ޓިކްޓޮކުން ދައްކައިލި ހުނަރުން ޑިޒްނީގެ ސަމާލުކަން

ސުޕަހީރޯ ކެރެކްޓާތަކާއި ސްޕެޝަލް އިފެކްޓްސްއާ އެކު އެމެރިކާގެ ޒުވާނަކު ޓިކްޓޮކުން ދައްކައިލި ހުނަރެއް ޓްވިޓާގައި ހިއްސާކުރުމާ އެކު، ޑިޒްނީގެ އިތުރުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.


ޖޯޖިއާ ސްޓޭޓް ޔުނިވަސިޓީގައި ތިއޭޓާގެ ދާއިރާއިން ކިޔަވާ ޖޫލިއަން ބާސް، 20، އޭނާގެ ޓްވިޓާގައި ވީޑިއޯ ހިއްސާކުރީ ބުރާސްފަތި ދުވަހު އެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު އެ ވީޑިއޯ ޓްވީޓްކޮށް ދިނުމަކީ ޑިޒްނީއާ ހަމައަށް އޭނާ ގެންގޮސްދޭނެ ކަމެއްގެ ގޮތުގައި ބުނެފައިވެ އެވެ.

މި ވީޑިއޯ ވައިރަލްވެ، އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު އިރު އޭގެ ތެރެއިން އެކަކީ ޑިޒްނީގެ ކުރީގެ ޗެއާމަން ރޮބަޓް (ބޮބް) އައިގާ އެވެ. ޖޫލިއަންގެ ހުނަރަށް ތައުރީފުކުރަމުން އޭނާ ވިދާޅުވީ "މުޅި ދުނިޔެ ދެން ޖޫލިއަން" ދަންނާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސްގެ ލަވަ "ވޯޓަމެލަން ޝުގާ" ބެކްގްރައުންޑަށް ލައިގެން ޖޫލިއަން ގެނެސްދިން ގާތްގަނޑަކަށް 20 ސިކުންތުގެ ވީޑިއޯގައި އެކި ސުޕަހީރޯ ކެރެކްޓާތަކަށް އޭނާ ބަދަލުވާ ގޮތާ އެކު ސްޕެޝަލް އިފެކްޓްސް ވެސް ދައްކުވައި ދީފައިވެ އެވެ. ޖޫލިއަން ދައްކުވައިދިން ކެރެކްޓާތަކުގެ ތެރޭގައި ސްޕައިޑަ-މޭން އާއި ސްޓާ ވޯސްގެ ޖެޑާއީ އާއި ބެން10 ހިމެނެ އެވެ.

މި ވީޑިއޯ އަށް ތައުރީފުކުރި މަޝްހޫރު މީހުންގެ ތެރޭގައި އޮސްކާ އެވޯޑް ހޯދާފައިވާ އެކްޓަރު މެތިއު ޝެރީ އާއި ޖޯޝް ގޭޑްގެ އިތުރުން "ގާޑިއަންސް އޮފް ދަ ގެލެކްސީ" ގެ ޑައިރެކްޓަރި ޖޭމްސް ގަން އާއި ވޮއިސް-އޯވާ އެކްޓަރު ޓާރާ ސްޓްރޯންގް ހިމެނެ އެވެ. އަދި މަޝްހޫރު ސޮނީ ކުންފުނިން ވެސް ޖޫލިއަންގެ ވީޑިއޯ ރިޓްވީޓްކޮށްފައިވެ އެވެ.

މީގެ އިތުރުން ދަ ލޯންލީ އައިލެންޑް ރަސްމީ ޓްވިޓާގައި ޖޫލިއަންގެ ހުނަރާ ބެހޭ ގޮތުން ބުނެފައި ވަނީ އޭނާގެ ވާހަކަ ޑިޒްނީ އާއި ވިޝުއަލް އިފެކްޓްސް ކުންފުނި އިންޑަސްޓްރިއަލް ލައިޓް އެންޑް މެޖިކަށް ވެސް މިހާރު ފޯރުކޮށް ދީފައިވާ ކަމަށެވެ.

ކުރިން އުންމީދު ވެސް ނުކުރާ ވަރަށް ވީޑިއޯ އަށް ސަމާލުކަން ލިބުމުން ޖޫލިއަން ހޮލީވުޑް ރިޕޯޓާ އަށް ބުނީގެ ޓްވީޓްގައި ޑިޒްނީގެ ވާހަކަ ވެސް ހިމެނީ މަޖަލަކަށް ކަމަށެވެ.

"އެކަމަކު ބޮބް އައިގާގެ ފަރާތުން ކޮމެންޓެއް އައިމަ ވަރަށް އުފާވި. އަދި އަހަރެންގެ ވީޑިއޯ އަށް އިޖާދިން ގިނަ މީހުންނަކީ އަހަރެންގެ ރާޑަރުގައި ކުރިން ވެސް އުޅޭ ބައެއް. އެހެންވީމާ އެކަމާ ވަކިން އުފާވި،" އޭނާ ބުންޏެވެ.