އަބޫ ދާބީގައި އީ-ސްޕޯޓްސް ހަބެއް ތަރައްގީކުރަނީ

މުނިފޫހިފިލުވުމާއި ކުޅިވަރަށް ހާއްސަކޮށްގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ތަރައްގީ ކުރަމުން އަންނަ އަލް ގާނާ ކޮމްޕްލެސްގެ ބައެއްގެ ގޮތުގައި އީ-ސްޕޯޓްސް އާއި ޓެކްނޮލޮޖީ އަދި ޓްރެއިނިން ކޮމްޕްލެސް ހިމެނޭ ގޮތަށް "ޕިކްސެލް" ގެ ނަމުގައި ހަބެއް ތަރައްގީކުރަން ނިންމައިފި އެވެ.


މި މަޝްރޫއު ކުރިއަށް ގެންދަނީ އަލް ބަރަކާ އިންޓަނޭޝަނަލް އިންވެސްޓަމަންޓްގެ ފަރާތުންނެވެ. މެދުއިރުމަތީގައި ގާއިމުކުރާ ފުރަތަމަ ސެޓިފައިޑް އީ-ސްޕޯޓްސް އެކެޑެމީ ވެސް ގާއިމުކުރާ "ޕިކްސެލް" ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.

ޒަމާނީ ފާޑުވެރިކަމާ އެކު ތަރައްގީކުރާ މި ހަބްވެގެންދާނީ އީ-ސްޕޯޓްގައި ޕްރޮފެޝަނަލްކޮށާއި ހޮބީއަކަށް ހަރަކާތްތެރިވާ ކުޅުންތެރިންނަށް ބޭނުންވާނެ ޒަމާނީ ހުރިހާ ވަސީލަތްތަކެއް ލިބެން ހުންނާނެ ތަނަކަށެވެ. އަދި މިތަނަަކީ އާއިލާތަކަށާއި ޓެކްނޮލޮޖީ އަށް ލޯބިކުރާ ހުރިހާ އެންމެންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ހަދާ ތަނެކެވެ.

އަލް ބަރަކާ އިންޓަނޭޝަނަލް އިންވެސްޓަމަންޓުން ބުނީ "ޕިކްސެލް" ގެ މަސައްކަތް ނިމި އެތަން ހުޅުވާ އިރު، އެއީ ބައިނަލްއަގްވާމީ ބޮޑެތި އީ-ސްޕޯޓްސް މުބާރާތްތަކަށް ވެސް ފައްކާވެފައި އޮންނާނެ ތަނެއް ކަމަށެވެ. އެތަނަށް ބޭނުންވާ ޓެކްނޮލޮޖީ ފޯރުކޮށްދޭނީ ލުބުނާންގެ ޓެކް ކުންފުންޏެއް ކަމަށްވާ ރޮބޯކޮމް ވީއާރްއިންނެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ޒަމާނީ ތަރައްގީގެ ކުލަވަރު އެންމެ ބޮޑަށް ފެންނަ ގައުމުތަކުގެ ގޮތުގައި ފާހަގަކުރެވޭ ޔޫއޭއީގެ އަބޫ ދާބީގެ އަލް ގާނާ ކޮމްޕްލެކްސްގެ ފުރަތަމަ ފޭސް މި އަހަރުގެ ފަހުކޮޅު ހުޅުވާނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. އެ މަޝްރޫއަކީ ޔޫއޭއީގެ ޑިޕާޓްމަންޓް އޮފް މުނިސިޕަލްޓީސް އެންޑް ޓްރާންސްޕޯޓާއި އަލް ބަރަކާ އިންޓަނެޝަނަލް އިންވެސްޓަމަންޓް ގުޅިގެން ކުރިއަށް ގންދާ މަޝްރޫއެކެވެ.

އެތަނުގައި ތަރައްގީކުރާ "ޕިކްސެލް" އަންނަ އަހަރު ހުޅުވުމުން އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ އެވެ.

އަލް ގާނާ ޕްރޮޖެކްޓް އެއްކޮށް ފުރިހަމަވެގެން އައުމުން ޔޫއޭއީގެ ޓޫރިޒަމް އިންޑަސްޓްރީ ވެސް އެތައް ވަރަށް ބޮޑަށް ކުރިރައިގެން ދާނެ ކަމަށް އެ ގައުމުން ދެކެ އެވެ.