ލަވަޔަކުން ތަންކޮޅެއް އަބަދު ކިޔެނީތަ؟

އޮފީހަށް ދާން ތައްޔާރުވަމުން ދިޔައިރު އިވުނު ލަވައެއްގެ ތަންކޮޅެއް އޮފީހަށް ގޮސް އިނދެގެން އިރުއިރުކޮޅާ ކިޔޭ ގޮތް ދިމާވޭ ހެއްޔެވެ؟ އެހެން ދިމާވުމަކީ ވަރަށް އާންމު ކަމަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިކަން ދިމާ ނުވާ މީހަކު ވަރަށް މަދު ވެސް ވާނެ އެވެ. އެއީ ކީއްވެހެއްޔެވެ؟


ދިރާސާކުރާ މީހުން "އިއަވޯމް" ގެ ނަން ދީފައިވާ މި ހާލަތާ ގުޅޭ ގޮތުން އިނގިރޭސި ވިލާތުގެ ތަޖުރިބާކާރުންގެ ޓީމަކުން އަލަށް ކުރި ދިރާސާތަކަކަށް ފަހު ބުނަނީ މިގޮތަށް ލަވަޔަކުން ތަންކޮޅެއް އަބަދު ކިޔޭ ގޮތް ދިމާވަނީ އެ ލަވައެއްގެ މަގުބޫލުކަން ނުވަތަ ރީތި ކަމުގެ ސަބަބުން ނޫން ކަމަށެވެ.

"ޗާޓުތަކުގައި ކާމިޔާބު ނޫން ލަވައެއް ނަމަވެސް އެ ލަވައެއްގެ މެލޮޑީގައި ހުންނަ ސިފަތަކެއްގެ ސަބަބުން އެ ލަވަޔަކުން ތަންކޮޅެއް ސިކުނޑީގައި ހަރުލުމަކީ ވެދާނެ ކަމެއް. މިއީ ޕްރައިވެޓް މިއުޒިކަލް ސްކްރީންސޭވާއެއް ގޮތަށް މަސައްކަތްކުރާ ކަމެއް،" ޑުރްހަމް ޔުނިވަސިޓީގެ ޑިޕާޓްމަންޓް އޮފް މިއުޒިކްގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ކެލީ ޖަކުބޯސްކީ އޭނާގެ ދިރާސާއަށް ފަހު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ މިގޮތަށް މީހުންނަށް އަބަދު ކިޔޭ ގޮތަށް މެދުވެރިވާ ލަވަތަކުގެ ތެރޭގައި އަވަސް ލަވަތައް ގިނަ ކަމަށާއި މެލޮޑީގައި ވެސް އެފަދަ ލަވަތަކުގައި އެއްގޮތް ކަމެއް ހުންނަ ކަމަށެވެ. ޑރ. ކެލީ ވިދާޅުވެފައިވާ ގޮތުގައި މިފަދަ ލަވަތަކުގައި އެހެން ލަވަތަކާ ތަފާތުވާ ގޮތަށް ލަވައިގެ ތެރެއިން ހުއްޓުންތައް އަންނަ ގޮތާއި ތަކުރާރުވާ އަޑުތަކެއް ވެސް ހުންނަ ކަމަށެވެ. މިސާލެއްގެ ގޮތުގައި ކެލީ ފާހަގަކުރައްވަނީ ޑީޕް ޕާޕްލްގެ "ސްމޯކް އޮން ދަ ވޯޓާ" އާއި ލޭޑީ ގާގާގެ "ބޭޑް ރޮމޭންސް" އެވެ.

މީގެ އިތުރުން ލަވައިގެ އެކި ބައިތައް ކިޔުމުގައި އަޑު ލުއިކޮށްލުމާއި އެހެން ބައިތައް ކިޔާއިރު ބާރަށް ކިޔާފައި ހުރުމަކީ ވެސް ސިކުނޑިއަށް ލަވައެއް ރައްކާކުރެވުން ފަސޭހަވާ ކަމެއްގެ ގޮތުގައި މި ދިރާސާއިން ވަނީ ފާހަގަވެފަ އެވެ. މީގެ މިސާލެއްގެ ގޮތުން، ކުޑަކުދިން "ޓްވިންކަލް ޓްވިންކަލް ލިޓްލްސްޓާ" ފާހަގަކޮށްފައިިވެ އެވެ.

ދިރާސާއިން އެނގުނު ގޮތުގައި، ލަވަޔަކުން ތަންކޮޅެއް ކިޔޭ ގޮތް މެދުވެރިވާ މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންނަށް އެ ލަވައެއް އަޑު އިވިފައި ހުންނަނީ ސިކުނޑި ވަރަށް ހުސްކޮށް ހުންނަ ވަގުތެއްގަ އެވެ. އެއީ މާބޮޑު ފިކުރެއް ނެތި ހިނގާފައި ދަނިކޮށް ނުވަތަ އާންމުކޮށް ކުރާ މަސައްކަތެއް ކުރަމުން ދަނިކޮށެވެ.

އަވަސް ލަވަތަކާއި ފަސޭހައިން ނަގައިގަނެވޭ ފަދަ ޅެމަށް ކިޔާފައި ހުންނަ ލަވަތައް މި ދިރާސާގައި ފާހަގަވެފައި ވަނީ އެންމެ އާންމުކޮށް ސިކުނޑީގައި ހަރުލާ ލަވަތަކުގެ ގޮތުގަ އެވެ.