މިއީ ރަން މާސްކެއް އަޅާ މީހެއް

ކޮވިޑް-19އާ އެކު ސާޖިކަލް މާސްކް ނުވަތަ ފޭސް މާސްކަކީ މިހާރު ކޮންމެހެން ވެސް މުހިއްމު އެއްޗެކެވެ. އަދި މިއީ މިހާރު ވިޔަފާރިއެއް، ފެޝަނެއް ވެސް މެ އެވެ. އެކި ޑިޒައިންތަކުގެ މާސްކް އަޅާ މީހުން މިހާރު ކޮންމެ ތާކުން ވެސް ފެންނާނެ އެވެ.


އެކަމަކު އިންޑިއާގެ ޕޫނޭގެ މި މީހާ އަކީ އެންމެ ތަފާތު އަދި އެންމެ އަގު ބޮޑު މާސްކް އަޅާ މީހާ އަށް ވެދާނެ އެވެ. އޭނާގެ މާސްކް ހަދާފައި ވަނީ ރަނުންނެވެ. އަޅައިގެން ހުންނަ އިރު ނޭވާލާން ފަސޭހަވާނެ ގޮތަށް ކުދިކުދި ލޯވަޅުތައް މުޅި މާސްކްގައި ވެސް ހުންނަ މި ރަން މާސްކްގެ އަގު 2.89 ލައްކަ ރުޕީސް (18,754 ޑޮލަރު) އަށް އަރަ އެވެ.

ރަނުން މާސްކްގެ މައިގަނޑު ހަދާފައި އޮތަސް، ކަންފަތުގައި އަޅުވާ ފަށް ހުރީ ހަމަ އާދައިގެ ރަބަރުންނެވެ.

ޕޫނޭގެ ޕިންޕްރީ-ޗިންޗްވާޅުގައި ދިރިއުޅޭ ޝަންކަރު ކްރާދޭ ބުނި ގޮތުގައި އޭނާ ރަނުން މާސްކެއް ހަދަން ނިންމީ އަބަދު ވެސް ރަނުގެ އުފެއްދުންތަކަށް ހާއްސަ ލޯތްބެއް ދެވިފައިވާތީ އެވެ. އޭނާ އަކީ އަބަދު ވެސް ގިނަ އަދަދެއްގެ ރަން އަނގޮޓީ އާއި ރަން ފަށާއި ޗޭނާއި ގަޑި އާއި އަތުގައި އަޅާ އެ ނޫން ވެސް ރަނުގެ ގަހަނާތައް އަޅައިގެން ހުންނަ މީހެކެވެ.

"މާސްކަކީ ދެން މިހާރު ކޮންމެހެން އަޅައިގެން ހުންނަން ޖެހޭ އެއްޗަކަށްވާތީ ރަނުން މާސްކެއް ހަދަން ނިންމީ." ޝަންކަރް ބުންޏެވެ.

އޭނާ ބުނިގޮތުގައި ވަރަށް ފަހުން މީހަކު ރިހިން ހަދާފައިވާ މާސްކެއް އަޅައިގެން ވެސް ހުއްޓައި ފެނުމުން، ރަނުން މާސްކެއް ހެދުމުގެ ޝައުގުވެރިކަން މާ ބޮޑުވީ އެވެ.

"އެހެންވެ އަތްކަންކުރާ މީހެއްގެ ކައިރި އަށް ގޮސް ރަނުން މާސްކެއް ހެދީ. އަހަރެންގެ މި މާސްކްގެ ބަރުދަނުގައި އެބަހުރި ދޭއްބައި ގްރާމު." ޝަންކަރް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި އާއިލާގެ ހުރިހާ އެންމެންނަކީ އަބަދު ވެސް ރަނަށް ވަރަށް ލޯބިކުރާ ބައެކެވެ. އަދި ރަނުން މާސްކެއް ހެދިކަން އެނގުމުން އެ ކަމުގޮސް އާއިލާގެ ގިނަ މީހުން އުޅުނު ކަމަށް ބުންޏެވެ.

"އެހެންވެ މިހާރު ބޭނުން ވަނީ ރަން މާސްކެއް ބޭނުންވާ ނަމަ އާއިލާގެ ކޮންމެ މެމްބަރަކަށް މާސްކެއް ހަދައިދޭން." ޝަންކަރް ބުންޏެވެ.