވީގޮތެއް. ފަހުން ވީގޮތެއް ސާފެއް ނުވާތީ މަ ވެސް ގުޅައިފިން. ޚަބަރެއް ނުވޭ އަދި. ޚަބަރެއްވީމަތާ އެނގޭނީ ވެސް ވީގޮތެއް."