ވީގޮތެއް ނޭނގި ޕާކިސްތާނުގައި ކޮވިޑް ކޮންޓްރޯލްވެފައި!

ޕާކިސްތާނުގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު އެ ގައުމުގެ ހާލަތު އެހެން ގައުމުތަކަށް ވުރެ ގޯސްވެދާނެ ކަމަށް ތަޖުރިބާކާރުން އިންޒާރު ދެމުން ދިޔަ އެވެ. އެއީ ތޮއްޖެހުން ބޮޑުކޮށް މީހުން ދިރިއުޅުމާއި ފެންވަރު ދަށް ހޮސްޕިޓަލްތައް ގިނަކަމުންނެވެ. އެކަމަކު އެ ގައުމުން ކޮވިޑް ކޭސްއެއް ފެނުނުތާ ހަ މަސް ވެގެން ދިޔައިރު މަންޒަރު ފެންނަނީ ދިމާ އިދިކޮޅަށެވެ.


ކޭސްތައް އިތުރުވެގެން ދިއުމަށް ފަހު މަދުވާން ފެށި ގޮތަށް މިހާރު ހުރީ ވަރަށް ދަށުގަ އެވެ. ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ވެސް ދުވާލަކަށް 10 އިން ދަށުގަ އެވެ. ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމުގައި އަބަދުވެސް ފެއިލްވާ ގައުމެއްގެ ގޮތުގައި ނަން ވެފައި އޮތަސް ކޮވިޑްގައި މި ދިމާވި ގޮތުން ވަރަށް ގިނަ ސުވާލުތައް ވަނީ އުފެދިފަ އެވެ.

"ކޮވިޑް ކޭސްތައް ދަށަށް ދާ ސަބަބު ބުނެދޭން އެކަކަށް ވެސް ނޭނގެ ... ޔަގީންކަމާ އެކު މިކަމުގެ ސަބަބެއް ބުނާކަށް އަހަރެމެންނަކަށް ވެސް ނޭނގެ،" ލާހޯރްގެ ސާވިސް ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށްވާ ސަލްމާން ހަސީބް އޭއެފްޕީ އަށް ވިދާޅުވެފައިވެ އެވެ.

އާބާދީ އާއި ޒުވާނުންގެ އަދަދަކީ ސަބަބެއްތަ؟

ކޮވިޑްގެ ކޭސްތައް މަދުވި ސަބަބަކާ ބެހޭ ގޮތުން ޕާކިސްތާނުގެ އެކި މީހުން ދައްކަނީ އެކި ވާހަކަ އެވެ. އެއްބަޔަކު ބުނަނީ އާބާދީގައި ޒުވާނުން ގިނަކަމުން ބަލި ސީރިއަސް ނުވަނީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ޕާކިސްތާނުގެ ހޫނު މޫސުމުގެ ސަބަބުން ކަމަށެވެ. ޕާކިސްތާނު މީހުންގެ ހަށިގަނޑުގައި ބައްޔާ ދެކޮޅަށް ހަނގުރާމަކުރުމުގެ ބާރެއް ހުންނަނީ ކަމަށް ވެސް އެއްބަޔަކު އެބަ ބުނެ އެވެ. މިއިން އެއްވެސް ކަމެއް އެއްވެސް މީހަކަށް ޔަގީނެއް ނޫނެވެ.

ޕާކިސްތާނުގެ މީޑިއަން އޭޖަކީ އެންމެ 22 އެވެ. ކޮވިޑްގައި އެންމެ ނުރައްކާވަނީ އުމުރުން ދުވަސްވީ އަދި އެހެން ބަލިތައް ހުންނަ މީހުންނަށް ކަމަށް ވާއިރު ޕާކިސްތާނުގައި ނިސްބަތުން މި އުމުރުގެ މީހުން މަދެވެ. ކޮވިޑްގައި ގިނަ އަދަދެއްގެ މީހުން މަރުވި އިޓަލީގެ މީޑިއަން އޭޖަކީ 46.5 އެވެ. އެ ގައުމުން ކޮވިޑްގައި 35،000 މީހުން މަރުވެފައި ވާއިރު ޕާކިސްތާނުން މިހާތަނަށް މަރުވެފައިވަނީ 6،300 މީހުންނެވެ.

ޕާކިސްތާނުގައި ކޮވިޑް-19 ޖެހިގެން މީހުން މަރުވި އަދަދު ބަދަލުވަމުން އައި ގޮތް

ޕާކިސްތާނުން މިހާތަނަށް 295،000 މީހަކަށް ކޮވިޑް ޖެހިފައި ވާއިރު މިހާރު ކޮންމެ ދުވަހެއްގެ ކޭސް އެވްރެޖް އުޅެނީ 100 އިން ގުނާލެވޭ ވަރުގަ އެވެ.

ވާދަވެރި އިންޑިއާގެ މީޑިއަން އޭޖަކީ 26 ކަމަށް ވާއިރު މިއީ ޕާކިސްތާނާ މިކަމުގައި މާ ބޮޑު ތަފާތެއް ނެތެވެ. ތޮއްޖެހުން ވެސް ކުޑައެއް ނޫނެވެ. އެކަމަކު ޕާކިސްތާނުގައި ކޭސްތައް ދަށްވެގެން ދިޔަ ގޮތަށް އިންޑިއާގައި ދަށެއް ނުވެ އެވެ. ބަލި ޖެހޭ މީހުންގެ އަދަދު މުޅި ދުނިޔޭގައި ވެސް އެންމެ މަތީގައި ހުރީ މިހާރު އިންޑިއާގަ އެވެ. ބަލީގައި 64،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު މިއީ ދުނިޔޭގެ ނިސްބަތުން ތިން ވަނަ އަށް އެންމެ ގިނައިން ކޮވިޑްގައި މީހުން މަރުވި ގައުމެވެ.

ބަލިވެގެން ޑޮކްޓަރަށް ދެއްކުން ވަރަށް މަދުވެއްޖެ

ޕާކިސްތާނުގައި ކޮވިޑް ފެތުރެން ފަށައި ފަހު ޖޫން މަހާ ހިސާބަށް ދިޔަ އިރު ހޮސްޕިޓަލްތަކަށް ބާރު ބޮޑުވާން ފެށި އެވެ. އާންމު ހޮސްޕިޓަލްތަކަށް ކުޅަދާނަ ނުވެގެން، ކޮވިޑަށް ހާއްސަކޮށް ހެދި މެޑިކަލް ފެސިލިޓީއަކަށް ވެސް މީހުން ފޮނުވި އެވެ.

ބައެއް މީހުން ބުނަނީ ޕާކިސްތާނުގައި ކޮވިޑް ޖެހޭ މީހުން މަދުވީ ނޫން ކަމަށާއި ޓެސްޓްކުރުން މަދުކަމުން ކޭސްތައް ފެންނަލެއް މަދީ ކަމަށެވެ. އެގޮތަށް ބުނަނީ ލާހޯރްގައި ހެދި ޓެސްޓްތަކަކުން ވެސް އާބާދިގެ ހަތް ޕަސެންޓް މީހުން ބައްޔަށް ހުށަހެޅިފައިވާނެ ކަމަށް ބެލެވިފައި ވާތީ އެވެ.

އެކަމަކު ބަލިވެގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުން މަދުކަން ޕާކިސްތާނުގެ ހޮސްޕިޓަލްތަކުގެ ރެކޯޑްތަކުން ދެއްކުމަކީ ކޮވިޑް ކޭސްތައް ވެސް މަދުވަމުންދާކަން ސާބިތުކޮށްދޭ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. މި ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ބުނަނީ ކޮވިޑްގައި ހާލު ބޮޑުވެގެން މީހުން ޑޮކްޓަރަށް ދައްކަން އައުން މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

"ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް އުފާކުރަންޖެހޭ ކަމަކީ، ކޮވިޑްގެ ފުރަތަމަ ވޭވް ޕާކިސްތާނުގައި މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވުން. ޕާކިސްތާންގެ މުލްތާންގެ ނިޝްތާރް ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށްވާ ޚިޒާރް ހަޔާތު އޭއެފްޕީ އަށް ވިދާޅުވި އެވެ.

ލޮކްޑައުން ކުރި ގޮތް މޮޅީ؟

ޕާކިސްތާނުން ވެސް ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާ އެކު އަދި ބަލި ފެތުރެން ފެށުމުން ލޮކްޑައުން އަކަށް ދިޔަ އެވެ. އެކަމަކު އެއީ ވަރަށް ލުއި ގޮތަކަށެވެ. އަދި ދުވަސްކޮޅެއް ފަހުން މި ނިންމުން ބަދަލުކުރި އެވެ. ގައިޑްލައިންތަކެއް އިއުލާނުކޮށްފައި އޮތަސް، ސޯޝަލް ޑިސްޓެންސިން އަށް ތަބާވާ މީހުން މަދެވެ. މާރުކޭޓްތަކާއި މިސްކިތްތަކަށް މީހުން ޖަމާވެ އުޅެން ފެށި އެވެ.

ޕާކިސްތާނުގައި ބަލި ކޮންޓްރޯލްވެފައި އޮތުމުގެ ކްރެޑިޓް އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ޚާން ނަންގަވަނީ "ސްމާޓް ލޮކްޑައުން" ގެ ނަތީޖާ ކަމަށް ވިދާޅުވަމުންނެވެ. އެކަމަކު މި ލޮކްޑައުންގެ އުސޫލުތައް ތަންފީޒެއް ނުވެ އެވެ. އަދި މިދިޔަ މަހު ވަނީ އެންމެ ފަހުން އަޅާފައި ހުރި ފިޔަވަޅުތަކަށް ވެސް ލުއި ދީފަ އެވެ. ކޭސްތައް މަދުވަމުން ދިއުމުން ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ސިނަމާތަކާއި ޕާކުތަކާއި ޔުނިވަސިޓީތަކާއި ސްކޫލްތައް ވެސް ހުޅުވީ އެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ވެސް ވަނީ އަލުން ފަށައިފަ އެވެ.

ޕާކިސްތާނުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ބަދަލުވަމުން އައި ގޮތް

އާންމުންގެ ތެރެއަށް ނުކުމެ އުޅޭއިރު މާސްކް އަޅައިގެން އުޅޭ މީހަކު ވެސް މިހާރު ފެންނަނީ މަދުންނެވެ.

މި ހުރިހާ ކަމަކާ ހެދި، ތަޖުރިބާކާރުން އަންނަނީ ޕާކިސްތާނުގައި އަނެއްކާވެސް ކޭސްތައް ގިނަވެދާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ.

"މީހުންނަށް ހީވަނީ މި ގައުމުގައި ކޮވިޑް-19 މި ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް. އެކަމަކު އަލުން ފެތުރެން ފެށުމުގެ ފުރުސަތު އަދިވެސް އެބަ އޮތް،" ޕާކިސްތާނުގެ މައިކްރޮބައޮލޮޖިސްޓެއް ކަމަށްވާ ހަސަން ވަސީމް އޭއެޕްޕީ އަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ޑޮކްޓަރުން ގަބޫލުކުރައްވަނީ ޕާކިސްތާނުގައި ކޮވިޑްގެ ޕީކް ތަޖުރިބާކުރެވި ކޭސްތައް މަދުވާން ފެށީ ކަމަށެވެ.

"ޔަގީންކަމާ އެކު ބުނަން ކެރިދާނެ އަލުން ކޭސްތައް ގިނަ ނުވާނެ ކަމަށް. ޕާކިސްތާނުގައި އެންމެ ތޮއްޖެހުން ބޮޑު ސަރަހައްދުތައް ކަމަށްވާ ލާހޯރް ފަދަ ތަންތަނުގައި މިހާރު ވަނީ މި ބަލީގެ އެންމެ ގޯސް ހާލަތު ތަޖުރިބާކޮށްފައި،" ޗުގާތީ ލެބްގެ ޑިޕާޓްމަންޓް އޮފް ވައިރޮލޮޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ހެޑް، ޒަމާން ތާރިގް އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

އެކަމަކު އޭނާ ވެސް ވިދާޅުވީ ވައިރަސް ނެތިގެން ދިޔައީ ކަމަށް އަދި ބަލައިގެން ނުވާނެ ކަމަށެވެ. -- އޭއެފްޕީ