ހޮންގް ކޮންގާއި ލޮސް އެންޖަލިސް ކޭބަލުން ގުޅުވާލުމުގެ މަސައްކަތް ހުއްޓާލައިފި

އެމެރިކާގެ ލޮސް އެންޖަލިސް އާއި ހޮންގް ކޮންގް، ކަނޑު އަޑިން، ކޭބަލް މެދުވެރިކޮށް ގުޅުވާލަން ކުރި މަސައްކަތްތައް ހުއްޓާލައިފި އެވެ. މިއީ ގޫގުލް އަދި ފޭސްބުކުން ރާވައި ހިންގާ މަސައްކަތްތަކެކެވެ.


ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތައް ކޭބަލް މެދުވެރިކޮށް ކަނޑުއަޑިން ގުޅުވާލުމަށް "ޕެސިފިކް ލައިޓް ކޭބަލް ނެޓްވޯކް" ބޭނުންކުރެ އެވެ. އެމެރިކާ، ޓައިވާން އަދި ފިލިޕީންސް މިހާރު ވެސް އޮންނަނީ މި ނެޓްވޯކް މެދުވެރިކޮށް ގުޅުވާލައިފަ އެވެ.

ހޮންގް ކޮންގް، ކޭބަލް މެދުވެރިކޮށް ކައިރި ގައުމުތަކާ ގުޅުވާލުމުގައި ޗައިނާގެ ދައުރު ވަރަށް ބޮޑެވެ. މި ބޭނުމުގައި މިހާރު ބޭނުންހިފޭ ނެޓްވޯކް ކޮންޓްރޯލްކުރުމުގައި، "ޑޮކްޓަ ޕެންގް ޓެލެކޮމް އެންޑް މީޑިއާ ގުރޫޕް"ގެ ދައުރު ވަރަށް ބޮޑެވެ. މިއީ އެމެރިކާ އަށް ކަމުދާ ކަމަކަށް ނުވެ އެވެ.

އެމެރިކާ އިން ބޭރުވާ އެއްވެސް ކޭބަލަކުން ހޮންގް ކޮންގް އަށް ކޮޅެއް ދިނުމަކީ އެމެރިކާ ދެކޭ ގޮތުގައި ގައުމީ ސަލާމަތަށް ނުރައްކަލެކެވެ. ހޮންގް ކޮންގް ގައި ޗައިނާގެ ބާރު އޮތުމާ އެކު، ކަނޑު އަޑިން ކޭބަލަށް ގޮތެއް ހަދައިގެން ޖާސޫސްކުރުމަކީ ޗައިނާއިން ކޮށްފާނެ ކަމެކެވެ. ފުން ކަނޑަށް ފަރިތަ ޑަވަރުން ބޭނުންކޮށްގެން ކޭބަލުން ކޮޅެއް ނަގައި ޗައިނާ އަށް މަގުފަހިކުރުމަކީ ކޮށްފާނެ ކަމެެކެވެ. ލޮސް އެންޖަލިސް އިން ސީދާ އަންނަ ކޭބަލް ހޮންގް ކޮންގަށް ގުޅުމަށް އެމެރިކާ އިންކާރުކުރަނީ މިހެންވެ އެވެ.

ގޫގުލް އަދި ފޭސްބުކުން ރާވާފައި ވަނީ ހޮންގް ކޮންގަށް ބާރުގަދަ ކޭބަލެއް އެޅުމަށެވެ. އެއީ 120 ޓެރަބައިޓްގެ ޑޭޓާ އުފުލޭ ވަރުގެ ކޭބަލެކެވެ. ގޫގުލުން ބުނާ ގޮތުގައި އެ މިންވަރުން އެއްފަހަރާ 80 މިލިއަން "ހައި ޑެފިނިޝަން' ކޮންފަރެންސް ކޯލް ފަސޭހަކަމާ އެކު ގުޅާލެވޭނެ އެވެ.