ބޭރޫތަށް ވީކެންޑުގެ 300،000 ޑޮލަރު

މި މަހުގެ ކުރީކޮޅު ލުބުނާންގެ ބޭރޫތުގައި ހިނގި ގޮވުމުގެ ނުރައްކާތެރި ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދި ވީކެންޑް 300،000 ޑޮލަރު ހަދިޔާކޮށްފި އެވެ.


ތިރީސް އަހަރުގެ ލަވަކިޔުންތެރިޔާ ބުދަ ދުވަހު ފައިސާ ހަދިޔާކޮށްފައި ވަނީ ގްލޯބަލް އެއިޑް ފޯ ލެބަންއަށެވެ. މި އެހީގެ ވާހަކަ ވީކެންޑްގެ މެނޭޖަރު ވަސީމް (ސަލް) ސްލައިބީ ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. ވީކެންޑަކީ އަބަދު ވެސް ބޮޑެތި ކަންކަމާ ގުޅިގެން ފައިސާގެ އެހީދޭ ފަންނާނެކެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޓޮރޮންޓޯގެ ދެ ޖަމާއަތަކަށް ވެސް އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފައިވެ އެވެ. އެގޮތުން މިއުޒިކް ކެއާޒް އަށް 50،000 ޑޮލަރު އަދި ސްކަބޮރޯ ހެލްތު ނެޓްވޯކަށް 50،000 ޑޮލަރު ހަދިޔާކުރި އެވެ.

މީގެ އިތުރުން ކަޅު ނަސްލުގެ މީހުންގެ ހައްގުގައި އެމެރިކާގައި ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޖޫން މަހު ބްލެކް ލިވްސް މެޓާ ގްލޯބަލް ނެޓްވޯކާއި ކޮލިން ކެޕާނިކް ނޯ ޔޯ ރައިޓްސް ކޭމްޕް ލީގަލް ޑިފެންސް އިނިޝިއޭޓިވަށް 500،000 ޑޮލަރު އަދި ނެޝަނަލް ބެއިލް އައުޓަށް 100،000 ޑޮލަރު ހަދިޔާކޮށްފައިވެ އެވެ.

ބޭރޫތުގައި ގޮވުމުގެ ހާދިސާގައި ލިބުނު ގެއްލުންތަކަށް އެހީވާން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި އަންހެނުން އަމާލް ކްލޫނީ ވެސް މިދިޔަ ހަފުތާގައި ތިން ޖަމާއަތަކަށް 100،000 ޑޮލަރު ހަދިޔާކޮށްފައިވެ އެވެ.

ގަސްކާނާގެ ގޮތުގައި ބޭނުންކުރާ ކެމިކަލްގެ ބާވަތެއް ރައްކާކޮށްފައިވާ ގުދަންތަކެއްގައި މި މަހުގެ 4 ވަނަ ދުވަހު ގޮވި ހާދިސާގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ، 6000 އެއްހާ މީހުން ޒަހަމްވި އެވެ. އަދި އެ ހާދިސާއާ ގުޅިގެން 300،000 އެއްހާ މީހުންގެ ގެދޮރު ގެއްލި މަގުމަތިވެފައިވެ އެވެ.