ވެރިމީހާ ބުނާހާ ގޮތެއް ހަދަންޖެހޭ ވަޒީފާތަކުން ސިއްހަތަށް ބޮޑު ގެއްލުމެއް

ވަގުތުންވަގުތަށް އެތައް ބައިވަރު ކަންތައްތަކެއް ނިންމަންޖެހޭ ވަޒީފާއެއް ރަނގަޅަށް އަދާކުރުމަކީ އަދާކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަހަލަ ވަޒީފާއެއް އަދާކުރާއިރު ތިމާގެ ވެރިޔަކަށް ހުންނަ މީހާ ހުރިހާ ކަމެއްހެން ކޮންޓްރޯލްކޮށް، މަދު ކަމެއްގައި ނޫނީ އެހެން މުވައްޒަފުންނަށް އެއްވެސް މިނިވަންކަމެއް ނުދޭ ނަމަ ދެން ކުރިމަތިވާނީ ސްޓްރެސް އެވެ. އާ ދިރާސާއެއްގައި ބުނަނީ މިއީ ހީކުރާ ވަރަށް ވުރެ ސީރިއަސް މައްސަލައެއް ކަމަށާއި މިކަމުގެ ސަބަބުން އުމުރު ވެސް ކުރުވެދާނެ ކަމަށެވެ.


"ވަޒީފާގައި މިނިވަންކަން ކުޑަ، ސްޓްރެސް ބޮޑު ވަޒީފާތަކުގައި އުޅޭ މީހުން، މިނިވަންކަން ބޮޑު ވަޒީފާތަކުގައި އުޅޭ މީހުންނަށް ވުރެ ޒުުވާން އުމުރުގައި މަރުވާކަން މި ހޯދުމުން ވަނީ އެނގިފައި،" ދިރާސާކުރި، އިންޑިއާނާ ޔުނިވަސިޓީގެ ކެލޭ ސްކޫލް އޮފް ބިޒްނަސްގެ އެސިސްޓެންޓް ޕްރޮފެސަރު އެރިކް ގޮންޒާލެޒް މޫލް ވިދާޅުވެފައިވެ އެވެ.

މި ދިރާސާއިން ދެން ފާހަގަވި އަނެއް ކަމަކީ ޒިންމާތައް ބޮޑު އެކަމަކު އަމިއްލަ މިނިވަންކަން ބޮޑުކޮށް ވަޒީފާ އަދާކުރާ މީހުން، މިނިވަންކަން ކުޑަކޮށް ވަޒީފާ އަދާކުރާ މީހުންނަށް ވުރެ އުމުރު ދިގުކަމެވެ. އެގޮތުން، މިނިވަންކަން ބޮޑުކޮށް ވަޒީފާ އަދާކުރާ މީހުންގެ އުމުރުން އެވްރެޖް ގޮތެއްގައި 35 ޕަސެންޓް އިތުރު ކަމަށް ދިރާސާއިން ދެއްކި އެވެ.

ނަމަވެސް، ވަޒީފާގައި މިނިވަންކަން ކުޑަވުމާއި އުމުރު ކުރުވުމާ ހުރީ ކޮން ގުޅުމެއް ކަމެއް މި ދިރާސާއިން ކަށަވަރެއް ނުވެ އެވެ. އެކަމަކު ގޮންޒާލެޒް ވިދާޅުވެފައި ވަނީ ވަޒީފާއި އަމިއްލަ މިނިވަންކަން ކުޑަވުން ސިއްހީ މައްސަލަތާ ގުޅޭ ކިތަންމެ ކަމެއް އެބަހުރި ކަމަށެވެ.

"ވަޒީފާގެ މާހައުލުން ސިއްހަތަށް އަސަރުކުރާކަން އެނގޭ. ސްޓްރެސް ބޮޑު ވަޒީފާތަކުން އެ މީހެއްގެ ދިރިއުޅުން އަމިއްލަ އަށް ވަޒަންކުރާ ގޮތަށް އަސަރުކޮށް، ދިރިއުޅުމަށް ބަދަލު އާދޭ،" އޭނާ ވިދާޅުވެފައިވެ އެވެ.

އެގޮތުން ގޮންޒާލެޒް ދެއްކެވި އެއް މިސާލަކީ، މިނިވަންކަން ކުޑަ ވަޒީފާތަކުގައި އުޅޭ މީހުންގެ ތެރޭގައި އެކަށީގެންވާ ވަރަށް ވުރެ ފަލަ މީހުން ގިނަކަމެވެ. ހަމަ އެގޮތަށް، އަމިއްލަ މިނިވަންކަމާ އެކު މަސައްކަތްކުރާ މީހުންގެ ތެރޭގައި، ފަލަ މީހުން ނިސްބަތުން މަދުކަން ވަނީ ފާހަގަކުރައްވައިފަ އެވެ.

ދިރާސާ ޓީމުން ވަނީ ވަޒީފާގައި މިިނިވަންކަން ބޮޑަށް ދިން ވަރަކަށް، ސްޓްރެސް ލެވަލް ދަށްވެ އެކަމުގެ ސަބަބުން ސިއްހަތަށް ރަނގަޅު އަސަރުތައް ކުރާކަން ފާހަގަކޮށްފަ އެވެ.

މި ދިރާސާ މިހާރު ވަނީ ޕާސަނަލް ސައިކޮލޮޖީގައި ޝާއިއުކޮށްފަ އެވެ.