މިއީ ފަރާޓާއެއް، މާސްކެއް ނޫން!

ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދަން ފޭސް މާސްކް އެޅުމުގެ އާދަ އަދިވެސް އާންމުންގެ ތެރޭގައި އެކަށީގެންވާ ވަރަށް ހިފަމުންނުދާތީ އެކަމަށް ހޭލުންތެރިކަން އުފައްދަން އިންޑިއާގެ ރެސްޓޯރަންޓް "މާސްކް ޕަރާޓާ" ވިއްކަން ފަށައިފި އެވެ.


މާސްކްގެ ބައްޓަށް ފިހާ ފަރާޓާ ކަސްޓަމަރުންނަށް ސާވްކުރަނީ ޓަމިލްނާޑޫ ސްޓޭޓްގެ މަދުރާއީގައި ހިންގާ ރެސްޓޯރަންޓަކުންނެވެ. އެތަނުން ބުނި ގޮތުގައި އެ ސްޓޭޓްގައި ފޭސް މާސްކަށް އަދިވެސް އެކަށީގެންވާ ވަރަށް ހޭލުންތެރިކަން އުފެދިފައިނުވާތީ ފަރާޓާ މާސްކުން އެކަމަށް މަގުފަހިކޮށްދޭނެކަމުގެ އުންމީދު ބޮޑެވެ.

"ހާއްސަކޮށް މަދުރާއީގެ މީހުން މާސްކް އެޅުން މަދު. އެކަމަކު ސިއްހީ ދާއިރާގެ މީހުން އަބަދު އެ ދޭ އިރުޝާދަކީ މާސްކް އަޅާށޭ. ހާއްސަކޮށް ބޭރުތެރޭގައި އުޅޭ ނަމަ ރައްކާތެރިކަމުގެ ގޮތުން މާސްކް އަޅާށޭ،" ޕަރާޓާ މާސްކް ތައްޔާރުކުރާ ރެސްޓޯރަންޓްގެ މެނޭޖަރު ޕޫވަލިންގަމް ބުންޏެވެ.

އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އަނީ) އަށް އޭނާ ބުނިގޮތުގައި މިކަމަކީ އެ މީހުންގެ ފެންވަރުގައި ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށް ދެކެ އެވެ. އަދި މީގެ ސަބަބުން އެ ރެސްޓޯރަންޓަށް ގޮސް ފަރާޓާ ކާ މީހުންގެ މެދުގައި ވެސް މާސްކަށް ހޭލުންތެރިކަން އުފެދޭނެ ކަމަށް ބުންޏެވެ.

"މާސްކް ޕަރާޓާ" އެއް ވިއްކަނީ 70 ރުޕީސްއަށެވެ. އަދި މި ޕަރާޓާ އާންމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބު ވެސް ބޮޑުވަމުން އަންނަ ކަމަށް ޕޫވަލިންގަމް ބުންޏެވެ.

"އަހަރެމެން މިހާރު އޮންލައިންކޮށް ވެސް އޯޑަރު އެބަ ނަގަން. ވަރަށް ޑިމާންޑް ބޮޑު މިހާރު." އޭނާ ބުންޏެވެ.

"މާސްލް ފަރާޓާ" އާންމުންގެ މެދުގައި މަގުބޫލު އެއްޗަކަށްވެ، ވަރަށް ބޮޑަށް ވައިގައި ހިފަމުން އަންނަ ޓްވިޓާގައި މީހުން އެކި ކަހަލަ ޝުއޫރުތައް ވެސް ފާޅުކޮށްފައިވެ އެވެ.

ޕަރާޓާ އަކީ އިންޑިއާގެ މީހުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. އަދި ޕަރާޓާގެ ވަރަށް ގިނަ ވައްތަރުތައް އެ ގައުމުގެ ކާނާގެ ތެރޭގައި ހިމެނެ އެވެ.