ބަލިމީހުން ބަލަން ކޮންމެ ދުވަހަކު ގޭގަޔަށް، އުމުރުން 87

އުމުރުން 87 އަހަރުގެ ރާމްޗަންދުރަ ދަނޭކަރަކީ އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ޗަންދުރަޕޫރްގައި ދިރިއުޅޭ ޑޮކްޓަރެކެވެ. ހަކީމީ ބޭސްވެރިކަމުގެ ދާއިރާ އިން އާންމުންގެ އިތުބާރު ހޯދާފައިވާ މި ޑޮކްޓަރުގެ ހާއްސަ ކަމަކީ އޭނާ ނިސްބަތްވާ ސްޓޭޓްގެ ކައިރި އަވަށްތަކަށް ކޮންމެ ދުވަހަކު ބައިސްކަލުގައި ޒިޔާރަތްކޮށް، ބަލިމީހުންނަށް ފަރުވާ ދިނުމެވެ.


މި ގޮތަށް ރާމްޗަންދުރަ ހިދުމަތްދޭތާ މިހާރު 60 އަށް އަހަރުވެއްޖެ އެވެ. އުމުރުން ކިތަންމެ ދުވަހެއް ވިޔަސް އޭނާ ހުރީ މިކަން ހުއްޓާލާ ގޮތަކަށް ނޫނެވެ. އޭޝިއަން ނިއުސް އިންޓަނެޝަނަލް (އަނީ) އަށް ދިން އިންޓަވިއުއެއްގައި ރާމްޗަންދުރަ ވަނީ އޭނާގެ ތަޖުރިބާ ކިޔައި ދީފަ އެވެ.

"ކޮންމެ ދުވަހަކު ބައިސްކަލުގައި ދިހަ ފަނަރަ ކިލޯމީޓަރަށް ދަތުރުކޮށް، ދޮރުންދޮރަށް ޒިރާރަތްކޮށް ބަލިމީހުންނަށް ފަރުވާ ދިނުމަކީ އަހަރެން އެންމެ ހިތްހަމަޖެހޭ މަސައްކަތް،" ރާމްޗަންދުރަ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފާއިތުވި 60 އަހަރުގެ ތެރޭގައި އާންމުންނާއި އޭނާއާ ގުޅުން ބަދަހިވެ، ގިނަ ބައެއްގެ އިތުބާރު ލިބި، ގިނަ ބަޔަކު ލޯބިވާ މީހަކަށްވެވުމަކީ އެންމެ އުފާވާ ކަންތައް ކަމަށް ބުންޏެވެ. އެކަމަކު ކޮވިޑް-19އާ އެކު ކުރިމަތިވި ލޮކްޑައުނާ ހެދި ރާމްޗަރަންގެ މަސައްކަތަށް ވަރަށް ބޮޑު ބުރުލެއް އެރި އެވެ. އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ދިމާވި ތާށިކަމަކީ މިހާތަނަށް ހަޔާތުގައި ކުރަން ޖެހުނު އެންމެ އުނދަގޫ ތަޖުރިބާ ކަމަށް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި އަބަދު ވެސް ސިކުނޑީގައި ބަހައްޓާ އެއް ކަމަކީ ބަލިމީހުންނަށް ފަރުވާ ދިނުމަކީ ވިޔަފާރިއަކަށް ނުހެދުމެވެ.

"އަހަރެން މަސައްކަތްކުރަނީ ލިބޭ އާމްދަނީއަކަށް ވުރެ ބޮޑަށް އިންސާނީ ހިދުމަތެއްގެ ގޮތުގައި މިކަން ދެކިގެން. މިހާތަނަށް ހިދުމަތް ދެވިފައި ހުންނާނީ ވެސް މާލީ ގޮތުން ދަތި، ފަގީރު އާއިލާތަކުގެ މީސްމީހުންނަށް،" ރާމްޗަންދުރަ ބުންޏެވެ.

އޭނާ ބުނީ މި ޒަމާނުގައި ކިޔަވައިގެން ޑޮކްޓަރުކަން ކުރާ ގިނަ މީހުންގެ ފަރާތުން މިހާރު ފެންނަނީ ފައިސާގެ ފަހަތުން ދުވާ ތަނެވެ. ބަލި މީހުންނަށް ފަރުވާ ދިނުމަކީ އިންސާނިއްޔަށް ދެވޭ އަގުހުރި ހިދުމަތެއްގެ ގޮތުގައި ދެކޭ މީހުން މިހާރު މަދުވަމުންދާ ކަމަށް ބުންޏެވެ.

"އަހަންނަށް މިކަމުގައި މިހާ ގިނަ ދުވަހު ދެމިހުރެވުނީ ކަމަށް ކަމޭހިތައިގެން މިކަމާ އުޅޭތީ. މިއީ ފައިސާ އަށް ކުރާ ކަމެއް ނޫން. އަބަދު ވެސް އަހަރެންގެ އެހީއަށް ބޭނުންވާ މީހަކާ ފޯނު ކޯލެއްހާ ދުރުގައި ހުންނާނީ،" ރާމްޗަންދުރަ ބުންޏެވެ. "ކޮންމެ ވަގުތަކު ބޭނުމެއް ޖެހުނަސް އަހަރެން ހުންނާނީ ތައްޔާރަށް."

އޭނާ ބުނީ ޒަމާނީ ބޭސްވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަ ނަމަވެސް އަދިވެސް ހަކީމީ ބޭސްވެރިކަަމަކީ ވަރަށް ގިނަ ބަޔަކު އިތުބާރުކުރާ އެއްޗެއް ކަމަށެވެ. އަދި އެކަމާ ވަރަށް އުފާވާ ކަމަށާއި މިހާތަނަށް އެކި ބަލިތަކުގައި ފަރުވާދިން އެންމެންނަށް ޝިފާ ލިބިފައިވުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް ބުންޏެވެ.

"މީހުން އަހަންނަށް އިތުބާކުރަނީ ވެސް އެ ސަބަބާ ހުރެ. އަހަރެންގެ ހިދުމަތް ބޭނުންވެގެން ގުޅަނީ އަހަރެން ދޭ ފަރުވާތަކާ ދޭތެރޭ މީހުން ހިތްހަމަޖެހޭތީ،" ރާމްޗަންދުރަ ބުންޏެވެ. "ފައިމައްޗަށް ކޮޅަަށް ހުރެވޭހާ ދުވަހަކު އަހަރެން މިކަމުގައި ދެމިހުންނާނަން."