އިންޑިއާ އިން ދެވަނަ "މުހައްމަދު ރަފީ"އެއް

މިދިޔަ އަހަރު އިންޑިއާގެ މީޑިއާތަކުގައި އެންމެ ގިނައިން ދެކެވުނު އެއް ވާހަކަ އަކީ ލަތާ މަންގޭޝްކަރާ ވައްތަރުކޮށް ލަވަކިޔާ ރާނޫ މޮންޑާލްގެ ވާހަކަ އެވެ. ރޭލު ސްޓޭޝަނެއްގެ ޕްލެޓްފޯމްމަތީގައި، އާމްދަނީ ހޯދަން ލަވަކިޔަމުން ދިޔަ ރާނޫ، 60، އަށް ލިބުނު މަޝްހޫރުކަމާ އެކު ފަހުން ވެބޮލީވުޑްގެ ފިލްމުތަކަށް ވެސް ލަވަ ކިޔަން ފުރުސަތު ލިބުނެވެ.


މި ފަހަރު ކެރެލާގެ ޒުވާނެއް ކަމަށްވާ ސޯރަވް ކިޝަން އެވެ. އޭނާ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އަމިއްލަ އަށް ކިޔާފައިވާ ލަވަތަކެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކީގަ އެވެ.

އެ ވީޑިއޯތަގައި ފެންނަނީ އިންޑިއާ ދުށް އެންމެ ހުނަރުވެރި ފިރިހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނުނު މުހައްމަދު ރަފީ ކިޔާފައިވާ "ތެރެ އާނކޯ ކެ ސިވާ" އާއި "ޗޯންދުވި ކަ ޗާންދު" ތަނެވެ. އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް "ތެރެ އާނކޯ ކެ ސިވާ" އަކީ 1969 ގެ ފިލްމު "ޗިރާގް" އަށް ރަފީ އާއި ލަތާ ކިޔާފައިވާ ޑުއެޓެކެވެ. "ޗޯންދަވީ ކާ ޗާންދު" އަކީ ހަމަ އެ ނަމުގައި 1960 ގައި ގެނެސްދިން ފިލްމަށް ރަފީ ކިޔާފައިވާ ލަވައެކެވެ.

ސޯރަވް "ތެރެ އާނކޯ ކެ ސިވާ" ކިޔާ ވީޑިއޯއާ އެކު ގިނަ ބަޔަކު ވަނީ އިންޑިއާ އަށް އަލުން ރަފީއެއް ލިބިއްޖެ ކަމަށް ބުނެފަ އެވެ. ޓްވިޓާގައި ސޯރަވްގެ ހުނަރަށް ތައުރީފުރަމުން ވަރަށް ގިނަ ބަޔަކު އޭނާގެ އަޑާއި ލަވަ ކިޔާފައިވާ ފާޑުވެރކަމުގެ ސަބަބުން ރަފީގެ އަޑާ ވަރަށް ވެސް ވައްތަރު ކަމަށް ބުނެފަ އެވެ. އަދި ސޯރަވްގެ އަޑު ވިޑީއޯއާ ނުލައި އަޑު އަހާލައިފި ނަމަ ހީވަނީ ހަމަ ސީދާ ރަފީގެ އަޑުއިވޭހެން ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެފައިވެ އެވެ. ބައެއް މީހުން މިހާރު ސޯރަވަށް ކިޔަނީ ވެސް "ޗޯޓާ ރަފީ" އެވެ.

ގިނަ ބަޔަކު ބުނެފައި ވަނީ އިންޑިއާގެ މިއުޒިކީ މަސްރަހަށް ދެ ވަނަ ރަފީއެއް އަންނާނެ ކަމަށް ދުށް ހުވަފެން މިއޮތީ ސޯރަވާ އެކީ ހަގީގަތަކަށްވެފައި ކަމަށެވެ. އެހެންވެ އެ ޒުވާނާ ކުރިއަރުވަން މަސައްކަތްކޮށްފި ނަމަ އިންޑިއާ ފަހުރުވެރިވާ ފަދަ ލަވަކިޔުންތެރިއަކަށް ވާނެ ކަމަށް ބުންޏެވެ.

ރަފީ އަކީ ހިންދީ ސިނަމާގެ ރަން ޒަމާނުގެ އެތައް ފިލްމަކަށް ރީތި އެތައް ލަވައެއް ކިޔައިދިން ފަންނާނެކެވެ. އޭނާގެ ގިނަ ލަވަތަކަކީ އޭގެ މިއުޒިކާއި އަސަރު ގަދަ ޅެންތަކާއި ރަފީގެ އަޑުން ހިތްތަކަށް ފިނިކަން ގެނެސްދޭ ފަންނާނެކެވެ. މިހާރު ވެސް ރަފީގެ ލަވަތައް އެހާމެ މަޝްހޫރެވެ. "އޯލްޑް އިޒް ގޯލްޑް" އޭ ބުނާހެން ރަފީ ދޫކޮށްލި ލަވަތަކީ ދުވަހަކު ވެސް ފަނޑުކަމެއް ނާންނާނެ ލަވަތަކެވެ.

ރަފީ ވަނީ އެންމެ 56 އަހަރުގައި 1980 ގައި މަރުވެފަ އެވެ. އެކަމަކު އެ އަޑެއް ދުވަހަކު ވެސް މަރެއް ނުވެ އެވެ.