ކަންބޮޑުވުމުގެ ގެއްލުމުން ސަލާމަތްވުމަށް ސުލޫކު ބައްޓަން ކުރަންވީ ގޮތް

ދިރިއުޅުމުގެ ހަޔާތުގައި ކަންބޮޑުވެ ހިތްނުތަނަވަސްވާ އެތައް ކަމަކާ ކުރިމަތިލާން ޖެހެ އެވެ. މީގެ ސަބަބުތައް ވަރަށް ގިނަ އެވެ. މިގޮތުން ފަގީރުކަމާއި މަސައްކަތެއް ނުލިބުމާއި ދަރަނިވެރިވުން ފަދަ މާލީ ސަބަބުތައް ހުރެ އެވެ. ނުކުޅެދުންތެރިވުމާއި އަވަދިނެތި އުޅެން ޖެހުމާއި ބަރުހެލިވުން ފަދަ ޖިސްމާނީ ސަބަބުތައް ހުރެ އެވެ. ކަންކަމާ މެދު ބިރުގަތުމާއި ކުށް އިހުސާސް ކުރެވުމާއި އަމިއްލަ ޒާތަށް އިހުތިރާމު ނުކުރެވުން ފަދަ ނަފްސާނީ ސަބަބުތައް ހުރެ އެވެ. ދޭދޭ ގުޅުންތައް ހީނަރުވުމާއި ޢާއިލީ މައްސަލަތައް ދިމާވުމާއި ގޯނާ ލިބުން ފަދަ އިޖުތިމާއީ ސަބަބުތައް ހުރެ އެވެ.


މި ނޫންވެސް މިފަދަ އެތައް ސަބަބަކާ ހުރެ ކަންބޮޑުވެ ހިތްހަމަ ނުޖެހޭ ގޮތް ވެދެ އެވެ. މިގޮތަށް ކަންބޮޑުވުމަކީ މީގެ ޒާތުގައި ނުރަނގަޅު ކަމަކަށް ވުން ލާޒިމެއް ނުވެ އެވެ. އަދިކިއެއްތަ، ދިރިއުޅުމުގެ އެކިއެކި ކަންކަން ނިންމުމާއި ފުރިހަމަ ކުރުމާއި ކަންކަން ކާމިޔާބު ކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމުގައި މިފަދަ ކަންބޮޑުވުންތައް ހިމެނެ އެވެ. އެހެންނަމަވެސް މިފަދަ ކަންކަމާމެދު މުއާމަލާތު ކުރެވޭ ގޮތަކުން އެކަން މައްސަލައަކަށް ވެދެ އެވެ.

މިގޮތުން ކަންބޮޑުވުންތަކާއި ނުތަނަވަސްވުންތަކުގެ ހާލަތްތަކުގައި ރުޅިގަދަވެ މޫޑު ބަދަލުވެ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން ދަތިވެ މީސްމީހުންނާއި ތަކެއްޗަށް ގެއްލުން ދެވޭ ގޮތަށް ޢަމަލުތައް ބަހައްޓައިފި ނަމަ އެ ތައްއެތައް ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެވެ. އެކަމަކު މިއާ ޚިލާފަށް ކަންބޮޑުވުންތަކާއި ނުތަނަވަސްވުންތަކުގެ ހާލަތްތަކާ ގުޅޭ ގޮތުން މީހާގެ ވިސްނުން ޕޮޒިޓިވްކޮށް ބެހެއްޓުމާ އެކު ވަކި ކަހަލަ ސުލޫކުތަކަކަށް ނަފްސު ހޭނުވިފައި ހުރެއްޖެ ނަމަ ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިވެގެންދާނެ އެވެ. ޕޮޒިޓިވް ވިސްނުން ގެންގުޅޭނެ ގޮތާ މެދު ކުރީގެ ލިޔުމެއްގައި ވާނީ އަލިއަޅުވާލައިފަ އެވެ.

މި ލިޔުމުގައި މި ބަލައިލަނީ މިފަދަ ދަނޑިވަޅުތަކަށް ތައްޔާރުވުމުގެ ގޮތުން މީހާގެ ސުލޫކު ބައްޓަން ކުރަން ޖެހޭނެ ގޮތްތަކަށެވެ. އެއީ މިކަމުގައި މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދޭ އިރުޝާދުތަކަށް ވެސް ބަލައިގެންނެވެ.

މިގޮތުން ފުރަތަމަ ކަމަކީ، ރުޅިކޮންޓްރޯލް ކުރަން ދަސްކުރުމެވެ. ރުޅި އިސްކުރެވެނީ ކެތްކުރަން ދަސްނުވާތީ އެވެ. އިސްލާމްދީނުގައި ކެތްކުރަން ވަރަށްބޮޑަށް ބާރުއަޅާފައިވެ އެވެ. ރޯދަ ފަދަ އަޅުކަންތައްތަކަކީ އެކަމަށް އޮތް އެއް ވަސީލަތެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވަނީ ރުޅިކޮންޓްރޯލު ކުރަން ބައެއް ކަހަލަ ކަންކަން ވެސް ދަސްކޮށްދެއްވައިފަ އެވެ. އޭގެ ތެރޭގައި ރުޅިއަންނަ އިރު މީހާ ހުންނަ ހާލަތު ބަދަލުކޮށްލުން ހިމެނެ އެވެ. ކޮޅަށް ހުރި ނަމަ އިށީނުމެވެ. އިށީނދެ އިންނަމަ އޮށޯތުމެވެ. ވުޟޫ ކުރުމަކީ ވެސް މިކަމަށް އޮތް ހައްލެކެވެ. ދެވަނަ ކަމަކީ، ކެއިންބުއިމުގެ ކަންކަން ބަރާބަރަށް ބެހެއްޓުމެވެ. ކެއުމަށް އިސްލާމް ދީނުގައި ވަނީ ވަރަށް މުހިންމު އިރުޝަދުތަކެއް ދީފަ އެވެ. އެގޮތުން މާގިނައިން ނުކެއުމާއި ހަށިގަނޑަށް ފައިދާހުރި ތަކެތި ކެއުމާއި، ގެއްލުން ލިބޭ އެއްވެސް އެއްޗެއް ނުކެއުމާއި، ދުންފަތާއި މަސްތުވާތަކެތި ފަދަ ގެއްލުންހުރި ތަކެތިން ދުރުހެލިވުން ހިމެނެ އެވެ.

ތިން ވަނަ ކަމަކީ ބަރާބަރަށް ނިދި ހަމަކުރުމެވެ. އަދި ރޭގަނޑުގެ ވަގުތުގައި ނިދުމެވެ. ﷲ އަންގަވަނީ ރޭގަނޑު އަހަރެމެންނަށްޓަކައި އެކަލާނގެ ލެއްވީ ނިދުމާއި އަރާމު ކުރުމަށްޓަކައި ކަމަށެވެ. (އައްނަބައު 10). ހަތަރުވަނަ ކަމަކީ، އަމިއްލަ ނަފްސާއި ކައުނާއި ދިރިއުޅުމުގެ ހަޔާތާ މެދު ވިސްނައިފިކުރު ކުރުމެވެ. އިސްލާމްދީނުގައި މިއީ އަޅުކަމެކެވެ. މިކަންކަމާ މެދު ވިސްނައި ފިކުރުކުރުމުން ﷲ ގެ ކުޅަދުންވަންތަކަމާއި ﷲ ދެއްވާފައިވާ ނިޢުމަތްތައް ތަޞައްވުރު ކުރެވޭނެ އެވެ. އެހެންކަމުން ކުޑަކުޑަ ނިޢުމަތަކުން ކުޑަވަގުތުކޮޅަކަށް މަޙްރޫމް ވުމަކީ މާ ބޮޑު ކަމަކަށް ނުވާނެ އެވެ. ފަސްވަނަ ކަމަކީ، ކޮންމެވެސް ކަހަލަ ކުޅިވަރެއް ކުޅުމެވެ. ނުވަތަ ކަސްރަތެއް ކުރުމެވެ. ނުވަތަ އެވަރުވެސް ނުކުރެވޭ ކަމުގައި ވާނަމަ ފަރްޟު ނަމާދުތަކުގެ އިތުރުން ސުންނަތް ނަމާދުތަކާއި ތަޠައްވުޢު ނަމާދުތައް ކުރުން ގިނަކުރުމެވެ. ހަވަނަ ކަމަކީ، އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް އެކިކަހަލަ ކަންތައްތަކުގައި އެހީތެރިވެ ދިނުމުގައި ބައިވެރިވުމެވެ. މިއީ ވަރަށް ގިނަ ދަރުމަ ލިބޭނެ ކަމެކެވެ. އަދި ތިމާގެ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ވެސް ލިބޭނެ ކަމެކެވެ.

ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވަނީ ރުޅިކޮންޓްރޯލު ކުރަން ބައެއް ކަހަލަ ކަންކަން ވެސް ދަސްކޮށްދެއްވައިފަ އެވެ. އޭގެ ތެރޭގައި ރުޅިއަންނަ އިރު މީހާ ހުންނަ ހާލަތު ބަދަލުކޮށްލުން ހިމެނެ އެވެ. ކޮޅަށް ހުރި ނަމަ އިށީނުމެވެ. އިށީނދެ އިންނަމަ އޮށޯތުމެވެ. ވުޟޫ ކުރުމަކީ ވެސް މިކަމަށް އޮތް ހައްލެކެވެ.

ހަތްވަނަ ކަމަކީ، އާންމުކޮށް ހިލޭސާބަހަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވުމެވެ. ކީރިތި ރަސޫލާ ބަޔާންކުރައްވާ ގޮތުގައި މީހަކަށް އެހީތެރިވެދޭ ނަމަ ﷲ އެމީހަކަށް ވާގިވެރިކަން ދެއްވާނެ އެވެ. އަދި މިކަމަކީވެސް ނަފްސަށް ހަމަޖެހުން ލިބޭނެ ކަމެކެވެ. އަށްވަނަ ކަމަކީ، ދިރިއުޅުމުގެ ޙަޔާތުގެ ވަގުތުތައް ތަފާތު އެކި ކަންކަމަށް ރަނގަޅަށް ރާވާލައިގެން ކުރުމެވެ. މިގޮތުން ވަގުތުތައް ރާވާލާއިރު މަޢުލޫމާތު އިތުރު ކުރުމަށާއި ހުއްދަގޮތުގައި ފޫހިފިލުވުމަށް ވެސް ވަގުތު ހަމަޖައްސަން ޖެހޭނެ އެވެ. ކީރިތި ނަބިއްޔާ ހަދީސް ކުރައްވަނީ ތިމާގެ ހަށިގަނޑަށް ވެސް އަދި ނަފްސަށް ވެސް ރާހަތު ދޭން ޖެހޭނެ ކަމަށެވެ. ނުވަވަނަ ކަމަކީ، ތިމާ ހިތްނުތަނަވަސްވާ ފަދަ ކަމެއް އަންނަ ހިނދު އެފަދަ ކަމެއް މެދުވެރިވެގެން އުޅޭ ތިމާއަށް ވުރެ ހާލަތު ދަށް މީހުންނާ މެދު ވިސްނުމެވެ. ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި ވަނީ ﷲ ގެ ނިޢުމަތްތަކާ މެދު އަހަރެމެން ހަނދާން ނައްތާނުލައި އޭގެ އަގު ދަށް ނުކުރުމަށްޓަކައި އަބަދުވެސް އަހަރެމެންނަށް ވުރެ ދަތި ހާލުގައި އުޅޭ މީހުންނާ ދޭތެރޭ ވިސްނުމަށެވެ. އޭރުން ތިމާއަށް ވުރެ ހެޔޮ ހާލެއްގައި އުޅޭ މީހާއާ އެއްވަރަށް ނުދެވުނަސް ތިމާ ހުރީ އަދި އެހާ ދަތި ހާލެއްގައި ނޫންކަން ތަސައްވުރު ކުރެވޭނެ އެވެ.

ދިހަވަނަ ކަމަކީ، ދިރިއުޅުމާ މެދު ޕޮޒިޓިވްކޮށް ވިސްނާ މީހުންނާ އެކުވެރިކަން ބޭއްވުމެވެ. ނެގެޓިވްކޮށް ވިސްނުމަކީ ޝައިޠާނީ ޢަމަލެކެވެ. ﷲ އަންގަވަނީ ޝައިޠާނާ ވަޢުދުވާނީ ފަގީރުކަމަށާއި ފާޙިޝް ކަންކަމަށް ކަމަށެވެ. އެކަމަކު ﷲ ވަޢުދުވެ ވޮޑިގަންނަވާނީ ފާފަ ފުއްސެވުމަށާއި އެކަލާނގެ ޙަޟްރަތުން ފަޟްލަވަންތަ ކަމަށެވެ. (އަލްބަޤަރާ 268). އެގާރަވަނަ ކަމަކީ، ތިމާއަށް ކަންބޮޑުވުމާއި ހިތްނުތަވަނަސްކަން ގެންނަ ކަންކަމުގެ ވާހަކަ އިތުބާރު ހިފޭ މީހުން ގާތުގައި ދައްކައި އެ އުދާސްތައް ބޭރުކޮށްލުމެވެ. އެކަމަކު ސިއްރު ކުރަން ޖެހޭ ކަންކަން ސިއްރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަގީގަތުގައި އެންމެ ރަނގަޅީ ޔަޢުޤޫބުގެފާނު ޢަމަލު ކުރެއްވި ގޮތަށް ﷲ ގެ ޙަޟްރަތުގައި މިފަދަ ޝަކުވާތައް އުފުލުމެވެ. ސަބަބަކީ އާޚިރުގައި ކޮންމެ މައްސަލައަކަށް ވެސް ޙައްލު ދެއްވޭނެ ހަގީގީ ފަރާތަކީ ﷲ ކަމަށް ވުމެވެ. ބާރަވަނަ ކަމަކީ، ކަންބޮޑުވެ ހިތްނުތަނަވަސްވާ ކަންކަމުން ދުރުހެލިވެވޭނެ ގޮތްތަކާ މެދު ވިސްނައި އޭގެ ތެރެއިން އެންމެ ރަނގަޅު ގޮތް އިޚްތިޔާރު ކޮށްގެން އެކަމުން ސަލާމަތްވާން މަސައްކަތް ކުރުމެވެ.

ތިން ވަނަ ކަމަކީ ބަރާބަރަށް ނިދި ހަމަކުރުމެވެ. އަދި ރޭގަނޑުގެ ވަގުތުގައި ނިދުމެވެ. ﷲ އަންގަވަނީ ރޭގަނޑު އަހަރެމެންނަށްޓަކައި އެކަލާނގެ ލެއްވީ ނިދުމާއި އަރާމު ކުރުމަށްޓަކައި ކަމަށެވެ. (އައްނަބައު 10).

މި ހުރިހާ ކަމަކަށް ފަހު ދެން އޮތީ އެންމެ މުހިންމު ކަންތަކެވެ. އެއީ ﷲ އަށް ރުޖޫޢަވެ އެފަރާތުން ވާގިވެރިކަމަށް އެދުމެވެ. އެފަރާތުން ވާގިވެރިކަމަށް އެދޭ އިރު އޭގެ ކުރިން ތިމާ އާދަކުރަން ޖެހޭ އެހެން ކަންތައްތަކެއް ވެސް ވެއެވެ. އެގޮތުން އެއްކަމަކީ، އަޅުކަމާއި ތަޤުވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމެވެ. މިގޮތުން ނަމާދު ވަގުތުގައި އަދާކުރުމާއި، ވުޟޫކުރުން ގިނަކުރުމެވެ. ކީރިތި ރަސޫލާ ހަދީސް ކުރައްވާ ގޮތުގައި ނަމާދަކީ އެކަލޭގެފާނުގެ ލޯފުޅަށް ފިނިކަން ގެނެސްދޭ ކަމެކެވެ. ދެ ވަނަ ކަމަކީ، ތައުބާވުމާއި އިސްތިޣުފާރު ކުރުން ގިނަކުރުމެވެ. މިއީ ﷲ ތިމާދެކެ ލޯބިވެ ވޮޑިގަންނަވާނެ ކަމެކެވެ. ނަތީޖާއަކަށް ވާނީ ތިމާގެ ހިތްދަތިކަން ފިލާނެގޮތް އެކަލާނގެ މެދުވެރި ކުރެއްވުމެވެ. ތިންވަނަ ކަމަކީ، ތިމާގެ ޝަކުވާތައް ﷲ އަށް ދެންނެވުމާއި، އިސްތިޚާރާ ކުރުމާއި، ވާގިވެރިކަމަށް އެދުމެވެ. ﷲ އަކީ ދުޢާ އިޖާބަ ކުރައްވާ ފަރާތެވެ.

ހަތަރުވަނަ ކަމަކީ، ﷲ އަށް ޒިކުރުކުރުން ގިނަކުރުމެވެ. އެކަލާނގެ އަންގަވަނީ ހިތްތަކަށް ހަމަޖެހުން ލިބުން ވަނީ އެކަލާނގެ ހަނދުމަ ކުރުމުގައި ކަމަށެވެ. (އައްރަޢުދު 28). އަދި ޒިކުރުގެ ތެރެއިން ވަކިން ޚާއްޞަކޮށް ކީރިތި ޤުރްއާން ކިޔެވުން އިތުރު ކުރުމެވެ. ﷲ އަންގަވަނީ ޤުރްއާނުގައި މީސްތަކުންނަށް ޝިފާއާއި ރަޙުމަތް އޮންނަ ކަމަށެވެ. (އަލްއިސްރާއު 82). އަދި އެންމެ ފަހުން ތިމާއަށް ކަންބޮޑުވުން ގެނެސްގެން މި އުޅޭ ކަންކަމުން މިންޖުވުމަށާއި ދުނިޔެ އާއި އާޚިރަތުގައި ހެޔޮގޮތްތައް މެދުވެރި ކުރެއްވުމަށް އެދި ދުޢާ ކުރުމެވެ. ދުޢާ އަކީ ވަރަށް ވަރުގަދަ ހަތިޔާރެކެވެ. ﷲ ލޯބިވެވޮޑޮގަންނަވާ ކަމެކެވެ. އެހެންވެ ދުޢާ ކުރުމަށް އަންގަވާފައި އެވެ. އަދި އިޖާބަ ދެއްވާނެ ކަމަށް ވެސް އަންގަވާފައިވެ އެވެ. (ޣާފިރު 60).

އާދެ، މިގޮތަށް މީހާގެ ސުލޫކު ބައްޓަން ކުރެވިއްޖެ ނަމަ ކަންބޮޑުވެ ނުތަނަވަސްވާ ހާލަތްތައް ހެޔޮގޮތުގައި މެނޭޖް ކުރަން ވަރަށްބޮޑު އެހީއަކަށް ވާނެ އެވެ. އަދި މިކަމުގެ ކުރިން މިފަދަ ކަންކަމާ މެދު ގެންގުޅެން ޖެހޭ ޕޮޒިޓިވް ވިސްނުމުގެ ގޮތުގައި ކުރީގެ ލިޔުމުގައި ފާހަގަކުރި ކަންކަމަށް ސަމާލުވާން ޖެހޭނެ އެވެ. އޭރުން ﷲ ގެ ވާގިފުޅާ އެކު ނަފްސާނީ ދުޅަހެޔޮކަމެއް ލިބިގެންދާނެ އެވެ.