ފެޝަން ބްލޮގާ ލިއެންޑްރާގެ ބޫޓު ކަލެކްޝަނެއް

ފެޝަން ދާއިރާގެ ފުންނާބުއުސް ބްރޭންޑުތަކުގެ ތެރޭގައި ފެޝަން ބްލޮގަރުންގެ ނަން ވެސް ފަހަކަށް އައިސް ހިމެނެ އެވެ. ފެޝަން ބްލޮގަރުން ފޮލޯކުރާ މީހުންނަށް ލިއެންޑްރާ މެޑީން އަކީ އާ ނަމެއް ނޫނެވެ. އޭނާގެ ބްލޮގް މޭން ރިޕެލާ އަކީ އެހެން ފެޝަން ބްލޮގްތަކަށްވުރެ ތަފާތު އަދި މަޖާ ބްލޮގެކެވެ. އޭގައި އެކި ވައްތަރުގެ ފެޝަން ޓްރެންޑްތަކާއި ޝޯތަކަށް އޭނާގެ ހެއްވާ މަޖާ އަދި ވިސްނުންތެރި ހިޔާލުތައް ހިއްސާ ކުރެ އެވެ.


ފޯބްސްގެ "ޓޮޕް 30 އަންޑާ 30"ގެ ލިސްޓުގައި 2012 ވަނަ އަހަރު ހިމެނުނު ލިއެންޑްރާ އޭނާގެ ފުރަތަމަ ބޫޓު ކަލެކްޝަން މިދިޔަ މަހު ވަނީ ނެރެފަ އެވެ.

އެމް އާރް ބައި މޭން ރިޕެލާ ކިޔާ ބޫޓު ކަލެކްޝަންގައި 10 ވައްތަރުގެ ބޫޓު ހިމެނެ އެވެ. އޭގެ ތެރެއިން ފިޔާތޮށި ކުލައިގެ ވެލްވެޓް ލޯފާ، އެކި ކުލައިގެ ވަދު ޖަހާފައިވާ ޕްލެޓްފޯމް ހީލްސް، އަދި ފިނި މޫސުމަށް އެކަށީގެންވާ އެންކަލް ބޫޓުވެސް ހިމެނެ އެވެ.

އުމުރުން 27 އަހަރުގެ ލިއެންޑްރާ އޭނާގެ ބޫޓުތަކަށް ދީފައިވަނީ ވަރަށް ތަފާތު ނަންތަކެކެވެ. އޭގެ ތެރެއިން "ލޮލް އިފް ޔޫ ތިންކް އައިމް ވޯކިން" ހިމެނެ އެވެ.

މަޝްހޫރު ސައިޓް ނެޓް އަ ޕޯޓާ ގައި އެމް އާރް ބައި މޭން ރިޕެލާ ގަންނަން ލިބެން ހުންނާނެ ކަމަށް ފެޝަން މަޖައްލާ ފެޝަނިސްޓާ ގައި ލިއެންޑްރާ ބުނެފައިވެ އެވެ. ބޫޓުތަކުގެ އަގު އުޅެނީ 350 ޑޮލަރާއި 795 ޑޮލަރާއި ދެމެދުގަ އެވެ.

A photo posted by Man Repeller (@manrepeller) on

ވެލްވެޓް ފޮތިން ތައްޔާރުކޮށްފައިވާ ބޫޓު މި ކަލެކްޝަންގައި ގިނަކަމަށް ފާހަގަކުރެވެ އެވެ. ފަހުގެ އެންމެ ޒަމާނީ ފޮއްޗަކީ ވެލްވެޓެވެ. ނަމަވެސް ލިއެންޑްރާ ބުނިގޮތުގައި އޭނާ ވެލްވެޓް ބޭނުންކުރީ ޓްރެންޑްތަކަށް ބަލާފައެއް ނޫނެވެ.

"އަހަރެންގެ ބޫޓުތައް ގަންނަ މީހުން ހެދުމާ އެކު ބޫޓު ސްޓައިލް ކުރަންޖެހެނީ އަހަރެން ލާ ގޮތަކަށް ނޫން. މި ބޫޓުތައް ގަނެގެން ކޮންމެ މީހަކު ވެސް އެމީހެއްގެ ވައްޓަފާޅިއަކަށް ސްޓައިލް ކޮށް ލާންޖެހޭނީ. އެއީ ހަގީގަތުގައި ސްޓައިލަކީ،" ފެޝަނިސްޓާއަށް ދިން އިންޓަވިއުއެއްގައި ލިއެންޑްރާ ބުނެފައިވެ އެވެ.