މި މަހުގެ 30ގެ ފަހުން ގޫގުލް މީޓްގެ ޓައިމް ލިމިޓް 60 މިނެޓަށް

ޓައިމް ލިމިޓެއް ނެތް ގޮތަށް ގޫގުލް މީޓް ހިލޭ ބޭނުންކުރެވޭ ގޮތަށް ކަސްޓަމަރުންނަށް އެޕްރީލް މަހު ދޫކޮށްލުމަށް ފަހު މި މަހުގެ 30 އިން ފެށިގެން ކުރީގެ އުސޫލަށް އަލުން ރުޖޫއަވާން ނިންމައިގި އެވެ.


ގޫގުލް އިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 30ގެ ފަހުން ޓައިމް ލިމިޓަކީ ކުރިއެކޭ އެއްގޮތަށް ގަޑިއެއްހާއިރު ކަމަށެވެ. ލިމިޓެއް ނެތް ގޮތަށް ގޫގުލް މީޓްގެ ފްރީ ވާޝަން ބޭނުންކުރެވޭ ގޮތް ހެދީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ބަޔަކު ގޭތެރޭގައި ބަންދުވެފައި ތިބެން ޖެހުމާ ގުޅިގެން ދިން ލުޔެއްގެ ގޮތުގަ އެވެ.

ވާޗުއަލްކޮށް މީޓިންތައް ބޭއްވޭ ގޮތަށް ފަރުމާކޮށްފައިވާ ގޫގުލް މީޓް ކަހަލަ ގިނަ ޕްލެޓްފޯމްތަކުގެ ޑިމާންޑް ވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވަރަށް ބޮޑަށް އުފުލިފައިވެ އެވެ. ގޫގުލް މީޓަކީ ވެސް ގިނަ ކަންކަމަށް ބޭނުން ހިފާ ވަސީލަތެކެވެ. އޭގެ ތެރޭގައި އޮފީސް ބައްދަލުވުންތަކާއި ވެބިނާތަކާއި ވިޔަފާރީގެ ބޭނުންތަކަށާއި ދަރިވަރުންނަށް ކުލާސްތައް ނަގައިދިނުން ފަދަ ކަންކަމަށް މިހާރު ގޫގުލް މީޓް އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރެ އެވެ.

ޓައިމް ލިމިޓެއް ނެތް ގޮތަށް ގޫގުލް މީޓް ދޫކޮށްލި އިރު އެއްފަހަރާ 100 މީހުންނާ އެކު ބައްދަލުވުންތައް ބޭއްވެ އެވެ.

ގޫގުލް އިން ބުނި ގޮތުގައި މި މަހުގެ 30ގެ ފަހުން ގޫގުލް މީޓަށް އަންނާނެ އަނެއް ބަދަލަކީ އޭގެ އެޑްވާންސް ވާޝަން ޖީ ސޫޓް ވެސް ނުލިބުމެވެ. އެ ވާޝަނުގައި އެއްފަހަރާ 250 މީހުންނާ އެކު މީޓިންތައް ބާއްވައި އެއް ޑޮމައިންގައި 100،000 އެއްހާ މީހުންނަށް ލައިވް-ސްޓްރީމްކޮށްލެވެ އެވެ. ޖީ ސޫޓްސް އަކީ ވިޔަފާރި އަށް ހާއްސަ ވާޝަނެކެވެ. އެހެންވެ އެ ބޭނުންކުރަން މަހަކު 25 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ އެވެ.