ފަލަވަނީ ބައިވެރިޔާ ސްޓްރެސް ވެފައި ހުރުމުން ކަމަށް ވެދާނެ

މިއީ ހެއްވާ ވާހަކައަކަށް ވެދާނެ އެވެ. އާ ދިރާސާއެއްގައި ބުނަނީ ސްޓްރެސް ވެފައި ހުންނަ މީހަކާ ކައިވެނިކޮށްގެން އުޅޭ ނަމަ އުނަގަނޑާ ހިސާބުގައި މަސްޖަހައި ފަލަވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.


"މީހާގެ ބަރުދަން އިތުރުވެގެން ދިއުމަށް ހުރި ސަބަބުތަކަށް ބަލާއިރު ތިމާގެ ސްޓްރެސް ލެވަލްގެ އިތުރުން، ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ މީހާގެ ސްޓްރެސް އަށް ވެސް މިކަމުގައި ދައުރެއް އަދާކުރާ ކަމަށް ބަލަންޖެހޭ،" ޔުނިވަސިޓީ އޮފް މިޝިގަން އިންސްޓްޓިއުޓް ފޯ ސޯޝަލް ރީސާޗްގެ އެސޯސިއޭޓް ޕްރޮފެސަރު ކީރާ ބާޓީޓް ވިދާޅުވި އެވެ.

ބާޓީޓް އާއި އޭނާގެ ބައިވެރިން ކުރިން ދިރާސާއިން އެނގުނު ގޮތުގައި ކައިވެނީގެ ހަޔާތުގެ އުފާވެރިކަން އޮންނަ މިންވަރު ވެސް، އަނބިމީހާ ނުވަތަ ފިރިމީހާ ހަތަރު އަހަރު ތެރޭ ފަލަވުމަށް އޮންނަ ފުރުސަތާ ގުޅެ އެވެ.

ބައިވެރިޔާގެ ސްޓްރެސް އާއި ކައިވެނީގެ ހަޔާތުގެ އުފާވެރިކަމާ ދެމަފިރިންގެ ބަރުދަނަށް ބަދަލު އައުމާ ގުޅުމެއް އެބަހުރިކަން ދިރާސާއިން ދެއްކި ނަމަވެސް މިއީ ކިހިނެއް ދިމާވާ ކަމެއްކަން ދިރާސާއިން ހޯދިފައެއް ނުވެ އެވެ. އެކަމަކު ޔޭލް ސްކޫލް ޕަބްލިކް ހެލްތުގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން މޮނިން ވިދާޅުވި ގޮތުގައި މިއީ ސްޓްރެސް ދަށްކުރުމުން މަސައްކަތްކުރާއިރު ވަކި މީހަކަށް އަމާޒުކޮށްގެން ފަރުވާ ކުރިއަށް ގެންދިއުމުގެ ބަދަލުގައި އެ މީހެއްގެ ބައިވެރިޔާ އަށް ވެސް އެކަން އަމާޒުކުރަންޖެހޭކަން އެނގުނު ދިރާސާއެކެވެ.

މީހާ ފަލަވުމުގައި، އުނަގަނޑުގެ ވަށަމިން މުހިންމުވަނީ ބަނޑުގައި އިތުރަށް މަސް ޖަހާފައި ހުންނަ ވަރު ދެނެގަތުމަށާއި އެކި ބަލިތަކަށް ހުށަހެޅުމަށް އޮންނަ ނުރައްކަލުގެ މިންވަރު ދެނެގަތުމަށެވެ.

"...އަންހެނެއްގެ އުނަގަނޑު މަތިން 35 އިންޗިއަށް ވުރެ ފަލަ ނަމަ އެއީ ސިއްހީ ގޮތުން ރައްކާތެރި ނޫންކަން އަންގައިދޭ ކަމެއް. ފިރިހެނުން ނަމަ 40 އިންޗި،" ބާޓީޓް ވިދާޅުވެފައިވެ އެވެ.

މި ދިރާސާގައި، ކައިވެނިކޮށްގެން އުޅޭ 2000 އަށް ވުރެ ގިނަ އަންހެނުންނާއި ފިރިހެނުން ބައިވެރިކޮށްފައިވެ އެވެ. ދިރާސާ ފެށި އިރު ކޮންމެ 10 މީހަކުން ހަ މީހަކު (59 ޕަސެންޓް ފިރިން، 64 ޕަސެންޓް އަނބިން) ގެ އުނަގަނޑުގެ ސައިޒު ހުރީ ސިއްހީ ގޮތުން ނުރައްކާ ކަމަށް ބަލާ މިންގަނޑުގަ އެވެ.

ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން ނުވަ ޕަސެންޓް މީހުންގެ އުނަގަނޑުގެ ސައިޒު ހަތަރު އަހަރު ތެރޭ 10 ޕަސެންޓަށް އިތުރުވިކަން ފާހަގަވި އެވެ. އެގޮތުން، ފިރިމީހާ ސްޓްރެސްވެފައި ހުންނަ ނަމަ އަނބިންގެ އުނަގަނޑުގެ ސައިޒު ބޮޑުވުމަށް އޮންނަ ފުރުސަތު، 1.6 ގުނަ އިތުރެވެ. އެކަމަކު އުނަގަނޑުގެ ސައިޒު 10 ޕަސެންޓަށް ވުރެ އިތުރުވުމުގެ ފުރުސަތު، އަނބިންނަށް ވުރެ ފިރިންނަށް ބޮޑުކަން ވަނީ ފާހަގަވެފަ އެވެ.

ކައިވެނީގެ އުފާވެރިކަން ގެއްލޭ ފަދަ ހާލަތްތައް މެދުވެރިވެ ދެ މީހުންގެ ސްޓްރެސް ލެވަލް ވެސް މައްޗަށްދާ ނަމަ ބަރުދަން އިތުރުވެ ސިއްހީ މައްސަލަތަކަށް އޮންނަ ފުރުސަތު ވަކިން ބޮޑުވާކަން ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފަ އެވެ.