ގެ ވިއްކާލައި ތިން ދަރިންނާ އެކު ޔޮޓެއްގައި ކަނޑުމަތީގައި

މި ދެމަފިރިން ތިން ކުދިންނާ އެކު މިހާރު ދިރިއުޅެނީ ކަނޑުމަތީގައި އެވެ. އިޓަލީގެ ލޮމްބާޑީ އަށް ނިސްބަތްވާ ސްޓެފާނޯސް އާއި ސާރާ ބާބެރިސް އެ މީހުން ދިރިއުޅުނު ގެ ވިއްކައިލީ މި އަހަރުގެ ކުރީކޮޅުގަ އެވެ. ބޭނުމަކަށްވީ އާއިލާ ގޮވައިގެން ދިރިއުޅުމުގެ ތަފާތު ތަޖުރިބާއެއް ކުރުމެވެ. އެހެންވެ ގެ ވިއްކާލާފައި ގަތީ 17 މީޓަރުގެ ޔޮޓެކެވެ. އެ މީހުންގެ ގެ އަކީ "ޝިބޫމީ" ގެން ނަން ދީފައިވާ މި ޔޮޓެވެ. ދިރިއުޅުމުގެ ހުރިހާ ވަގުތެއް، ކަމެއް އޮތީ ޔޮޓުގަ އެވެ.


ކުރިން ދެމަފިރިން ނިންމައިގެން ތިބީ މިދިޔަ ޖޫން މަހުގެ ތެރޭގައި ދަތުރަށް ނުކުންނާށެވެ. އެކަމަކު އެ މީހުންނަށް ވިސްނުނީ ކޮވިޑް-19 ގެ ހާލަތުގެ ކުރިން ގެ ވިއްކައިލި ނަމަވެސް ފަހުން ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ދެން ގެއެއްގައި ތިބުން އެހާ ރައްކާތެރި ނޫން ކަމަށެވެ. އެހެންވެ ކުރިން ރޭވި ގޮތަށް ވުރެ އަވަހަށް ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމުން ދަތުރަށް ނުކުތީ އެވެ. މި ދަތުރުގައި ސާރާ އާއި ސްޓެފެނޯސްއާ އެކު އެ މީހުންގެ ތިން ދަރިން ކަމަށްވާ އިއާގޯ، 11، އާއި ނީނާ، 8، އަދި ޓިމޯ، 3، ގެ އިތުރުން އެ މީހުންގެ ކުއްތާ ޕެޕާ ވެސް ބައިވެރިވެ އެވެ.

ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތްކުރާ ސާރާ ބުނީ މުޅި ދުނިޔެ އަށް ބޮޑު ބަލިމަޑުކަމެއް ފެތުރިފައި ވަނިކޮށް އެ މީހުން ޔޮޓް ދަތުރަކަށް ނުކުތުމުން ބައެއް މީހުން އެކަމަށް ފާޑު ވެސް ކިޔާފައިވާ ކަމަށެވެ. އެކަމަކު މިހާރު އެ ނިންމުމާ މެދު ކަންބޮޑުނުވާ ކަމަށް ބުންޏެވެ.

"އަހަރެމެން މި ދަތުރަށް ނުކުތީ އަހަރަކަށް ޕްލޭންކޮށްގެން ބޭނުންވާ ހުރިހާ އެއްޗެއް ވެސް ހިފައިގެން. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ބޭހާއި ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ބޭނުންކުރާނެ ސާމާނާ ވެސް އެކު،" ސާރާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ދަރިން ގޮވައިގެން ކަނޑުމަތީގެ އެޑްވެންޗާއަަކަށް ނުކުތުމަށް ކުރިން ބިރު ވެސް ގަތެވެ. ސަބަބަކީ ކިޔަވާ އުމުރުގެ ތިން ކުދިންގެ އާންމު ރޫޓިން އަށް މިކަމުގެ ސަބަބުން ބޮޑު ބަދަލެއް އަންނާނެތީ އެވެ.

"އެކަމަކު ސްކޫލަށް ގޮސް ފޮތުގައި ހުންނަ އެއްޗެހި ކިޔަވައިގެން ދިރިއުޅުން ދަސްކުރުމަށް ވުރެ އަމަލީ މައިދާން ތަޖުރިބާކުރަމުން ހުނަރު ތަރައްގީކުރުމަކީ މާ ރަނގަޅު ގޮތެއް،" ސާރާ ބުންޏެވެ. "ދަރިންނަށް ވެސް މިކަން މިހާރު މާ ރަނގަޅު. ވަރަށް އުފަލުން ތިން ކުދިން ވެސް ތިބީ."

އޭނާ ބުނީ އެޓްލާންޓިކް ކަނޑު ހުރަސްކުރުމާ އެކު ކެރީބިއަން ތަޖުރިބާކުރުމަކީ އެތައް ބައިވަރު ފިލާވަޅެއް ކަމަށެވެ. އެހެންވެ ޔޮޓްގެ ދަތުރުތަކުގެ ތެރެއިން ބައެއް ރަށްރަށް ކައިރީގައި ބަނދަރުކޮށް އެތަންތަނާ ބެހޭ މައުލޫމާތު އެއްކުރުމަށް ކުދިން ވަރަށް ލޯބިކުރި ކަމަށް ބުންޏެވެ. އަދި ދިމަދިމާލުގައި ބަނދަރުކުރާ އިރު އެންމެން ވެސް ތިބެނީ ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ވެސް އަޅައިގެންނެވެ.

"މިހާރު އަހަރެމެން އުފާކުރަން ގެ ދޫކޮށްލައި ކަނޑުމައްޗަށް ނުކުމެވުނުކަމަށްޓަކައި. އެހެން ނޫން ނަމަ ދަރިން ގޮވައިގެން ގޭގެ ހަތަރު ފާރުތެރޭގައި ބަންދުވެގެން ތިބެން ޖެހޭނީ. އެކަމުގެ ސަބަބުން ކުދިންނަށް އެތައް މައްސަތަކެއް ކުރިމަތިވާނެ،" ސާރާ ބުންޏެވެ. "މި ގޮތަށް ދަތުރުކުރަމުން ގުދުރަތީ މާހައުލުގެ ތެރޭގައި އެތަންތަން ތަޖުރިބާކުރަމުން ދިރިއުޅުމާއިގެން ކުރިއަށް ގެންދިއުން ހުރިހާ ގޮތަކުން ވެސް އަހަރެމެންނަށް މާ ހިތްފަސޭހަ."

ސާރާ ބުނީ ޔޮޓް ދަތުރަކަށް ނުކުތުމަކީ ހަރަދު ވެސް ބޮޑު ކަމެއް ނޫން ކަމަށެވެ.

"ހަމަ ގައިމުގައި ވެސް ގެއެއްގައި އުޅޭ އިރު ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދަށް ވުރެ އެތައް ގުނަ ހަރަދު ކުޑަ،" އޭނާ ބުންޏެވެ.