އަންހެނުންނާއި ފިރިހެނުންގެ އުމުރުގައި އަދިވެސް ތަފާތު ބޮޑު

މުޅި ދުނިޔެއަށް ބަލާއިރު އިންސާނުންގެ އުމުރު ކުރިއަށް ވުރެ ދިގު ކަމަށާއި އެކަމަކު އަދިވެސް ފިރިހެނުންނަށް ވުރެ އަންހެނުންގެ އުމުރު ދިގުވުމުގެ ތަފާތަށް ބަދަލެއް ނާންނަ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.


މި ދިރާސާކުރުމަށް ބައިނަލްއަގުވާމީ ޓީމަކުން ވަނީ އެކި ކަންކޮޅުތަކުން އެއް މިލިއަން މީހުންގެ މައުލޫމާތު އެއްކޮށްފަ އެވެ. އެގޮތުން 18 ވަނަ ގަރުނުން ފެށިގެން މިހާ ހިސާބަށް އައި އިރު އިންސާނުންގެ އުމުރު ދިގުވެފައިވާކަން ވަނީ އެނގިފަ އެވެ.

އުމުރު ދިގުވުމުގެ މިސާލެއްގެ ގޮތުގައި، ސްވިޑަންގައި 200 އަހަރު ތެރޭގައި މީހުންގެ އެވްރެޖް އުމުރު ވަނީ 30 އިން 80 އިން މައްޗަށް ގޮސްފަ އެވެ.

"މީގެ އެތައް މިލިއަން އަހަރެއް ކުރިން އިންސާނުންގެ އުމުރު ދިގުވަމުން އައި މިންވަރަށް ވުރެ ބޮޑު ކުރިއެރުމެއް މިދިޔަ ދެތިން ސަތޭކަ އަހަރު ތެރޭ ވަނީ ލިބިފައި،" ދިރާސާގައި ބައިވެރިވެ ވަޑައިގެންނެވި ސޫޒަން އަލްބާޓްސް ވިދާޅުވެފައިވެ އެވެ. އޭނާ އަކީ ޑިއުކް ޔުނިވަސިޓީގެ ބަޔޮލޮޖީ ޕްރޮފެސަރެކެވެ.

ދިރިއުޅުމަށް އައި ކުރިއެރުމާއި ބޭސްވެރިކަން ރަނގަޅުވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، އިންސާނުންގެ އުމުރު ޖުމުލަ ގޮތެއްގައި ދިގުވި ކަމުގައި ވިޔަސް އަދިވެސް ފިރިހެނުންގެ އުމުރު އަންހެނުންގެ އުމުރަށް ވުރެ ކުރެވެ.

އަލްބާޓްސް ވިދާޅުވީ އުމުރު ދިގުވުމާ ގުޅިފައި ވަނީ އިންސާނީ ތަރައްގީ ކަމަށާއި އެކަމަކު މި ކުރިއެރުމާ އެކު އަންހެނުންނާއި ފިރިހެނުންގެ އުމުރުގެ ފަރަގު ކުޑަ ނުވުމަކީ އަޖައިބެއް ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގެ ސަބަބަކީ ޖެނެޓިކްސް އާއި ދިރިއުޅުމުގެ ވައްޓަފާޅި ކަމަށް ވެދާނެ ކަމަށް ދިރާސާ ޓީމުން ލަފާކުރެ އެވެ.

މިކަމާ ބެހޭ ގޮތުން ކުރި ދިރާސާ ޕްރޮސީޑިންސް އޮފް ދަ ނެޝަނަލް އެކަޑަމީ އޮފް ސައިންސަސްގައި ޖާނަލްގެ މި މަހުގެ 21 ވަނަ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.