ރެކޯޑެއް ހަދަން ގަނޑުފެނުގެ ތެރޭގައި 2 ގަޑި 30 މިނެޓް

ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދަން އޮސްޓްރިއާގެ މީހަކު، ގަނޑުފެން އެޅި ޓޭންކެއްގެ ތެރޭގައި ތިން ގަޑިއެއްހާ އިރު ހޭދަކޮށްފި އެވެ.


މިދިޔަ ހޮނިހިރު ދުވަހު، ހުޅަނގު ވިއެނާގެ އަވަށެއް ކަމަށްވާ މެލްކްގައި ބޭއްވި މި ހަރަކާތުގައި 1،800 ކިލޯގެ އައިސްކިއުބް އަޅާފައި ހުރި ޓޭންކްގެ ތެރޭގައި ޖޯސެފް ކޮއޭބާލް ކިޔާ 43 އަހަރުގެ ފިރިހެން މީހާ ދެ ގަޑިއިރާއި 30 މިނިޓާއި 53 ސިކުންތު ހޭދަކޮށްފައިވެ އެވެ. އޭނާގެ ޓޭންކްގެ ތެރޭގައި އިނީ އަޑިން ލާފައި އިން ސްވިމް ޓްރަކް ފިޔަވައި އިތުރު އަންނައުނަކާ ނުލަ އެވެ.

ޓޭންކްގެ ތެރޭގައި ޖޯސެފް ހޭދަކުރި އިރު، އޭނާގެ ކޮނޑާ ހަމައަށް އައިސްކިއުބްތައް އަޅާފައި ހުއްޓެވެ.

ގަނޑުފެން ޓޭންކެއް ތެރޭގައި އެންމެ ގިނަ ވަގުތު ހޭދަކުރުމުގެ ރަސްމީ ރެކޯޑް މި ވަގުތު އޮތީ ޗައިނާގެ ސޮންގާއޯ ޖިންގެ އަތުގަ އެވެ. އޭނާ އެ ރެކޯޑް 2014 ގައި ހެދީ އައިސްކިއުބް އަޅާފައިވާ ޓޭންކް ތެރޭގައި އެއް ގަޑިއިރާއި 53 މިނިޓާއި 10 ސިކުންތު ހޭދަކޮށްގެންނެވެ.

ޖޯސެފް ވަގުތު ހޭދަކިރި ގަނޑުފެން އެޅި ޓޭންކް ކައިރީގައި ބަޔަކު ހަރަކާތްތެރި ވަނީ.

ޖިންގެ ރެކޯޑަށް ވުރެ ގިނަ ވަގުތު ގަނޑުފެން ޓޭންކްގެ ތެރޭގައި ހޭދަކޮށްގެން ރެކޯޑް މުގުރައިލަން ކުރި މަސައްކަތް ކާމިޔާބުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ޖޯސެފް ބުންޏެވެ. މިދިޔަ އަހަރު ވެސް އޭނާ ރެކޯޑް ކަށަވަރުކުރަން މަސައްކަތްކުރި އެވެ. އެ ފަހަރު ޓޭންކް ތެރޭގައި ހޭދަކުރެވުނީ ދެ ގަޑިއިރާއި އަށް މިނިޓަށެވެ.

"އަހަރެން ބޭނުން ރެކޯޑް ކަށަވަރުކުރަން. އެކަން ކާމިޔާބުވަންދެން މިކަން ކުރާނަން،" ޖޯސެފް ބުންޏެވެ. "ޓާގެޓަކީ އެންމެ މަދުވެގެން ވެސް ތިން ގަޑިއިރު ހޭދަކުރުން. އަދި ކޮންމެ ކަމަކަށް ވެސް ހިތްވަރުކޮށްފި ނަމަ ކާމިޔާބުވާނެކަން އަހަރެން ގަބޫލުކުރަން."

އޭނާ ބުނިގޮތުގައި ގަނޑުފެނުގެ ތެރޭގައި ވަގުތު ހޭދަކުރުމުގެ މައިގަނޑު އެއް މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ގަނޑުފެންތައް ވިރެވެމުންދާ މައްސަލަ އަށް ހޭލުންތެރިކަން އުފެއްދުމެވެ.

"އަންނަ އަހަރު އަނެއްކާ އަހަރެން މިކަން ކުރާނަން. އަދި މިކަން ކުރަން ބޭނުން ވަނީ ވެސް ތަންކޮޅެއް ޗެލެންޖިން ލޮކޭޝަނެއްގައި،" ޖޯސެފް ބުންޏެވެ. "އެހެންވެ އެމެރިކާގެ ލޮސް އެންޖެލިސް އަކީ އަންނަ އަހަރު މިކަން ކުރަން ހިތުލައިގެން އުޅޭ ތަނެއް."