ރީތި ކަމަށް ބުނާތީ ޑޮކްޓަރު ރައްދު ދީފި

އެމެރިކާގެ އަންހެން ޑޮކްޓަރަކު އިންސްޓަގްރާމްގައި ޕޯސްޓްކުރަމުންދާ ފޮޓޯތަތަކާ ހެދި އޭނާ އަކީ ޑޮކްޓަރަކަށްވާންޖެހޭ ވަރަށް ވުރެ މާ ރީތި މީހެއް ކަމަށް ބުނާތީ އެކަމަށް އޭނާ ރައްދު ދީފި އެވެ.


އުމުރުން 30ގެ އަހަރުތަކުގައި ހުރި ކަމަށް ބެލެވޭ ޑރ. މެޑީނާ ކަލްވާ އަކީ ލަސް ވެގަސްގައި މަސައްކަތްކުރާ ފިޒިޝަނެކެވެ. އިންސްޓަގްރާމްގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު 27،000 އަށް އަރާ އިރު، އާންމުކުރާ ޕޯސްޓްތަކުގައި ގިނަ ބަޔަކު އެންމެ ބޮޑަށް ފާހަގަކުރަނީ ޑޮކްޓަރުގެ ރީތިކަމެވެ.

އެކަމަށް ރައްދު ދެމުން މެޑީނާ ބުނީ ހަމައެކަނި އަންހެނެއްގެ ރީތިކަމަކުން މީހާ ޖަޖެއް ނުކުރެވޭނެ ކަމަށެވެ. މެޑީނާ ބުނީ އޭނާ އަކީ "ހުވަފެން ހަގީގަތަކަށް ހަދަން ވަރުގަދަ އަޒުމަކާ އެކު އަބަދު ވެސް ބުރަކޮށް މަސައްކަތްކުރާ މީހެއް" ކަމަށެވެ.

"ބުނަން އޮތް ވާހަކަ އަކީ ރީތި ކަމަކީ އަންހެނެއްގެ ހުރިހާ އެއްޗެއް ނޫނޭ. އަންހެނުންނަކީ ހަމައެކަނި ރީތި ބައެއްގެ ގޮތުގައި ސިފަކުރުމަށް ވުރެ ހުރިހާ ގޮތަކުން ވެސް ކުޅަދާނަ ބައެއް." މެޑީނާ ބުންޏެވެ.

އޭނާ އިންސްޓަގްރާމްގައި ހިއްސާކުރާ ޕޯސްޓްތަކަށް ބައެއް މީހުން ވަނީ އެއީ ދެއްކުންތެރިކަމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ވެސް ސިފަކޮށްފަ އެވެ. އެހެންވެ މެޑިކަލް ޕްރޮފެޝަނަކަށް ވުރެ ބޮޑަށް މެޑީނާ އަށް ރަނގަޅުވާނީ ޓިކްޓޮކް ކަހަލަ ޕްލެޓްފޯމެއްގައި އުޅެން ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ކައިވެނި ވެސް ކޮށްގެން ހުރި މެޑީނާގެ ފޮޓޯތަކަށް ކޮށްފައިވާ އެފަދަ ބައެއް ކޮމެންޓްތަކާ ދޭތެރޭ ބައެއް މީހުން ހިތްހަމަނުޖެހިގެން ވެސް ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ.

"އަންހެނަކު އޭނާގެ އުފަލުގައި އުޅޭ ނަމަ ނުވަތަ އޭނާ ކުރާ މަސައްކަތާއި ކާމިޔާބީއާ ދޭތެރޭ ފަހުރުވެރިވާ ނަމަ އެ މީހަކަށް ހަސަދަވެރިވާ މީހުން ވަރަށް ގިނަވާނެ. އަދި އެފަދަ މީހަކަށް ފާޑުފާޑުގެ ނަންތައް ކިޔާނެ." ކޮމެންޓެއްގައި ބުނެފައިވެ އެވެ.

މެޑީނާ ބުނީ އެއް އިރެއްގައި ވެސް އޭނާގެ ސިފައާ ދޭތެރޭ ބޮޑާވެގެން އެކަން ދައްކަން މަސައްކަތްނުކުރާ ކަމަޑށެވެ. އެހެންވެ އިންސްޓާގައި އާންމުކުރާ ފޮޓޯތަކަށް ރިއާޔަޔްކޮށް އެއީ ރީތިކަން ދައްކަން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރުމަށް ވުރެ ބޮޑަށް "ސްމާޓް" އަންހެނެއްގެ ދިރިއުޅުން ދައްކުވައި ދެނީ ބުނާ ނަމަ ވަރަށް އުފާވީސް ކަމަށް ބުންޏެވެ.

"އެހެންވިޔަސް މައްސަލައެއް ނެތް. ހުރިހާ އެންމެންނަށް ޝުކުރިއްޔާ. ޔަގީނުން ވެސް އަންހެނެއްގެ ކާމިޔާބީ އަކީ އެހެން އަންހެނުންނަށް އިންސްޕިރޭޝަނަަކަށް ވެސް ވާނެ." މެޑީނާ ބުންޏެވެ.