ގޫގުލް އިން ސްމާޓް އައިނު ކުންފުންޏެއް ގަނެފި

ސްމާޓް އައިނު އުފައްދާ ކެނެޑާގެ ކުންފުނި "ނޯތު" އެމެރިކާގެ ގޫގުލް އިން ގަނެފި އެވެ.


ނަމަވެސް 2012 ގައި އުފެއްދި ކުންފުނި ގޫގުލް އަށް ވިއްކައިލި އަގެއް ހާމައެއްނުކުރެ އެވެ. މީޑިއާތަކުން ބުނި ގޮތުގައި ނޯތު ވިއްކާލުމާ ގުޅިގެން، ސްމާޓް އައިނު އުފައްދަމުން އައި މަސައްކަތްތައް ނޯތު އިން ހުއްޓާލައި، ކުރިއަށް އޮތް ތަނުގައި އެ ދާއިރާ އިން ގޫގުލް އަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ނޯތު ވިއްކައިލި އިރު، އެ ކުންފުނިން ގެންދިޔައީ "ފޯކަލްސް" ގެ ނަމުގައި ސްމާޓް އައިނުގެ އާ ވާޝަނެއްގެ ވެސް މަސައްކަތް ވެސް ކުރަމުންނެވެ. ނަމަވެސް ކުންފުނި ވިއްކައިލުމާ އެކު މަސައްކަތް ވެސް ދެން ކުރިއަކަށް ނުގެންދާނެ އެވެ. "ފޯކަސްލް" ގެ ފުރަތަމަ ވާޝަން 1.0 ނެރެފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގޫގުލް އިން ނޯތު ގަނެފައި މި ވަނީ އެ ކުންފުނީގެ ސްމާޓް އައިނު "ގްލާސް" އަކީ މާ ކަމުދާ އެއްޗަކަށް ނުވެ، އެ މަސައްކަތް ފެއިލްވެފައި ވަނިކޮށެވެ.

ގޫގުލްގެ ޑިވައިސެސް އެންޑް ސާވިސެސްގެ ވައިސް ޕްރެޒިޑެންޓް ރިޗް އޮސްޓަލޯ ވިދާޅުވި ގޮތުގައި ނޯތު ގަނެވުމަކީ ސްމާޓް އައިނުގެ މާކެޓަށް އަލުން ވަދެ، ކާމިޔާބު ހޯދަން ގޫގުލް އިން ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ގޫގުލް އަށް ނޯތު ވިއްކައިލުމާ ބެހޭ ގޮތުން އެ ކުންފުނީގެ ބާނީން ކަމަށްވާ ސްޓެފެން ލޭކާއި މެތިއު ބެއިލޫގެ އިތުރުން އާރޮން ގްރާންޓް ނެރުނު ބަޔާނެއްގައި ބުނީ ގޫގުލްއާ ގުޅިގެން ކުރިއަށް ދިއުމަށް ވުރެ މި ވަގުތަށް އުފާވެރި ކަމެއް ނެތް ކަމަށެވެ. އަދި ސްމާޓް އައިނު އުފެއްދުމުގެ ދާއިރާގައި ގުޅިގެން ވަރަށް ވަރުގަދަ އުފެއްދުންތަކެއް ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން މި ރޭހަށް ނުކުންނަން ފޫގަޅައިގެން އުޅޭ ކުންފުނިތަކުގެ ތެރޭގައި އެޕަލް އާއި ސެމްސަންގާއި ފޭސްބުކް ވެސް ހިމެނެ އެވެ.