އެންމެ ދުވަސްވީ ކައިވެންޏަށް 79 އަހަރު

ކައިވެނިކޮށްގެން އުޅޭތާ އެންމެ ގިނަ ދުވަސްވީ ޖޯޑުގެ މަގާމު އިކުއެޑޯގެ ދެމަފިރިއަކަށް ލިބިއްޖެ އެވެ.


އުމުރުން ގަރުނަކަށް ވުރެ މައްޗަށް ގޮސްފައިވާ ޖޫލިއޯ މޯރާ، 110، އާއި ވަލްޑްރަމީނާ ކްއެންޓެރޯސް، 104، ގެ ކައިވެންޏަށް މިހާރު 79 އަހަރެވެ. ކައިވެނިކުރީ ފެބްރުއަރީ 7، 1941 ގަ އެވެ. ޖޫލިއޯ އުފަންވީ މާޗް 10، 1910 ގަ އެވެ. ކްއިންޓެރޯސް އުފަންވީ އޮކްޓޯބަރު 16، 1915 ގަ އެވެ.

އާއިލާ ގަބޫލުނުވުމުން ކައިވެނި ސިއްރުކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުނު މި ދެމަފިރިންނަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައި ދިނުމުގައި އުޅުނު ދެ ޓީޗަރުންނެވެ.

އިކުއެޑޯގެ ވެރިރަށް ކްއިޓޯގައި ޖޫލިއޯ އާއި ކްއެންޓެރޯސް ދިރިއުޅެނީ އެ މީހުންގެ އާއިލާގެ މީހުންނާ އެކީގަ އެވެ. އެ މީހުންގެ ދަރިއެއް ކަމަށްވާ ސިސިލިއާ ބުނި ގޮތުގައި ބައްޕަ އާއި މަންމަގެ ގުޅުމަކީ ލޯބީގެ އިންތިހާ އެވެ. އަދި އެ ދެ މީހުންނަކީ އެންމެ ޒުވާން އުމުރުން ފެށިގެން މިހާތަނަށް އައި އިރު، ލޯބި ފަނޑުވުމެއް ނެތް، އެކަކު އަނެކަކަށް ވަރަށް އަޅާލާ އޯގާތެރި ދެ މީހުން ކަމަށެވެ. ކައިވެންޏަށް ފަސް ކުދިން ލިބުނު ދުނިޔޭގައި ތިބީ ހަތަރު ކުދިންނެވެ. މާމަ/ކާފަ ދަރިންގެ އަދަދު 11 އަށް އަރަ އެވެ. އަދި މުނިމާމަ/ކާފަ ކުދިންގެ ގެ ގޮތުގައި 21 އަށް އަރާ އިރު، މުނިމުނި މާމަ/ކާފަދަރިންގެ އަދަދު ނުވައަކަށް އަރަ އެވެ.

"އެކަމަކު ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ލޮކްޑައުންގެ ސަބަބުން އާއިލާގެ ގިނަ ބަޔަކާ ދިމާނުވެ ވަރަށް ގިނަ ދުވަސްތަކެއް ހޭދަވެގެން ދިޔައިމަ އެ މީހުންގެ ފަރާތުން މިހާރު ކޮންމެވެސް ވަރަކަށް ނަފުސާނީ މައްސަލަތައް ފެނޭ،" ސިސިލިއާ ބުންޏެވެ. "މަންމަ އާއި ބައްޕަ އަކީ އަބަދު ވެސް އާއިލާ ގިނަ މީހުން ބައިވެރިވެގެން ގެޓް-ޓުގެދާ ބާއްވައި އެންމެން އެކީގައި ވަގުތު ހޭދަކުރަން ލޯބިކުރާ ދެ މީހުން. އެކަމަކު މި ބަލިމަޑުކަމުގެ ތެރޭގައި އެ ފުރުސަތު ވަނީ އެއްކޮށް ގެއްލިގެން ގޮސްފައި."

އޭނާ ކިޔައިދިން ގޮތުގައި އުމުރުން ކިތަންމެ ދުވަސް ވިޔަސް، ދެ މީހުންނަށް މިހާތަނަށް ސިއްހީ މާ ބޮޑެތި މައްސަލަތަކެއް ވެސް ދިމާވެފައެއް ނެތެވެ. އަދި ބައްޕަ އަކީ ކިރަށް ވަރަށް ލޯބިކުރާ މީހެއް ކަމަށާއި ޓީވީ ބެލުމަކީ ބައްޕަ ވަރަށް ގަޔާވާ ކަމެއް ކަމަށް ބުންޏެވެ. ސިސިލިއާ ބުނިގޮތުގައި މަންމަ އަކީ ނޫސްކިޔަން އާދަޔާހިލާފު ޝައުގުވެރިކަމެއް އަބަދު ވެސް ދޭ އަދި ފޮނިކާތަކެއްޗަށް ވެސް ވަރަށް ލޯބިކުރާ މީހެކެވެ.

މީގެ ކުރިން ދުނިޔޭގެ އެންމެ ދުވަސްވީ ކައިވެނީގެ ޖޯޑުގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދީ 2011 ގައި މަރުވެފައިވާ ހާބާޓް ފިޝާ އާއި ޒެލްމީރާއަށެވެ. އެ ދެ މީހުންގެ ކައިވެނި 86 އަހަރާއި 290 ދުވަހަށް ދެމިގެން ގޮސްފައިވެ އެވެ.