މައިކްރޮސޮފްޓްގެ އާ ގޭމް ލޯންޗްކުރުން އަންނަ މަހުގެ 18 ގައި

މައިކްރޮސޮފްޓް ކުންފުނީގެ 37 އަހަރުވީ ގޭމް ސީރީޒް "ފްލައިޓް ސިމިއުލޭޓާ" ގެ އާ ވާޝަން އަންނަ މަހުގެ 18 ގައި ލޯންޗްކުރަން ނިންމައި ޕްރި-އޯޑަރަށް ހުޅުވާލައިފި އެވެ.


މި ގޭމަކީ މަތިންދާބޯޓް ދުއްވުމުގެ ތަޖުރިބާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައި ގޭމް ސީރީޒްގެ ތިން ވަނަ އެޑިޝަނެވެ. އެންމެ ފަހުން ނެރުނު ވާޝަނަކީ 2014 ގެ މައިކްރޮސޮފްޓް ސިމިއުލޭޓާ އެކްސް: ސްޓްރީމް އެޑިޝަނެވެ. ފްލައިޓް ސިމިއުލޭޓާގެ ފުރަތަމަ ވާޝަން ނެރުނީ 1982 ގަ އެވެ.

މައިކްރޮސޮފްޓުން ބުނި ގޮތުގައި ޕީސީ އާއި އެކްސް ބޮކްސް ކޮންސޯލް ވެސް ކުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ ގޭމްގެ އެންމެ ފަހުގެ ވާޝަން، އަލަށް ފަށައިގަންނަ މީހުންނާއި ޕްރޮފެޝަނަލްކޮށް ގޭމް ކުޅޭ މީހުންނަށް ވެސް ވަރަށް ހާއްސަ ގޭމަކަށްވާނެ އެވެ. އަދި މި ގޭމް ވިންޑޯސް 10 ގައި ކުޅެލަން ވަރަށް ޗާލުވާނެ ކަމަށް ވެސް ބުންޏެވެ.

އާ ގޭމްގައި އާ ފީޗާތަކެއް ވެސް ހުންނާނެ އެވެ. އޭގެ ތެރޭގައި ދުވާލާއި ރޭގަނޑު ވެސް ބޯޓު ދުއްވައިލެވުން ހިމެނެ އެވެ.

"ފްލައިޓް ސިމިއުލޭޓާ" ގެ އަގުތައް އުޅެނީ ތިން ރޭޓެއްގަ އެވެ. އެގޮތުން 20 މަތިންދާ ބޯޓާއި 30 އެއާޕޯޓާ އެކު ސްޓެންޑާޑް އެޑިޝަންގެ އަގަކީ 59.99 ޑޮލަރެވެ. އަދި 25 ބޯޓާއި 35 އެއާޕޯޓާ އެކު ޑިލަކްސް އެޑިޝަންގެ އަގަކީ 89.99 ޑޮލަރެވެ. މީގެ އިތުރުން 30 ބޯޓާއި 40 އެއާޕޯޓާ އެކު ޕްރިމިއަމް ޑިލަކްސް އެޑިޝަންގެ އަގަކީ 119.99 ޑޮލަރެވެ.