އިންސާނެއް ނޫނޭ ބުނެ އެންމެން މަލާމާތްކުރި މީހާ ތަރިއަކަށް

ބައްޔެއްގެ ސަބަބުން އާދަޔާޚިލާފު ބޮޑަށް މޫނު އައިބުވެފައިވާ ޔޫގެންޑާގެ މީހަކަށް ވަނީ އެ ގައުމުގައި ބޭއްވި މުބާރާތެއްގައި އެންމެ އާދަޔާޚިލާފު މޫނުގެ ވެރިޔާގެ މަގާމު ލިބިފަ އެވެ. މި ލިބުނު މަޝްހޫރުކަމުގެ ބޭނުންހިފައި މި ފިރިހެންމީހާ މިހާރު ވަނީ މިއުޒިކް ކެރިއަރެއް ވެސް ފަށާފަ އެވެ.


ގޮޑްފްރީ ބަގޫމާ، 47، އަށް އާއްމުންގެ ސަމާލުކަން ލިބުނީ އޭނާގެ ބޮލުގައިވާ އާދަޔާޚިލާފު ގޮތްތަކަކުންނެވެ. ސިފަ ހުންނަ ގޮތުން ލިބުނު މަޝްހޫރުކަމުގައި ގޮޑްފްރީ އަށް ވަނީ އެފްރިކަން ޕޮޕް މިއުޒިކްގެ ރޮނގުން ކުރިއަށް ދިއުމުގެ ފުރުސަތު ލިބިފަ އެވެ. މިއީ ގޮޑްފްރީއާ ބެހޭ ގޮތުން ބީޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ގެނެސްދީފައިވާ ވާހަކަތަކެވެ.

މި ލަވަކިޔުންތެރިޔާއަށް ޖެހިފައިވަނީ ކޮން ބައްޔެއްކަން އަދިވެސް ވަނީ ނޭނގެ އެވެ. އޭނާގެ ބައްޔަށް ޝިފާއެއް ނުލިބިދާނެތީ ގަންނަ ބިރަށް ވުރެ ބޮޑީ އޭނާގެ އަށް ދަރިންގެ ތެރެއިން ދަރިއަކަށް މި ބަލި ވާރުތަ ވެދާނެތީ އެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ކުޑަކުޑަ އަންހެން ދަރިއެއް އެބަހުއްޓެވެ. އަދި އެ ދަރިފުޅު އޭނާއާ ވަރަށް ވައްތަރެވެ. އެހެންވެ ދަރިފުޅަށް ބަލި ވާރުތަކޮށްފާނެތީ ބިރުގަނެ އެވެ. އަދި އޭނާގެ ހުރިހާ ދަރިންނަކީ ވެސް އަދި ވަރަށް ކުޑަކުދިންނަށް ވާތީ އެކުދިން ބޮޑެތި ނުވަނީސް މި ބަލީގައި އޭނާ މަރުވެދާނެތީ ވެސް ގޮޑްފްރީ ވަރަށް ފިކުރުބޮޑުވެ އެވެ.

ގޮޑްފްރީގެ އަންހެނުންނާއި ބައެއް ދަރިން

ވަރަށް ފަހުން ވެސް ގޮޑްފްރީގެ ހާލަތު ވަރަށް ގޯސްވި އެވެ. އެހެންވެ އެހިސާބުގަނޑުގައި ހުންނަ މަބްރާރާ ހޮސްޕިޓަލުގެ ޑޮކްޓަރުން ގޮޑްފްރީގެ ބަލި ދެނެގަނެވޭތޯ އިތުރު މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

ގޮޑްފްރީ ބައްލަވާ ޑޮކްޓަރު ވިދާޅުވީ ބޮލުގެ އެތެރޭގައި ވަރަށް ބޮޑެތި އައިބުތައް އެބަހުއްޓެވެ. އަދި އޭގެ ސަބަބުން ގޮޑްފްރީގެ ސިކުނޑިގެ އެކި ބައިތައް ދަނީ ފިތެމުންނެވެ. އަދި ހަށިގަނޑު ހުންނަ ގޮތުން މޭ ވެސް ދަނީ ފިތެމުންނެވެ. ގޮޑްފްރީއަށް ނޭވާލާން ބައެއް ފަހަރަށް އުނދަގޫވަނީ އެހެންވެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އެމްއާރުއައި ސްކޭންތަކެއް ހަދައި ހަ ހަފުތާ ވަންދެން ބެލި ބެލުންތަކަށް ފަހު ޑޮކްޓަރު ވިދާޅުވެފައި ވަނީ މިއީ ވަރަށް މަދުން ނޫނީ މީހުންނަށް ނުޖެހޭ ބައްޔެއް ކަމަށްވާ ފައިބްރޮޑިސްޕްލޭސިއާ އެވެ. މިބަލީގެ ސަބަބުން ހަށިގަނޑުގައިވާ ޓިޝޫތަކަށާއި ސެލްތަކަށް އެކަށީގެންވާ ގޮތެއްގައި ބޮޑެއް ނުވެވެ އެވެ. އަދި އެ އެއްޗެހި ހުންނަން ޖެހޭ ތަންތަނަށް ބެހިގެންދާ ގޮތެއް ވެސް ނުވެ އެވެ.

ނަމަވެސް ގޮޑްފްރީ ޑޮކްޓަރު ދެއްވީ އުފާވެރި ޚަބަރެކެވެ. ރަނގަޅަށް ބޭސް ކުރެވިއްޖެ ނަމަ ބޮޑުވަރުނުވެ ބެހެއްޓިދާނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރުހުރި ވަރަށް ވުރެ ރަނގަޅު ވެސް ކުރެވިދާނެ އެވެ. އަދި މިއީ ވާރުތަވާ ބައްޔެއް ނޫނެވެ. އެހެންކަމުން ދަރިންނަށް ބަލި ވާރުތަވުމުގެ ނުރައްކަލެއް ވެސް ނެތެވެ. ޑޮކްޓަރުގެ ޖަވާބުން ގޮޑްފްރީ ވަރަށް އުފާވި އެވެ. އޭނާ ބުނި ގޮތުގައި އޭނާއަކީ ވެސް އިންސާނެއްކަން އޭނާއަށް މިހާރު އެނގިއްޖެ އެވެ.

ގޮޑްފްރީ ލަވަ ރެކޯޑް ކުރަނީ

ގޮޑްފްރީ ބުނެފައިވާ ގޮތުގައި އުފަންވުމާ އެކު މަންމައަށް އޭނާއަކީ އާދައިގެ ކުއްޖެއް ނޫންކަން އެނގިގެން ނުބަލާންވެގެން އެއްލާލީ އެވެ. އެހެންވެ ގެންގުޅެ ބޮޑުކުރީ މާމަ އެވެ.

އެންމެ ކުޑައިރުއްސުރެ މީހުންތެރެއަށް ނުކުމެ މީހުންނާ ވާހަކަ ދައްކާ ހަދަން ގޮޑްފްރީ ޖެހިލުންވެ އެވެ. ސަބަބަކީ އޭނާއަކީ އިންސާނެއް ނޫން ކަމަށް ބައެއް މީހުން ބުނާތީ އެވެ.

ގޮޑްފްރީގެ މޫނުގައި އާދަޔާޚިލާފަށް ތަނެއް ދުޅަވަމުންދާކަން އޭނާއަށް ފާހަގަކުރެވުނީ އުމުރުން 10 އަހަރުގަ އެވެ.

ފާއިތުވީ ދުވަސްތަކުގައި ގިނަ ބައެއްގެ ފަރާތުން މަލާމާތާއި ފުރައްސާރައާ ކުރިމަތިވި ވިޔަސް މިއުޒިކް ކެރިއަރަށް ލިބުނު ކާމިޔާބީއާ އެކު މަޝްހޫރު ޕޮޕް ސްޓާރަކަށް ގޮޑްފްރީ މިހާރު ވަނީ ވެފަ އެވެ. އޭނާގެ މިއުޒިކް ވީޑިއޯ ޔޫޓިއުބުގައި ތިން މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައިވެ އެވެ.

މިއުޒިކްގެ ދުނިޔެއަށް ވަދެވުނު ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ގޮޑްފްރީ ބުނެފައި ވަނީ އެއް ދުވަހަކު އޭނާގެ ބޫޓު ހަލާކުވެގެން ބޫޓު ރަނގަޅުކުރަން އިންދާ މީހަކު އޭނާގެ ކައިރީގައި ޝޯއެއްގައި ބައިވެރިވެދާނަންތޯ އެހި ކަމަށެވެ. އެ ޝޯގައި ބައިވެރިވި ފަހުން އޭނާއަށް ވަރަށް ގިނަ އެކުވެރިން ލިބުނެވެ. އަދި މިހާރު ޝޯތަކުގައި ބައިވެރިވުމަށް އެދި ވަރަށް ގިނަ މީހުން އޭނާއަށް ގުޅަ އެވެ. އަދި ޝޯތަކުގައި ބައިވެރިވުމުން ފައިސާ ވެސް ދެ އެވެ.

ގޮޑްފްރީ އޭނާގެ ގޭގައި

މިއީ އަށް ކުދިންގެ ބައްޕަ ގޮޑްފްރީއަށް އޭނާގެ ދަރިން ބެލުމަށް ލިބުނު ވަރަށް ބޮޑު އެހީއެކެވެ.

ގޮޑްފްރީގެ ފުރަތަމަ ކައިވެންޏަށް ދެ ދަރިން އެބަތިއްބެވެ. ނަމަވެސް ދެ ދަރިން ލިބުނުފަހުން އަންހެނުން ވަރިވެގެން ދިޔައީ އެވެ.

ނަމަވެސް މީގެ އަށް އަހަރު ކުރިން ގޮޑްފްރީއަށް ވަނީ އޭނާ އެންމެ ލޯބިވާ މީހާ ލިބިފަ އެވެ. ނަމަންދޭ ކާޓޭ ކިޔާ މި އަންހެންމީހާއާ ކައިވެނިކޮށް އޭނާއަށް ވެސް މިހާރު ހަ ދަރިން ލިބިއްޖެ އެވެ. ގޮޑްފްރީގެ އަންހެނުން ބުނި ގޮތުގައި ގޮޑްފްރީ އަކީ ބޭރުފުށުން ރީތި މީހަކަށް ނުވިޔަސް އޭނާއަކީ ރަނގަޅު ހިތެއްގެ ވެރިއެކެވެ. އަދި އޭނާއަށް ގޮޑްފްރީ ފެންނަ ގޮތަށް އެހެން މީހުންނަށް ވެސް އޭނާ ފެންނަނަމައޭ ހިތަށް އަރާ ކަމަށް އޭނާގެ އަންހެނުން ބުންޏެވެ.