އައިފޯން އުފެއްދުން އިންޑިއާ އަށް ބަދަލުކުރަން ފޮކްސްކޮން އިން 1 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

ފޮކްސްކޮން އިން އިންޑިއާގައި އައިފޯން އުފައްދާ މިންވަރު އިތުރުކުރަނީ އެވެ. މިއީ އެޕަލް އިން އެދިގެން ފޮކްސްކޮން އިން ހިންގަން އުޅޭ ޕްރޮޖެކްޓެއް ކަމަށް ވެ އެވެ. ޗައިނާ ނޫން ގައުމެއްގައި އައިފޯން އުފެއްދުމަށް އެމެރިކާ ސަރުކާރުން އެޕަލް އަށް އަންނަނީ ބާރުބޮޑުކުރަމުންނެވެ.


އެޕަލް އިން މިހާރު ވެސް އިންޑިއާގައި އައިފޯން މޮޑެލްތައް އުފައްދަ އެވެ. ނަމަވެސް، އާ އިންވެސްޓްމަންޓާ އެކު، އިންޑިއާގައި ހުރި ފޮކްސްކޮން ފެކްޓަރީ ބޮޑުކޮށް، އައިފޯނުގެ އާ މޮޑެލްތައް އުފައްދަން ފަށާނެ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

ރޮއިޓާސް އިން ބުނާ ގޮތުގައި، މި މަސައްކަތްތަކަށް ތިން އަހަރު ދުވަސް ނަގާނެ އެވެ. އަދި 6،000 ވަޒީފާ މުޅިން އަލަން އުފެދޭނެ އެވެ. މި ކަމާ ބެހޭ ގޮތުން ފޮކްސްކޮން އަދި އެޕަލް އިން ވާހަކަދައްކަން ބޭނުންނުވި ނަމަވެސް، ރޮއިޓާސް އިން ބުނީ، ރޮއިޓާސް އަށް މައުލޫމާތު ދިނީ ވަރަށް ބޮޑަށް އިތުބާރުކުރެވޭ މީހެއް ކަމަށެވެ.

އެމެރިކާގައި ބޭނުންކުރަން ޗައިނާގައި އުފައްދާ މުދަލުން ނަގާ ޓެކްސް ބޮޑުކުރަން އެމެރިކާ ސަރުކާރުން ނިންމާފައި ވި ނަމަވެސް، އައިފޯނަށް އަދި މާ ބޮޑު އުނދަގޫތަކެއް ނުވެ އެވެ. އެހެން ނަމަވެސް، އެމެރިކާއާ ޗައިނާއާ ދެމެދު މަސްލަހަތު ގޯސްވެއްޖެ ނަމަ، ޗައިނާގައި އުފައްދާ އެޕަލްގެ އުފެއްދުންތަކުން ޓެކްސް ނެގުމަކީ އޮތް ބިރެކެވެ.

އެމެރިކާ ސަރުކާރުން އެމެރިކާ ކުންފުނިތަކަށް ބާރުއަޅަނީ ޗައިނާގައި މުދާ ނުއުފެއްދުމަށެވެ. އަދި އެމެރިކާގައި ފެކްޓަރީތައް ބިނާކޮށް މަސައްކަތްތައް އެމެރިކާ އަށް ބަދަލުކޮށްފި ނަމަ، ޚާއްސަ އިނާޔަތްތަކެއް ސަރުކާރުން ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، އެމެރިކާގައި ފެކްޓަރީތައް ބިނާކުރަން ހިނގާ ޚަރަދަށް ވުރެ، މުވައްޒަފުންގެ ޚަރަދު ބޮޑުވާނެ ކަމަށް ބެލެވިފައި ވާތީ ކުންފުނިތަކުން ދަނީ ފަސްޖެހެމުންނެވެ.

ފޮކްސްކޮން އިން އިންޑިޔާގައި އިންވެސްޓްކުރާ އެއް ބިލިއަން ޑޮަލަރުން ކުރަން ހުރި މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް އަދި އާންމެއް ނުކުރެ އެވެ. އިންޑިޔާގައި މިހާރު ނުއުފައްދާ އަދި އިންވެސްޓްމަންޓަށް ފަހު އުފައްދާ އައިފޯން މޮޑެލްތައް ވެސް އަދި ކަނޑައެއް ނާޅަ އެވެ. މިއީ ވަރަށް ސިއްރުން ކުރާ ކަމަކަށް ވާތީ، ވާހަކަތައް އަދި އަތުޖެހޭ ފަށަކަށް ނާދެ އެވެ.