ޑްރައިވަރަކު 7 ލައްކަ ރުޕީސްގެ ތަކެތި ހުރި ދަބަހެއް ރައްދުކޮށްފި

އިންޑިއާގެ ޕޫނޭގެ ރިކްޝާއެއްގެ ތެރޭގައި ދެމަފިރިއަކަށް ބާއްވާފައި ދެވުނު ހަތް ލައްކަ ރުޕީސްގެ ސާމާނު ހުރި ދަބަހެއް ފުލުހުންނާ ހަވާލުކޮށްފި އެވެ.


މީޑިއާތަކުން ބުނީ މިކަން ހިގާފައި ވަނީ މިދިޔަ ބުދަ ދުވަހު ޕޫނޭގެ ކޭޝަވް-ނަގަރްގައި ކަމަށެވެ. ދަބަސް ހަވާލުކުރި 60 އަހަރުގެ ޑްރައިވަރު ވިއްތާލް މަޕާރޭ މީޑިއާތަކަށް ބުނީ އޭނާ އަށް ދަބަސް ފެނުނީ ރިކްޝާ ޕާކްކުރަނިކޮށް ކަމަށެވެ.

"ނާސްތާކޮށްލަންވެގެން ރިކްޝާ ޕާކްކުރަނިކޮށް ފަހަތު ސީޓުން ދަބަސް ފެނުނީ. ދެން ވަގުތުން އެ ހުޅުވާ ވެސް ނުލައި ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް ހިފައިގެން ދިޔައީ،" އޭނާ ބުންޏެވެ.

ޕޮލިސް ސްޓޭޝަނަށް ދަބަސް ގެންދިއުމުން އެ ހުޅުވީ ސަބް-އިންސްޕެކްޓަރެއް ކަމަށްވާ ވިޖޭ ކަދަމް އެވެ. ދަބަހުގެ ތެރޭގައި ހުރި ތަކެތި ނެގި އިރު 20،000 ރުޕީސްގެ ނަގުދު ފައިސާ އާއި ރަނުގެ ގަހަނާ އާއި އާ އަންނައުނުތަކެއް ވެސް ހުއްޓެވެ. ދަބަހުގައި ކުރި އެއްޗެހީގެ ޖުމްލަ 7 ލައްކަ ރުޕީސް އަށް އަރާ ކަމަށް ވިޖޭ ވިދާޅުވި އެވެ.

ޑްރައިވަރު ދަބަސް ހަވާލުކުރި އިރު އޭގެ ވެރިން ކަމަށްވާ މެހްބޫބް އާއި ޝެނާޒް ޝެއިހް ކިޔާ ދެމަފިރިން ވަނީ ދަބަސް ގެއްލިގެން ޕޫނޭގެ ހަދަސްޕޫރަށް ފުލުހުންނަށް ރިޕޯޓް ވެސް ކޮށްފަ އެވެ. އަދި އެ މައުލޫމާތު، ވިޖޭ މަސައްކަތްކުރާ ސްޓޭޝަނާ ހިއްސާކޮށްފައި އޮތުމުން ވަގުތުން ދަބަސް ހަވާލުކުރުމުގެ މަސައްކަތްކޮށްފައިވެ އެވެ.

ޑްރައިވަރެއްގެ ތެދުވެރިކަމާ އެކު، ބައެއްގެ އަގުހުރި ތަކެތި އަނބުރާ ލިބިފައިވާތީ ޕޫނޭގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ސުހާޝް ބޯޗޭ ޑްރައިވަރުގެ މަސައްކަތް ފާހަގަކުރައްވައި ހަނދާނީ ލިޔުމެއް ވެސް ދިން ކަމަށް މީޑިއާތަކުން ބުންޏެވެ.