ފޭސްބުކްގެ މުވައްޒަފުން ގޭގައި މަސައްކަތްކުރަން އެއް އަހަރު

ގޭގައި މަސައްކަތްކުރާ އިރު ކޮންމެ މަހަކު މުވައްޒަފުންނަށް އިތުރު 1،000 ޑޮލަރު ދޭނެ.

ކޮރޯނާވައިރަސް ފެތުރެން ފެށުމުން ފޭސްބުކްގެ ހުރިހާ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް މާޗު މަހު ދިން ފުރުސަތު އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށް އިތުރުކުރަން ނިންމައިފަ އެވެ.


ފޭސްބުކުން ކުރިން ނިންމާފައި އޮތީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާ އެތަނުގެ 70 އޮފީހެއްގެ 48،000 އަށް ވުރެ ގިނަ މުވައްޒަފުން މި އަހަރުގެ ނިޔަލަށް ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށެވެ. ނަމަވެސް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށް، މުވައްޒަފުން ގޭގައި ތިބެގެން މަސައްކުރަން މަގުފަހިކޮށް ދިނުމުގެ ގޮތުން ކޮންމެ މުވައްޒަފަކަށް އިތުރު 1،000 ޑޮލަރު ވެސް ދޭން ވަނީ ނިންމައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ފޭސްބުކުން ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ މުއްދަތު އިތުރުކުރަން ނިންމީ ކޮވިޑް-19 ގެ ހާލަތު އަދިވެސް ރަނގަޅުވަމުން ނުދާތީ ސިއްހީ މާހިރުންނާއި ގައުމުތަކުގެ ސަރުކާރުތަކުން ދެމުން އަންނަ އިރުޝާދުތަކަށް ބަލާފައި ކަމަށެވެ.

"އެހެންވީމާ އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށް ހުރިހާ މުވައްޒަފުންނަށް ވެސް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ،" ފޭސްބުކުން ބުންޏެވެ.

މާކް ޒަކަބާގްގެ ފޭސްބުކުން ބުނީ އޮފީސްތައް އަލުން ހުޅުވަން ފަށާނީ ސިއްހީ މާހިރުން ދެއްވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން އޮފީސްތައް ހުޅުވުމުގައި އެ އޮފީހެއް ހުރި ތަނެއްގެ ދެ މަހުގެ ހާލަތު ދުރާލައި ވަޒަންކޮށް، ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށް ބުންޏެވެ.

ޓެކް ކުންފުނިތަކުގެ ތެރެއިން ގޫގުލް އިން ވެސް ވަނީ އެތަނުގެ މުވައްޒަފުންނަށް އަންނަ އަހަރުގެ ޖުލައިއާ ހަމައަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.