ޕްރިންސް ޗާލްސް ވަރަށް ފިޓް: ކެމީލާ

އުމުރުފުޅާ އަޅާބަލާއިރު އަދިވެސް ޕްރިންސް ޗާލްސް ވަރަށް ފިޓް ކަމަށް އަނބިކަނބަކުން ކެމީލާ ވިދާޅުވެއްޖެ އެވެ.


ބީބީސީ ރޭޑިއޯ 5 ލައިވުން މާދަމާ ފޮނުވާ "ދި އެމާ ބާނޭޓް" ޝޯގައި ޕްރިންސް ވިލިއަމާއި ހެރީގެ ދޮންމަންމާފުޅު ވިދާޅުވީ ޕްރިންސް ޗާލްސް އަކީ އެ އުމުރުގެ ބޭފުޅަކާ ބަލާފައި އެންމެ ފިޓް ބޭފުޅާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޗާލްސްގެ އުމުރަކީ 71 އެވެ. ކެމީލާ، 72، އާއި ޗާލްސް ކައިވެނި ބައްލަވައިގަތީ ޗާލްސްގެ ކުރީގެ އަނބިކަނބަލުން، ޕްރިންސް ހެރީ އާއި ވިލިއަމްގެ މަންމާފުޅު ޕްރިންސެސް ޑަޔާނާ 1997 ގައި އަވަހާރަވުމުން 2005 ގަ އެވެ.

ޑަޔާނާއާ ކައިވެނި ބައްލަައިގެން އުޅުއްވިއިރު ވެސް ޗާލްސް އާއި ކެމީލާއާ ދެމެދު ސިއްރުން ގުޅުންތަކެއް އޮވެ އެވެ. ޗާލްސްއާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން އެންޑްރޫ ޕާކަ ބޯލްސްއާ ކައިވެނި ބައްލައިގެން ކެމީލާ އަށް ދެ ދަރިން ލިބިވަޑައިގެންފައިވެ އެވެ.

މިހާރުގެ ފިރިކަލުން ޗާލްސްގެ ސިއްހަތާއި ދެބޭފުޅުންގެ ގުޅުމާއި އާއިލީ ގުޅުންތަކާ ބެހޭ ގޮތުން އިންޓަވިއުގައި ކެމީލާ ގިނަ ވާހަކަތަކެއް ހިއްސާކުރައްވާނެ އެވެ. މީގެ އިތުރުން ގެވެށި އަނިޔާތަކާއި އެކަމަށް ހޭލުންތެރިކަން އުފެއްދުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވެސް ކެމީލާ ވާހަކަ ދައްކަވާފައިވެ އެވެ.

އެ އިންޓަވިއުގެ ކުރިން ގެނެސްދިން ތަންކޮޅެއްގެ ގޮތުގައި ބައެއް މީޑިއާތަކުން ކެމީލާ ޗާލްސްގެ ސިއްހަތާ ބެހޭ ގޮތުން ދެއްކެވި ބައެއް ވާހަކަތައް ގެނެސްދީފައިވެ އެވެ. އެގޮތުން ޗާލްސް އަކީ އަބަދު ވެސް ރަނގަޅު ސިއްހަތެއްގައި ހުންނަންވަން މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައިވެ އެވެ. އެގޮތުން ކުރައްވާ އެންމެ މުހިއްމު ކަމަކީ ހިންގެވުން ކަމަށް ވިދާޅުވި އެވެ.

"ހިނގުން ކަމަކީ. ހިންގަވާ އިރު އެކީގައި އުޅުއްވާ އެހެން ބޭފުޅުންނަށް ވުރެ މާ ބޮޑަށް ވެސް ކުރީގައި ޗާލްސް ހުންނަވާނީ." ކެމީލާ ވިދާޅުވި އެވެ.

ފިޓްކޮށް ހުންނަވަން ޗާލްސް ދެއްވާ އިސްކަން ފާހަގަކުރައްވައި ކެމީލާ، ޗާލްސް ސިފަކުރެއްވީ "މައުންޓެއިން ގޯޓް" އެއްގެ ގޮތުގަ އެވެ.

ބީބީސީ ރޭޑިއޯ 5 ލައިވްގެ އިންޓަވިއުގެ ރެކޯޑިންގެ ތެރެއިން.

މިހާރުގެ ހާލަތާ ބެހޭ ގޮތުން އެކަމަނާ ވިދާޅުވި އާއިލާގެ ބޭފުޅުންނާއި ގާތް ރައްޓެހިންނާ އެއްތަންވެ ބައްދަ ނުކުރެއްވުމަކީ މި ވަގުތު އެންމެ ބޮޑު ހިތާމަ ކަމަށެވެ. އަދި ކޮވިޑް-19 އާ އެކު ގެނައި ލޮކްޑައުންގެ ކުރިން އިންޓަނެޓަކީ އެހާ ގަޔާވާ އެއްޗެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމަކު މިހާރު ހުރިހާ ވެސް އެއްޗަކީ އެއީ. މީސްމީހުންނާ ބައްދަލުކުރެވެން އޮތް ގޮތަކީ އެއީ. އެހެންވީމަ އޭގެ ބޭނުން މިހާރު ވަރަށް ބޮޑު. ކުރިން އަޅުގަނޑަކީ އިންޓަނެޓަކީ ކިހިނެއްވާ އެއްޗެއްކަން، ކީއްކުރަން ބޭނުންކުރާ އެއްޗެއްކަން ވެސް އެނގެން ވެސް ބޭނުންވި މީހެއް ނޫން،" ކެމީލާ ވިދާޅުވި އެވެ.

ނަމަވެސް ލޮކްޑައުންގެ ތެރޭގައި އިންޓަނެޓަށް ވަރަށް ބޮޑަށް އަހުލުވެރިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.