މެތިއު މެކާނަހީގެ ފޮތް "ގްރީންލައިޓްސް" އޮކްޓޯބަރުގައި ނެރެނީ

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މެތިއު މެކާނަހީގެ ވާހަކަ ކިޔައިދޭ ފޮތް "ގްރީންލައިޓްސް" އަންނަ އޮކްޓޯބަރު މަހުގެ 20 ގައި ނެރެން ނިންމައިފި އެވެ.


އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އެކްޓަރު ވަނީ ފޮތް ނެރެން ތައްޔާރުވެފައިވާކަން ޓްވިޓާގައި ހާމަކޮށްފަ އެވެ. އަމިއްލަ އަށް ލިޔެފައިވާ "ގްރީންލައިޓްސް" އާ ބެހޭ ގޮތުން، 50 އަހަރުގެ އެކްޓަރު ބުނީ މިއީ "ޓިޕިކަލް" ބައޮގްރަފީއަކަށް ވުރެ ތަފާތުކޮށް ކިޔުންތެރިންނަށް އޭނާގެ ވާހަކަ އެނގިގެންދާނެ ފޮތެއް ކަމަށެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި އެކްޓަރު އޭނާގެ ފޮތް ސިފަކުރަނީ "އެޑްވެންޗާއެއް" ގެ ގޮތުގަ އެވެ. އެގޮތުން އޭނާގެ ހަޔާތުގައި އަޑިގުޑަންތަކާއި އާދަޔާހިލާފު ކަންކަމާއި ދިރިއުޅުން ބަދަލުވުމަށް މަގުފަހިވާން މެދުވެރިވި ކަންކަން ފަދަ އެތައް ވާހަކައެއް ވަރަށް ޝައުގުވެރި ގޮތަކަށް ކިޔައިދޭން މަސައްކަތްކޮށްފައި ހުންނާނެ ކަމަށް ބުންޏެވެ. އަދި "ގްރީންލައިޓްސް" އަކީ އޭނާގެ 35 އަހަރުވީ ޑައިރީއެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ.

އެއިޑްސްގެ ޝިކާރައަކަށްވި ކައުބޯއި ރޮން ވުޑްރުފްގެ ރޯލް 2013 ގެ ބައޮގްރަފިކަލް ޑްރާމާ "ޑަލަސް ބަޔާޒް ކުލަބް" ގައި ކުޅެގެން އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑް ހޯދި މެކާނަހީ ބުނީ ފޮތަށް "ގްރީންލައިޓްސް" ގެ ނަން ދޭން ބޭނުންވީ އޭނާގެ ހަޔާތަށް އާރޯކަން އަންނަން ދިމާވި އެތައް ކަމެއް ފޮތުގައި ހިމަނާފައި ހުންނާނެތީ އެވެ. ގާތްގަނޑަކަށް ދެ އަހަރުގެ މަސައްކަތަށް ފަހު، ފޮތް އާންމުންނަށް ދޫކޮށްލެވޭތީ ވަރަށް އުފާވާ ކަމަށް ވެސް ބުންޏެވެ.

އެމެރިކާގެ ޓެކްސަސް އަށް އުފަން އަދި ތިން ކުދިންގެ ބައްޕަ މެކާނަހީ އެންމެ ބޮޑަށް އާންމުންގެ ތެރޭގައި މަޝްހޫރީ އޭނާ ކުޅެން ހަވާލުވާ ކެރެކްޓާތަކަށް ތައްޔާރުވާން ހަށިގަނޑަށް ބޮޑެތި ގެންނަން ކުޅަދާނަ އެކްޓަރެއްގެ ގޮތުގަ އެވެ.

"ދަ ވެޑިން ޕްލޭނާ" އާއި އާއި "ހައު ޓު ލޫޒް އަ ގާއި އިން 10 ޑޭޒް" އާއި "މެޖިކް މައިކް" އަދި "ވުލްފް އޮފް ވޯލް ސްޓްރީޓް" ފަދަ މަގުބޫލުތައް ފިލްމުތައް ކުޅެފައި މެކަނަހީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ދަ ޖެންޓްލްމެން" އެވެ.