މައިކްރޮސޮފްޓް ފްލައިޓް ސިމިއުލޭޓާ ބިމުން ހަވަޔަށް

މައިކްރޮސޮފްޓް ފްލައިޓް ސިމިއުލޭޓާ ވަރަށް ކާމިޔާބު ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެ ކުންފުނިން ބުނި ގޮތުގައި، އެއް މިލިއަނަށް ވުރެ ގިނަ ކުޅުންތެރިން މި ސީރީޒް ކުޅޭކަން "އެކްސްބޮކްސް ގޭމް ޕާސް" ސަބްސްކްރިޕްޝަންތަކުން ކަށަވަރުކުރެވެ އެވެ.


"އެކްސްބޮކްސް ގޭމް ޕާސް" އަކީ، އެކްސްބޮކްސް ގޭމް ކޮންސޯލް މެދުވެރިކޮށް ގޭމް ކުޅުމަށް، ޖޫން 1، 2017 އިން ފެށިގެން މައިކްރޮސޮފްޓުން ކުރަމުން އަންނަ ވިޔަފާރިއެކެވެ. މި ވިޔަފާރި މިހާރު ވަނީ ވިންޑޯޒް 10 ކޮމްޕިއުޓަރުތަކަށް ވެސް ފޯރައިފަ އެވެ.

މައިކްރޮސޮފްޓުން ބުނި ގޮތުގައި 37 އަހަރު ކަޑައްތުކޮށް މިއަދާ ހަމަ އަށް ފްލައިޓް ސިމިއުލޭޓާ ދެމެހެއްޓިފައި ވާއިރު، މި އަށް ވުރެ ވަކިން ކާމިޔާބު ގޭމް ސީރީޒެއް މައިކްރޮސޮފްޓަށް ނިސްބަތެއް ނުވެ އެވެ. މި ސީރީޒަށް އަލަށް ބާބެއް އިތުރުކުރެވޭ ކޮންމެ ފަހަރަކު، ޕައިލެޓުންނާއި، ބޯޓް ދުއްވަން ދަސްކުރާ މީހުން އަދި ގޭމް ކުޅުންތެރިން މި މާހައުލަށް އެއްވެ ފޯރިނަގަ އެވެ.

"އެކްސްބޮކްސް ގޭމް ޕާސް"އާ ގުޅޭ ގޮތުން ވާހަކަދައްކަމުން، "މައިކްރޮސޮފްޓް ހެޑް އޮފް ފްލައިޓް ސިމިއުލޭޓާ"، ޔޯގް ނިއުމަން ދިން މައުލޫމާތު މުޅިން ސައްހައެއް ނޫނެވެ. އޭނާ ބުނި ގޮތުގައި، "އެކްސްބޮކްސް ގޭމް ޕާސް" އަކީ ކޮމްޕިއުޓާ ގޭމް ހަޔާތުގައި ދިގު ތާރީޚެއް އޮތް ޚިދުމަތެކެވެ. އެހެން ނަމަވެސް، މި ވިޔަފާރި ކޮމްޕިއުޓަރުތަކަށް ތައާރުފުކުރީ، "އިލެކްޓްރޯނިކް އެންޓަޓެއިންމަންޓް އެކްސްޕޯ 2019" – (E3 2019) ގަ އެވެ. މި މައުރަޒު އޮތީ ފާއިތުވި އަހަރު ޖޫން 11-13 އަށެވެ.

މައިކްރޮސޮފްޓް ވިންޑޯޒްގައި ކުޅެވޭ ގޮތަށް ވީޑިއޯ ގޭމްތައް އުފައްދަން ފެށި ދުވަސްވަރު، މައިކްރޮސޮފްޓަކީ ގޭމް މާކެޓްގައި އަޑުގަދަ ނަމެކެވެ. އެހެން ނަމަވެސް، ތާރީޚާ އެކު އެ އަޑު ފަނޑުވެ ވަނީ ގޮސްފަ އެވެ.

ވީޑިއޯ ގޭމްތަކާ ބެހޭ ގޮތުން ފާޑުކިޔައި އަދި ކުދިކިޔާ މީހުން ބުނާ ގޮތުގައި، ފްލައިޓް ސިމިއުޅޭޓާ 2020 އަކީ، ގޭމް މާކެޓުން ތަންގަޑެއް ނައްޓާލުމަށް މައިކްރޮސޮފްޓަށް އަލުން ލިބުނު ފުރުސަތެކެވެ. ހިކުމަތްތެރިކަމާ އެކު ވިޔަފާރިކޮށްފި ނަމަ މައިކްރޮސޮފްޓާ އެއްކޮޅަށް މަސްލަހަތު ލަންބާލަން ރަނުގެ ފުރުސަތެކެވެ.