އިނގިރޭސީ ޝާހީ އާއިލާގެ ދަތުރުތަކަށް 5.3 މިލިއަން ޕައުންޑް

އިނގިރޭސި ޝާހީ އާއިލާގެ އެކި ބޭފުޅުންގެ ރަސްމީ ދަތުރުތަކަށް މިދިޔަ އަހަރާއި މި އަހަރު 5.3 މިލިއަން ޕައުންޑް ހޭދަކޮށްފައިވާ ކަމަށް ބަކިންހަމް ޕެލަސްގެ ސޮވެރިން ގްރާންޓް ފައިނޭންޝަލް ރިޕޯޓްގައި ބުނެފި އެވެ.


ގައުމު ހިންގުމުގައި މާ ބޮޑު ޒިންމާއެއް ނެތް އެކަމަކު ރައްޔިތުންގެ ފައިސާ އިން ޝާހީ އާއިލާ ބަލަހައްޓަން ޖެހިފައި ވުމަކީ ފަހަކަށް އައިސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ކަމެކެވެ. ޕްރިންސް ޗާލްސްގެ ހަގު ދަރިކަލުން ޕްރިންސް ހެރީ ކައިވެންޏަށް ފަހު، މި އަހަރުގެ ކުރީކޮޅު ޝާހީ ޒިންމާތައް ވެސް ދޫކޮށްލައްވައި އަނބިކަނބަލުން މޭގަން މާކަލްއާ އެކު އެމެރިކާ އަށް ދިރިއުޅުއްވުން ބަދަކުރެއްވީ ވެސް ރައްޔިތުންގެ ފައިސާގައި ޖެހިވަޑައިނުގެން އަމިއްލަފުޅު ދިރިއުޅުމަކަށް ކަމަށް، ޝާހީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ޝާހީ އާއިލާގެ ބޭފުޅުންގެ ރަސްމީ ދަތުރުތަކަށް މިދިޔަ އަހަރު 5.3 މިލިއަން ޕައުންޑް (6.8 މިލިއަން ޑޮލަރު) ހޭދަކޮށްފައިވާ ކަމަށްވާ ސޮވެރިން ގްރާންޓް ފައިނޭންޝަލް ރިޕޯޓްގައި ބުނެފައިވާ އިރު އޭގެ ތެރެއިން 245,643 ޕައުންޑް (313,071,757 ޑޮލަރު) ހޭދަވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހެރީ އާއި މޭގަން އާއި އޭރު ހަތަރު މަހުގެ ދަރިކަލުންނާ އެކު އެފްރިކާ އަށް ކުރެއްވި ދަތުރަށެވެ. އެ ދަރުތުގެ ތެރެއިން ހެރީ މަލާވީ އާއި ބޮޓްސްވާނާ އާއި އެންގޯލާ އަށް ވެސް ދަތުރުކުރެއްވި އެވެ.

ސޮވެރިން ގްރާންޓް ފައިނޭންޝަލް ރިޕޯޓްގައިވާ ގޮތުން ހެރީ އާއި މޭގަން އެފްރިކާ އަށް ކުރެއްވި އެ ދަތުރަކީ ޝާހީ އާއިލާގެ ބޭފުޅުންތަކެއް މިދިޔަ އަހަރާއި މި އަހަރު ކުރެއްވި ދަތުރުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ދިޔަ ދަތުރެވެ. އެ ދަތުރަށް ހިނގި ހަރަދުތަކުގެ ތެރޭގައި ދެކުނު އެފްރިކާ އަށް ކުރެއްވި ޝެޑިއުލް ދަތުރުގެ ދެކޮޅު ހަރަދާއި ހެރީ މުވައްޒަފުންތަކެއް ގޮވައިގެން އާއިލާއާ ނުލައި ކުރެއްވި ޝެޑިއުލްތައް ދަތުރުތައް ވެސް ހިމެނެ އެވެ.

ސޮވެރިން ގްރާންޓް ފައިނޭންޝަލް ރިޕޯޓްގައި ބުނީ އެ ދަތުރުތަކަކީ ފޮރިން އޮފީހުން އިންތިޒާމުކޮށްގެން ކުރެއްވި ރަސްމީ ދަތުރުތަކެއް ނަމަވެސް، ޝާހީ ޒިންމާތައް ހެރީ ދޫކޮށްލައްވާފައިވާތީ އެފްރިކާ ދަތުރުތަކަށް ހޭދަވި ހަރަދު އަނބުރާ ދައްކަން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

ޝާހީ އާއިލާގެ ބޭފުޅުންގެ އިތުރު ދަތުރުތަކަށް ބަލާ އިރު މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޮމާންގެ ރަސްގެފާނު ސުލްތާން ގާބޫސް ބިން ސައިދު އަވަހާރަވުމާ ގުޅިގެން ޕްރިންސް ޗާލްސް އެ ގައުމަށް ކުރެއްވި ދެ ދުވަހުގެ ޗާޓަރު ފްލައިޓް ދަތުރަށް 210,345 ޕައުންޑް (268,084,492 ޑޮލަރު) ހޭދަވި އެވެ. އަދި ޗާލްސްގެ ކޮއްކޮފުޅު ޕްރިންސް އެންޑްރޫ ރޯޔަލް ޕޯޓްރަޝް ގޯލްޑް ކުލަބް އޯޕަން ޗެމްޕިއަންޝިޕްގައި ބައިވެރިވެވަޑައިގަންނަވަން އުތުރު އަޔަލެންޑަށް ކުރެއްވި ޗާޓަރު ފްލައިޓް ދަތުރަށް 15,848 ޕައުންޑް (20,198,260 ޑޮލަރު) ހޭދަކޮށްފައިވެ އެވެ.

މީގެ އިތުރުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސްކޮޓްލެންޑާއި އިޓަލީ ކުޅުނު ނެޝަނަލް ރަގްބީ މެޗް ބައްލަވާލައްޗަން ޕްރިންސެސް އެނީ އިޓަލީގެ ރޯމަށް ކުރެއްވި ޗާޓަރު ފްލައިޓް ދަތުރަށް 16,440 ޕައުންޑް (20,952,763 ޑޮލަރު) ހޭދަވި އެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން ޕާކިސްތާނަށް ކުރެއްވި ދަތުރަށް 117,116 ޕައުންޑް (149,264,224 ޑޮލަރު) ހޭދަވި ކަމަށް ސޮވެރިން ގްރާންޓް ފައިނޭންޝަލް ރިޕޯޓްގައި ބުންޏެވެ.

އިނގިރޭސިވިލާތުގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ޝާހީ އާއިލާ އަކީ އެ ގައުމަށް އޮތް ބޮޑު ބުރައެކެވެ. އެގޮތުން ރައްޔިތުންގެ ޓެކްސް ފައިސާ އިން އެ އާއިލާގެ ބޭފުޅުންގެ ދިރުއުޅުއްވުމަކީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން ޝާހީ އާއިލާގެ ސެކިއުރިޓީ އަށް ވެސް ބޮޑު ހޭދައެއްކުރާތި އެއީ ވެސް ރައްޔިތުން ހުއްޓުމެއް ނެތި ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.