އިސްލާމީ ސަގާފަތާ ފުށުއަރާ ސުލޫކު ކޮޕީ ނުކުރުން

އިންސާނީ ބައެއް މުޖުތަމަޢުތަކުގައި އަޚްލާޤީ މިންގަނޑަކީ ނިސްބީ އެއްޗެކެވެ. އެހެންކަމުން ހެވާއި ނުބައި ކަނޑައެޅުން އޮންނަނީ ތަނާއި ޒަމާނާއި މީހުންގެ ވިސްނުމާއި މީހުންގެ ބޭނުންތައް ހާސިލު ކުރުމުގެ މައްޗަށެވެ. މިއާ ޚިލާފަށް އިސްލާމީ ނަޒަރުން ބަލާއިރު އަޚްލާޤީ މިންގަނޑަކީ އިސްލާމް ދީނުގައި ކަނޑައަޅައިދީފައި އޮންނަ ސާބިތު މިންގަނޑެވެ. އެހެންކަމުން އިސްލާމީ ސަގާފަތާ ފުށުއަރާ ވަރަށް ގިނަ ސުލޫކުތައް އެހެން މުޖުތަމައުތަކުގައި އެއީ ނުރަނގަޅު ކަމެއް ކަމުގައި ނުބަލަ އެވެ. މިފަދަ ސުލޫކުތައް މުސްލިމުން ކޮޕީ ކުރުމަކީ އިސްލާމީ ސަގާފަތުން އެއްކިބާވެގެންދާނެ ކަމެކެވެ.


މި ދެންނެވި ފަދަ މުޖުތަމައުތަކުގައި ވަރަށް ގިނަ ރަނގަޅު އަޚްލާޤީ ސިފަތައް ހުންނަކަން އިންކާރެއް ނުކުރެވޭނެ އެވެ. އަދިކިއެއްތަ، އެފަދަ ސިފަތައް ތަންފީޒު ކުރުމުގައި ބައެއް ހާލަތްތަކުގައި މުސްލިމުންނަށް ވުރެ އެމީހުން މާ ރަނގަޅެވެ. މިގޮތުން އެކަކު އަނެކަކަށް އިހުތިރާމު ކުރުމާއި އެހީތެރިވުމާއި މަގުމަތީގެ އަދަބުތަކަށް ތަބާވުން ފަދަ ކަންކަން ހިމެނެ އެވެ. މިގޮތަށް މިހެން ވުމުގެ އެއްސަބަބަކީ ހެޔޮކަންކަން ބަލައިގަތުމާއި ނުބައިކަންކަން އިންކާރު ކުރުމަކީ އިންސާނީ ޠަބީޢަތުގައި ﷲ ލައްވަވާފައިވާ ސިފައަކަށް ވުމެވެ. އެހެންވެ ކީރިތި ޤުރްއާނުގައި ހެޔޮކަންތަކަށް ދީފައިވާ ނަމަކީ "މަޢުރޫފް" (ރަނގަޅު ކަމެއްގެ ގޮތުގައި އާންމުކޮށް މީހުން ދަންނަ ކަންތައް) އެވެ. އަދި ނުބައިކަންތަކަށް ދީފައިވާ ނަމަކީ "މުންކަރު" (ނުބައިކަމެއްގެ ގޮތުގައި އާންމުކޮށް މީހުން އިންކާރު ކުރާ ކަންތައް) އެވެ. ދެވަނަ ސަބަބަކީ ނުރަނގަޅު ސުލޫކުގެ ސަބަބުން މުޖުތަމަޢުތަކުގައި ދިމާވާ މައްސަލަތަކުން ސަލާމަތް ވުމެވެ.

މިކަންކަން މިހެން އޮތަސް ކުރިން ވެސް އިޝާރާތް ކުރި ފަދައިން އަޚްލާޤީ މިންގަނޑު ތަފާތުވުމުގެ ސަބަބުން އިސްލާމީ ސަގާފަތާ ފުށުއަރާ އެތައް ކަމެއް ހުރެ އެވެ. މިގޮތުން ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ރާބުއިމާއި ޖުވާކުޅުމާއި ރިބާކެއުން ފަދަ ކަންކަމަކީ ހުތުރު ނުވަތަ ނުރަނގަޅު ޢަމަލުތަކެއްގެ ގޮތުގައި އެ މުޖުތަމައުތަކުގައި ނުބަލަ އެވެ. އަދި މިކަންކަން މިހެން އޮންނާތީ ބައެއް ހާލަތްތަކުގައި މީގެ ސަބަބުން އިތުރު އެހެން ނުރަނގަޅު އަޚްލާޤުތަކަށް މަގުފަހިވެގެން ވެސް ދެ އެވެ. މިސާލަކަށް ވައްކަން ކުރުމާއި ފޭރުމާއި ދޮގު ހެދުމާއި މަކަރާއި ޙީލަތް ހެދުން ފަދަ ކަންކަމެވެ.

މުސްލިމުންގެ ޢަޤީދާއާއި ޢަމަލުތައް އަދި ވަކިން ޚާއްޞަކޮށް އަޚްލާޤު ވަކި ހަމަތަކެއްގެ މަތީ ބަހައްޓަން މުސްލިމުން ކުރާ މަސައްކަތަކީ، އަދި މި ހަމަތަކުގެ މަތީ މުސްލިމުން ތިބުމަކީ ދީނުގެ ޢަދުއްވުންނަށް އެތައް ގޮތަކުން ލިބޭ ގެއްލުމެކެވެ. ޚާއްޞަކޮށް މާއްދީގޮތުން ބަލާއިރު އެމީހުންގެ އުފެއްދުންތަކާއި ވިޔަފާރިއަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. ސިޔާސީގޮތުން ބަލާއިރު އެމީހުންގެ އުސޫލުތައް ފަތުރަން ހުރަސްއެޅޭ ކަމެކެވެ.

މީޑިއާ އާއި މުނިފޫހި ފިލުވުމުގެ ވަސީލަތްތަކުގެ ތެރެއިން މިފަދަ ކަންކަން މުސްލިމުންގެ ތެރެއަށް ވެސް ތަޢާރަފް ވެގެން ދެ އެވެ. މިގޮތުން ތަފާތު ޖަރީމާތައް ހިންގާ ނުވަތަ ބަދުއަޚްލާޤީ ޢަމަލުތައް ހިންގާ މަންޒަރުތައް އެކުލެވޭ ފިލްމުތަކާއި ޑްރާމާތަކާއި ހާދިސާތައް މިވަސީލަތްތަކުގެ އެހީގައި ފެނިގެންދެ އެވެ. ހިތާމައަކީ ބައެއް މުސްލިމުން ޣާފިލުކަންމަތީ ތިބެ މިފަދަ ކަންކަން ކޮޕީ ކުރުމެވެ. ތިމާމެންނަކީ ވަކި ޢަޤީދާއެއްގެ މަތީ ތިބި ބައެއްކަން ހަނދާން ނެތުމެވެ. އެ ޢަޤީދާގެ ދަށުން ތިމާ އަދާކުރަން ޖެހޭ ވާޖިބުތަކެއް ވާކަމާއި ދުރުހެލިވާން ޖެހޭ ކަންތައްތަކެއް ވާކަން ޚިޔާލަށް ނައުމެވެ. އަދިކިއެއްތަ، އެފަދަ ކަންކަން ކޮޕީކުރުން އެއީ ތަރައްގީ އާއި ތަހުޒީބު ކަމަށް ނުވަތަ އެއީ ތަހުޒީބުވުން ކަމަށް ބައެއް މީހުން ގަބޫލު ކުރުމެވެ. މިކަމަށް ބާރުލިބޭ ކަންކަމުގެ ތެރޭގައި ސަގާފީ އިސްތިއުމާރު ކުރުން ހިމެނެ އެވެ.

މުސްލިމުންގެ ޢަޤީދާއާއި ޢަމަލުތައް އަދި ވަކިން ޚާއްޞަކޮށް އަޚްލާޤު ވަކި ހަމަތަކެއްގެ މަތީ ބަހައްޓަން މުސްލިމުން ކުރާ މަސައްކަތަކީ، އަދި މި ހަމަތަކުގެ މަތީ މުސްލިމުން ތިބުމަކީ ދީނުގެ ޢަދުއްވުންނަށް އެތައް ގޮތަކުން ލިބޭ ގެއްލުމެކެވެ. ޚާއްޞަކޮށް މާއްދީގޮތުން ބަލާއިރު އެމީހުންގެ އުފެއްދުންތަކާއި ވިޔަފާރިއަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. ސިޔާސީގޮތުން ބަލާއިރު އެމީހުންގެ އުސޫލުތައް ފަތުރަން ހުރަސްއެޅޭ ކަމެކެވެ. އެހެންކަމުން މުސްލިމު ޒުވާނުންގެ ޢަޤީދާ އާއި އަޚްލާޤު ބަދަލުކުރުމަށް ތަފާތު ވަސީލަތްތަކާއި އުކުޅުތައް ބޭނުން ކުރަމުން ގެންދެ އެވެ. މިގޮތުން މުސްލިމުންގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ބާރުފޯރުވަ އެވެ. ނަތީޖާއެއްގެ ގޮތުން އަޚްލާޤީ ވަރަށް ގިނަ މައްސަލަތަކެއް މިއަދު ވަނީ މުސްލިމުންގެ ތެރޭގައި ފެތުރިފަ އެވެ.

މި ކަންކަމާ މެދު އަޅުގަނޑުމެން ތަންކޮޅެއް ފުންކޮށް ވިސްނާލުން ކީއްތޯ އެވެ؟ އެފަދަ ޣައިރު އަޚްލާޤީ ޢަމަލުތަކުން ލިބެނީ ކޮން ފައިދާއެއް ތޯ އެވެ؟ ބަދުއަޚްލާޤީ ޢަމަލަކާ ނުލައި ހުއްދަ ގޮތުގައި އެދުންތައް ފުއްދޭނެ މަގެއް އިސްލާމްދީން ދައްކާފައި ނުވަނީތޯ އެވެ؟ ވައްކަން ނުކޮށް ނުވަތަ ރިބާ ނުކައި އަދި އެނޫންވެސް ގޮތްގޮތުން މީހުންގެ މުދަލަށް އަރައިނުގަނެ ތިމާއަށް މުދާ ހޯދޭނެ އެހެން ގޮތެއް ދީނުގައި ހަމަ ހުއްދަ ކޮށްފައި ނެތީބާވަ އެވެ؟ ކާބޯތަކެތީގެ ތެރެއިން ތިމާއަށް ހިތްހަމަޖެހުމާއި ލައްޒަތު ލިއްބައިދޭނެ ކާބޯތަކެތި ޙަލާލު ކުރައްވާފައި ނެތީތޯ އެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންސާނާގެ ފިޠުރީ ބޭނުންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ މަގުތައް އިސްލާމްދީން ވަނީ ހުއްދަކޮށްފަ އެވެ. އެ ބޭނުންތައް ފުއްދިދާނެ އެއްވެސް ގޮތެއް އިސްލާމްދީނުގައި މަނާކޮށްފައި ވާނަމަ އެކަމެއް މަނާކޮށްފައި ވަނީ ހަމަ މި އިންސާނާއަށްޓަކަ އެވެ. އެންމެންގެ މަޞްލަޙަތަށްޓަކަ އެވެ. އިންސާނުންގެ ދުނިޔަވީ ޙަޔާތާއި އުޚްރަވީ ޙަޔާތުގެ ބާއްޖަވެރި ކަމަށްޓަކަ އެވެ.

ރަލާއި އެނޫން ވެސް މަސްތުވާ ތަކެތި ޙަރާމް ކުރައްވާފައިވުން މިސާލަކަށް ބަލާނަމަ އޭގެ ފަހަތުގައިވާ ގެއްލުންތަކަށް ވިސްނާލަމާ ހިނގާށެވެ! އަދި އެއިން ލިބިދާނެ ކަމަށް ހީވާ ފައިދާއާ ދޭތެރޭވެސް ވިސްނާލަމާ ހިނގާށެވެ! ވަރަށް ފުންކޮށެވެ. ހަމަޔަގީނުންވެސް އެކަމުން ލިބޭ ވަގުތީ ހިތްހަމަޖެހުމާއި އަރާމަށް ވުރެ ފަހުން މިދުނިޔޭގައި އަދި އާޚިރަތުގައި ލިބެން އޮތް ގެއްލުންތައް އެތައްއެތައް ގުނައަކަށް އިތުރުވެގެން ވެ އެވެ. އަދި އޭގެ ސަބަބުން މުޅި މުޖުތަމަޢަށްވެސް ލިބޭ ގެއްލުންތައް އެހާމެ ގިނަ އެވެ.

ރަލާއި އެނޫން ވެސް މަސްތުވާ ތަކެތި ޙަރާމް ކުރައްވާފައިވުން މިސާލަކަށް ބަލާނަމަ އޭގެ ފަހަތުގައިވާ ގެއްލުންތަކަށް ވިސްނާލަމާ ހިނގާށެވެ! އަދި އެއިން ލިބިދާނެ ކަމަށް ހީވާ ފައިދާއާ ދޭތެރޭވެސް ވިސްނާލަމާ ހިނގާށެވެ! ވަރަށް ފުންކޮށެވެ. ހަމަޔަގީނުންވެސް އެކަމުން ލިބޭ ވަގުތީ ހިތްހަމަޖެހުމާއި އަރާމަށް ވުރެ ފަހުން މިދުނިޔޭގައި އަދި އާޚިރަތުގައި ލިބެން އޮތް ގެއްލުންތައް އެތައްއެތައް ގުނައަކަށް އިތުރުވެގެން ވެ އެވެ. އަދި އޭގެ ސަބަބުން މުޅި މުޖުތަމަޢަށްވެސް ލިބޭ ގެއްލުންތައް އެހާމެ ގިނަ އެވެ.

ވީއިރު މުސްލިމުންގެ ތެރެއަށް އާންމުވަމުންދާ އަޚްލާޤީ ނުރަނގަޅު ސިފަތަކާ އިދިކޮޅަށް އެންމެހާ މުސްލިމުން ތެދުވުން މަޖްބޫރު ވެގެން ވެ އެވެ. މިދެންނެވި ފަދަ ނުރަނގަޅު ސިފަތައް އެއީ ރަނގަޅު ސިފަތަކެއް ކަމުގައި ކޮންމެވެސް ގޮތަކުން ބެލެވިގެން ވިއަސް ނުވަތަ ތިމާގެ ޝަހުވަތްތައް ކުރިއަށް ނެރުމުގެ ސަބަބުން ވިއަސް މިފަދަ ނުރަނގަޅު ސުލޫކަކަށް އާދަވެފައިވާ ނަމަ އިސްލާމީ ސަގާފަތުގެ ތެރެއަށް އެނބުރި ރުޖޫއަވާން ޖެހެ އެވެ. ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވަނީ ބަޔަކާ އެއްފަދަވެ އެ ބަޔަކު ކޮޕީ ކުރުމަކީ އަހަރެމެން ވެސް އެ މީހުންގެ ތެރެއިން މީހަކަށް ވުން ފަދަ ކަމެއް ކަމަށެވެ. އާދެ، މީހާގެ އަމިއްލަވަންތަކަން ގެއްލިގެން ދިއުން ކަމަށެވެ. ވީމާ ތިމާގެ އަމިއްލަ އިސްލާމްވަންތަ ސަގާފަތު ދެމެހެއްޓުމަށްޓަކައި އެއާ ފުށުއަރާ ސުލޫކުތަކުން ދުރުހެލިވާން މަސައްކަތް ކުރަން ޖެހެ އެވެ. އޭރުން އިސްލާމީ މުޖުތަމަ ޢަށް ވެސް ސަލާމަތްކަން ލިބޭނެ އެވެ. އަދިކިއެއްތަ، މުޅި އިންސާނިއްޔަތަށް ވެސް ސަލާމަތްކަން ލިބޭނެ އެވެ. އިސްލާމީ އަޚްލާޤާ ދުރަށް މުސްލިމުން ގެންދިއުމަށް ޢަދުއްވުން ކުރަމުން ގެންދާ މަސައްކަތަށް ހިތްވަރު ނުދީ މުސްލިމުން ކާމިޔާބުވާން ޖެހެ އެވެ. އެހެން ނޫންނަމަ ހިތާމަ ކުރަން ތިބޭނީ ހަމަ މުސްލިމުންނެވެ. މުސްލިމު އުންމަތްތަކެވެ. ވަކިވަކި މުސްލިމް ފަރުދުންނެވެ.