އެއްފަހަރާ އެކި ޑިވަސްތަކުން ވަޓްސްއެޕަށް ލޮގިންވެވޭ ގޮތް ހަދަނީ

ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕްގެ އެއް އެކައުންޓަކަށް އެއްފަހަރާ އެކި ޑިވައިސްތަކުން ލޮގިންކޮށްގެން ބޭނުންކުރެވޭ ގޮތް ވަރަށް އަވަހަށް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އެ ފީޗާ މިހާރު އެންޑްރޮއިޑާއި އައިއޯސް ބީޓާގައި ޓެސްޓް ވެސް ކުރަމުން އަންނަ ކަމަށެވެ. މި ބަދަލާ އެކު ހަތަރު ޑިވައިސްއަކުން އެއް އެކައުންޓް ބޭނުންކުރެވޭނެ އެވެ. އޭގެ މާނަ އަކީ މައި ޑިވައިސްއާ ލިންކް ނުކޮށް، ވަޓްސްއެޕް އިތުރު ޑިވައިސްތަކުގައި ބޭނުންކުރެވުމެވެ. މިހާރު އަމަލުކުރާ އުސޫލަށް ބަލާ އިރު ވަޓްސްއެޕް ވެބް ވެސް މަސައްކަތްކުރަނީ މައި އެކައުންޓާ ގުޅުވާލައިގެންނެވެ.

މިކަމާ ބެހޭ ގޮތުން ވަޓްސްއެޕާއި ފޭސްބުކުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ވެބީޓާއިންފޯ އިން ބުނި ގޮތުގައި އާ ފީޗާގެ މަސައްކަތް ކުރަމުން އަންނަތާ ވެސް މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. އެހެންވެ މާ ލަސްތަކެއް ނުވެ، އާ ފީޗާ ލިބެން ފަށާނެ އެވެ.

އެ ނޫހުން ބުނި ގޮތުގައި އާ ފީޗާ ލިބެން ފަށާއިރު މިހާރާ ހިލާފަށް އެންޑްރޮއިޑް ޓެބްލެޓާއި އައިޕެޑުން ވެސް ވަޓްސްއެޕް ބޭނުންކުރެވޭނެ އެވެ. އަދި އެ ފީޗާއާ އެކު މުއާމަލާތްތަކުގެ ރައްކާތެރިކޮށް ކަށަވަރުކޮށް ދިނުމުގެ ފިޔަވަޅުތައް ވެސް އިތުރަށް ވަރުގަދަކުރެވިފައި ހުންނާނެ އެވެ. އެގޮތުން އެއް ޑިވައިސް އިން އަނެއް ޑިވައިސް ވަޓްސްއެޕް ބޭނުންކުރުމުގައި ހިޖުރަކުރާ އިރު، ކުރީގެ ޑިވައިސް އިން މުއާމަލާތްތައް ބަންދުކޮށްލާނެ އެވެ. ވަޓްސްއެޕްގެ މައި އެކައުންޓަށް ލިބޭ ހުރިހާ ހިދުމަތެއް އާ ފީޗާގެ ތެރެއިން ނުލިބުނަސް މުހިއްމު ގިނަ ބައިތައް އޭގެ ތެރެއަށް އަންނާނެ އެވެ. އޭގެ ތެރޭގައި ޔުނިފައިޑް ޗެޓް ހިސްޓްރީ އާއި މިއުޓިން ޗެޓާއި "ސްޓާރިން" މެސެޖް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ވަޓްސްއެޕުން މިހާރު އަންނަނީ އޭގެ ސްޓޯރޭޖް ވެސް މިހާރަށް ވުރެ ވަރުގަދަކޮށް، ހަރުދަނާކުރުމުގެ ގޮތުން "ސްޓޯރޭޖް ޖޫޒޭޖް" ގެ ނަމުގައި ވެސް ފީޗާއެއް ދޫކޮށްލަން ތައްޔާރުވަމުންނެވެ. މީގެ ސަބަބުން "ވަޓްސްއެޕް މީޑިއާ" މެނޭޖްކުރަން ބޮޑު ލުއިކަމެއް ގެނެސްދޭނެ އެވެ.