ކައިވެނި ޕާޓީގައި މައިންބަފައިންނަށް ބައިވެރިނުވެވުމުން ބެހެއްޓީ އިސްކޮޅު ސައިޒުގެ ފޮޓޯއެއް

އިނގިރޭސިވިލާތުގައި ބޭއްވި ކައިވެނީގެ ހަފުލާއެއްގައި އަންހެން މީހާގެ މައިންބަފައިންނަށް ކޮވިޑް-19 ގެ ނުރައްކަލާ ހެދި ބައިވެރި ނުވެވުމުން، އޭނާގެ މަންމަ އާއި ބައްޕަ އެކީގައި ނަގާފައިވާ ފޮޓޯއެއް އިސްކޮޅު ވަރުގެ ބޯކަރުދާހަކަށް ޕްރިންޓްކޮށް، ބައްޓަމަށް ކަފާފައި ބަހައްޓައިގެން ކައިވެނީގެ ހަފުލާ ބާއްވައިފި އެވެ.


މީޑިއާތަކުން ބުނީ މިފަދަ ގޮތަކަށް "މައިންބަފައިން" ކައިވެނީގެ ހަފުލާގައި ބައިވެރިކުރަން ޖެހުނީ އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭތީ އެވެ. ކައިވެނީގެ ހަފުލާ ކާޑިފްގެ ސިޓީ ހޯލްގައި ބޭއްވި މިދިޔަ ހޯމަ ދުވަހު އެވެ.

އެ ހަފުލާގައި ޖޯޑަން ކަފް ކައިވެނުކުރި އިންޑިއާ މީހެއް ކަމަށްވާ ބަވާނާ ގުޕްތާގެ މައިންބަފައިން ތިބީ އިޓަލީގަ އެވެ. އެހެންވެ އެ މީހުން އިނގިރޭސިވިލާތަށް ގޮސް ކައިވެނީގެ ހަފުލާ ބާއްވާ ނަމަ ކަރަންޓީނުގެ މުއްދަތު ހަމަކޮށް އެކަން ކުރަން ޖެހި މާ ބޮޑަށް ދިގުލައިގެންދާނެތީ ކައިވެނީގެ ހަފުލާގައި މައިންބަފައިންގެ ފޮޓޯ ބަހައްޓައިގެން ބޭއްވީ އެވެ.

ބޯކަރުދާހުން ތިބި ބަވާނާގެ މައިންބަފައިންނާ އެކު ދެމަފިރިން ފޮޓޯއަކަށް ހުއްޓިގެން.

ޖޯޑަން ބުނީ މިއީ އޭނާގެ ހިޔާލެއް ކަމަށާއި ބަވާނާ އަށް އެކަން ވީ ސަޕްރައިޒަކަށް ކަމަށެވެ.

"ފުރަތަމަ ބޭނުންވީ ކާޑްބޯޑްގައި ޕްރިންޓްކޮށްދޭ ބަޔަކު ލައްވައި މިކަން ކުރަވަން. އެކަމަކު އެކަން ބޭނުންވާ ދުވަހަށް ނިންމައިދެވޭނެ ކަމުގެ ގެރެންޓީ އެ މީހުންނަަށް ނުދެވުނީމަ އަމިއްލަ އަށް އެ ހަދާފައި ކައިވެނިކުރި ދުވަހާ ހަމަައަށް ބޭއްވި ފޮރުވާފައި." އޭނާ ބުންޏެވެ.

ޖޯޑަން ބުނިގޮތުގައި ހަފުލާގައި ބަވާނާގެ މައިންބަފައިންނަށް ފިޒިކަލީ ބައިވެރި ނުވެވުމުގެ އިހުސާސެއް ނެތް ކަމަށެވެ.

ޖޯޑަން އާއި ބަވާނާ.

"ޔޫޓިއުބުން އަހަރެމެން ހަފުލާ ލައިވް-ސްޓްރީމް ވެސް ކުރިން. އެހެންވެ އެކި ތަންތަނުގައި ތިބި އާއިލާގެ ހުރިހާ ބަޔަކަށް ހަފުލާ ބަލާލައިގެން ބައިވެރިވުމުގެ ފުރުސަތު ލިބުނު،" އޭނާ ބުންޏެވެ.

ބަވާނާ އާއި ޖޯޑަން އަކީ ކާޑިފް ޔުނިވަސިޓީގެ ދެ ރިސާޗަރުންނެވެ.