ކަނޑޫދޫ މިރުސް ކިލޯއެއް 900ރ. އަށް

މާލެ އިން ކަނޑޫދޫ މިރުސް ކިލޯއެއް ވިއްކަނީ 800-900ރ. އާ ދެމެދުގެ އަގުތަކެއްގައި ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.


ލޮކްޑައުނާ ގުޅިގެން ލޯކަލް މާރުކޭޓު ބަންދު ކުރި ނަމަވެސް، ކަނޑޫދޫ އިން މިރުސް ގެނެސްގެން ބައެއް ވިޔަފާރިވެރިން އަންނަނީ ވިއްކަމުންނެވެ. އޮންލައިންކޮށް އޯޑަރުދީގެން ކަނޑޫދޫ މިރުސް ވިއްކާ ވިޔަފާރިވެރިޔާ އަހުމަދު ރިއްފަތު (ބީމާ) ބުނީ، ރޯދަ އާއި ދިމާކޮށް ކަނޑޫދޫ މިރުސް ގެނެސްގެން ވިއްކަމުން އަންނަ ކަަމަށެވެ. އެގޮތުން މިހާރު ކިލޯއެއް ވިއްކަނީ އަމިއްލަ އަށް ބަަލާ އަންނަ ނަމަ 850ރ. އަށް އަދި ޑެލިވަރީ ކުރާ ނަމަ 900ރ. އަށް ކަމަށެެވެ.

އޭނާ ބުނީ، ރޯދަ މަސް ފެށުމުގެ ދެތިން ދުވަސް ކުރިން މި މިރުހުގެ އަގު ހުރީ 1،100ރ. ގައި ކަމަށެވެ. އެހެން ނަމަވެސް މިހާރު އަގު ކޮންމެވެސް ވަރަކަށް ވަނީ ދަށްވެފަ އެވެ. ކަނޑޫދޫ މިރުހަކީ އާންމުންގެ ބޮޑު ޑިމާންޑެއް އޮންނަ މިރުހަކަށްވާ އިރު ރޯދައާ ދިމާކޮށް މި މިރުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެ އެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ކަނޑޫދޫ މިރުހުގެ ޑިމާންޑް އިންތިހާއަށް ބޮޑުވެ، ކިލޯއެއް 1،500ރ. އަށް ވެސް އެރި އެވެ.

"މިފަހަރު މިރުސް ހޯދުމުގައި ދަތިތަކެއް އެބަހުރި. ވަރަށް އުނދަގުލުން މިގެންނަނީ. މާދަމާ އަނެއްކާ ވެސް މިރުހުގެ އާ ޝިޕްމެންޓެއް އަންނާނެ. އެއަށް ފަހު އަނެއްކާ ވެސް ނޭންގެ ލިބޭނެ އިރެއް،" އޭނާ ބުންޏެވެ.

މިދިޔަ އަހަރުތަކުގައި އާންމުކޮށް 400 ނުވަތަ 500 ކިލޯގެ މިރުސް ލިބުނު ނަމަވެސް މިހާރު ކަނޑޫދޫން ލިބެނީ ގާތްގަނޑަކަށް 130 ކިލޯގެ މިރުސް ކަމަށް ރިއްފަތު ބުންޏެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މިދިޔަ ހޫނު މޫސުމުގެ ދުވަސްވަރު އެންމެ ރަނގަޅަށް ދަނޑުވެރިންނަށް މިރުސް ނުހެއްދުމެވެ.

ތ. ކަނޑޫދޫ ކައުންސިލްގެ މެންބަަރު މުހައްމަދު އާދަމް ވިދާޅުވީ، އެ ރަށުގައި މިރުސް ވިއްކަނީ ކިލޯއެއް 800ރ. އަށް ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ އިރު މާލެ އަށް މިރުސް ގެންދިޔުމުގައި ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. ހާލަތު ކިތަންމެ ގޯސްވެފައި އޮތް ނަމަވެސް، އެރަށުގައި ވިއްކާ މިރުހުގެ އަގާއި މާލޭގައި އެރަށު މިރުސް ލިބެން ހުރި ވަރު ހުރީ ދާދި އެއްހަމައެއްގަ އެވެ.

"ބައެއް ދަނޑުވެރިން މިފަހަރު ވެސް ވަރަށް ރަނގަޅަށް ދަނޑުތައް ހައްދާފައި އެބަހުރި. މިހާރު ހަމައެކަނި ގެންދަނީ، ވަކި ވަކި ވިޔަފާރިވެރިންގެ އޯޑަރުތަކަށް،" އޭނާ ވިދާޅުވި އެވެ.

ކަނޑޫދޫ އަކީ މިރުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއް ކުރާ އެއް ރަށެވެ.

ކަނޑޫދޫ މިރުހުގެ އިތުުރުން ރާއްޖެ އިން ބޭރުން ގެނެސްފައިވާ މިރުސް ވެސް މިދުވަސްވަރު ބާޒާރުގައި ލިބެން ހުރީ ވަރަށް މަދުންނެވެ. އެއާ އެކު އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެގޮތުން ބޭރު މިރުސް ކިލޯއެއްގެ އަގު އުޅެނީ 400ރ. އާއި 500ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.