އައްޑޫގެ ރީތިކަން އެންމެ ފޮޓޯއަކުން

ފޮޓޯގްރަފީގައި އައިޝަތު ނަޖީލާ (ނަޖް) އަކީ އާ ނަމެއް ނޫނެވެ. ރާއްޖޭގެ ރީތި މަންޒަރުތަކުގެ އިތުރުން، ބޭރުގެ ޝާހީ އާއިލާތަކަށް ވެސް އޭނާ ވަނީ ފޮޓޯ ނަގައިދީފަ އެވެ. އެކަމަކު މި ފަހަރު އެންމެންގެ ހިތް އަތުލައިގެން މިއުޅެނީ، އޭނާގެ އުފަން ރަށް، އައްޑޫގެ ތަފާތު ފޮޓޯއަކުންނެވެ.


އުމުރުން 24 އަހަރުގެ ނަޖް މި ފޮޓޯ ނަގާފައިވަނީ އައްޑޫގެ ރަށްތައް ގުޅުވާލާފައިވާ ލިންކްރޯޑު މަތިންނެވެ. ސ. ހިތަދު އާއި މަރަދުއާ ގުޅޭ ކޯޒްވޭ މަތިން ޑްރޯން އަކުން ނަގާފައިވާ އެ ފޮޓޯއިން، ވަށައިގެންވާ މަންޒަރުތައް ވަރަށް ރީތިކޮށް ފެނެ އެވެ.

މިއީ އޭނާ ނެގި 360 ޑިގްރީގެ ފުރަތަމަ ފޮޓޯ އެވެ. އެއްފޮޓޯއަކުން، އައްޑޫގެ ގިނަ ރަށްތައް ފެންނަން ހުރި އިރު، ގޮނޑުދޮށާއި ވަށައިގެންވާ ކަނޑު ވެސް އެހާ ރީއްޗަށް ފެނެ އެވެ.

"ސުވަދީބު ހައިވޭ"ގެ ނަން ދީފައިވާ އެ ފޮޓޯއިން، ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އެ އަތޮޅުގެ ތަފާތުކަމާއި ރީތިކަން ވެސް ވަރަށް ބޮޑަށް ފެނިގެންދެ އެވެ.

"މި ހިސާބުން އަދި މިގޮތަށް ޑްރޯން ފޮޓޯއެއް ނެގިކަން އެނގިފައެއް ނެތް. ވަރަށް ފާހަގަ ކޮށްލެވޭ ސްޕޮޓެއްވީމަ މި ފޮޓޯ ނެގީ،" ނަޖް ބުންޏެވެ.

މި ފޮޓޯގެ ކުރިން، ހިތަދޫގައި އޮންނަ އީދިގަލި ކިޅީގެ 360 ޑިގްރީގެ ފޮޓޯއެއް ނެގުމަށް ވެސް ނަޖް މަސައްކަތް ކުރި އެވެ. އެކަމަކު ނަޖް ބުނިގޮތުގައި އޭނާއަށް އެ މަސައްކަތް ކާމިޔާބެއް ނުކުރެވުނެވެ.

ނަޖް ނަގާފައިވާ އައްޑޫގެ 360 ޑިގްރީ ފޮޓޯ: މި ފޮޓޯއިން އައްޑޫގެ ރީތިކަން ފެނޭ-- ފޮޓޯ: ނަޖް

"360 ޑިގްރީގެ ފޮޓޯއެއް ވީމަ ފޯނުން ބޭނުން ގޮތަކަށް ފޮޓޯ އަނބުރާލައި، ބެލޭގޮތްވުމުން މީހުންނަށް މާރީތިވީ ކަމަށް ވާނީ،" ފޮޓޯއަށް ލިބެމުން އަންނަ ތަރުހީބާ މެދު އުފާކުރަމުން ނަޖް ބުންޏެވެ.

ނަޖްގެ މި ފޮޓޯ ވަނީ ބްރައިޓް ސައިޑް ފަދަ މަޝްހޫރު ވެބްސައިޓުތަކާއި ސޯޝަލް މީޑިއާގައި ވެސް ޝެއާކޮށްފަ އެވެ.

އެ ފަދަ ޕޭޖްތަކަށް މީހުން ކޮށްފައިވާ ބައެއް ކޮމެންޓުތަކުގައި ބުނާގޮތުން މިހާ ރީތި ތަނެއް އަދި ދުވަހަކު ވެސް ނުދެކެ އެވެ. އަދި މިހާ ތަފާތު ރީތި ތަންތަން ދުނިޔޭގައި ހުރޭތޯ ބައެއް މީހުން ސުވާލުކޮށްފައިވާއިރު ރިސޯޓުތަކުގެ ބަދަލުގައި ޗުއްޓީ ހޭދަކޮށްލަން ދާންވީ އައްޑުއަށް ކަމަށް ވެސް ބުނެފައިވެ އެވެ

ނަޖް ނަގާފައިވާ ހިތަދޫގެ އީދިގަލި ކުޅީގެ ފޮޓޯއެއް-- ފޮޓޯ: ނަޖް

ނަޖް ވަނީ ދުނިޔޭގެ އެކި ގައުމުތަކަކަށް ދަތުރުކޮށް، އެތަންތަނުގެ ރީތިކަން ފޮޓޯ އިން ހާމަކޮށްދީފަ އެވެ.