ޖޫސްބޯ ޕްލާސްޓިކް ހޮޅި އާއި ކަފަބުރު އިނގިރޭސިވިލާތުގައި މަނާކޮށްފި

އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކާ ދެކޮޅަށް އިނގިރޭސިވިލާތުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން، ޖޫސްބޯ ޕްލާސްޓިކް ހޮޅި އާއި ޕްލާސްޓިކް ކަފަބުރު މަނާކޮށްފި އެވެ.


މި މަހުގެ 1 އިން ފެށިގެން އެ ތަކެތި މަނާކުރުމާ ގުޅިގެން އެފަދަ ބާވަތްތައް ވިއްކައި ސަޕްލައިކުރުމަކީ ވެސް ގާނޫނީގޮތުން ކުށެކެވެ. ޖޫސްބޯ ޕްލާސްޓިކް ހޮޅި އާއި ޕްލާސްޓިކް ހުންނަ ކަފަބުރު އިނގިރޭސިވިލާތުގައި މަނާކުރަން ކުރިން ނިންމާފައި އޮތީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމާ ހެދި އެކަން ތަންފީޒުކުރަން މި މަހަށް ފަސްކުރީ އެވެ.

އިނގިރޭސި ސަރުކާރުގެ މި ނިންމުމާ ގުޅިގެން ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ވަރަށް ގިނަ ޖަމިއްޔާ ޖަމާއަތްތަކާއި އެކްޓިވިސްޓުން އެކަމަށް މަރުހަބާ ކިޔާފައިވެ އެވެ. އޭގެ ތެރޭގައި ފްރެންޑްސް އޮފް ދި އާތު އާއި ކްލަޔަންޓްއާތު ހިމެނެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އިނގިރޭސިވިލާތުގައި އަހަރެއްގެ ތެރޭގައި 4.7 ބިލިއަން ޖޫސްބޯ ޕްލާސްޓިކް ހޮޅި އާއި ޖޫސްތަށި ހަލުވަން ބޭނުން ކުރާ ޑްރިންކް ސްޓަރާސްގެ 316 މިލިއަން އެއްޗާއި 1.8 ބިލިއަން ޕްލާސްޓިކް ކަފަބުރު ބޭނުންކުރެ އެވެ.

މި ތަކެތި މަނާކުރިކަން އިއުލާންކުރައްވައި އުސޫލު ތަންފީޒުކުރަން ފެށުމާ ގުޅިގެން އިނގިރޭސި އެންވަޔަރަމަންޓް ސެކްރެޓަރީ ޖޯޖް ޔޫސްޓަސް ވިދާޅުވީ ސަރުކާރު އޮތީ ތިމާވެށީގެ ހިމާޔަތުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމަށެވެ. އެގޮތުން ޕްލާސްޓިކަކީ ވެށީގެ އެންމެ ބޮޑު ހަތުރަށްވާތީ އެއާ ދެކޮޅަށް ހަރުދަނާ އަދި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން ހިތްވަރު ދެނީ އެއްފަހަރު ބޭނުންކޮށްފައިވާ އުކައިލާ ޕްލާސްޓިކްގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ރިސައިކަލް ކުރެވޭ ބާވަތްތައް ބޭނުންކުރުމަށެވެ.

އިނގިރޭސިވިލާތުގެ ދަށުގައި އޮންނަ ސްކޮޓްލެޑުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އެ ތަނުގައި ވެސް ޕްލާސްޓިކް ކަފަބަރު މަނާކޮށްފަ އެވެ.