ކުޅިވަރު / އެތުލެޓިކްސް އެސޯސިއޭޝަން

ލަންކާގެ ގަރުނުގެ ހާފް މެރަތަން އަށް މަރީ، މޯޑް ޝަރަފް، ރިޝްމީ

ރިޝްމީ، މޯޑް، މަރީ ޝަރަފް

14 ޖެނުއަރީ 2022 - 15:20

1 comments

އަވަށްޓެރި ސްރީ ލަންކާގެ އެތުލެޓިކްސް އަށް 100 އަހަރު ފުރުން، ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ހާފް މެރަތަންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު އިއުލާންކޮށްފި އެވެ.

މި މަހު 22 ގައި ބާއްވާ ހާފް މެރަތަންގައި ރާއްޖޭގެ ގައުމީ ޓީމު ތަމްސީލު ކުރާނީ، މުހައްމަދު ރަޝީދު (މޯޑް) އާއި އައިޝަތު ރިޝްމީގެ އިތުރުން މުހައްމަދު ޝަރަފް އާއި މަރްޔަމް އަބްދުލް ކަރީމް (މަރީ) އެވެ. އެޓީމުގެ ކޯޗަކީ، މިދިޔަ ހޯމަ ދުވަހު ޑާކާ މެރަތަންގައި ވެސް ދިވެހި ޓީމުގެ ކޯޗްކަން ކުރި ނަސްރުﷲ އަހްމަދު (ނަސްރު) އެވެ. ޑާކާ މެރަތަންގައި ނަސްރުގެ ކޯޗް ކަމުގެ ދަށުން ވާދަކުރީ، އޭނާގެ ބެލުމުގެ ދަށުން ޓްރޭނިން ހަދަމުން އަންނަ، މޯޑް އާއި ރިޝްމީ އެވެ. ފުލް މެރަތަންގައި ވާދަކޮށް މޯޑް ރޭސް ނިންމީ 2:45:28 (ދެ ގަޑިއިރު 45 މިނެޓް 28 ސިކުންތު) އިންނެވެ. އަދި ރިޝްމީ ރޭސް ނިންމީ، 3:26:26 އިންނެވެ.

ހާފް މެރަތަން އަށް ހާއްސަ، ޝަރަފް ވެސް ޑާކާ މެރަތަންގައި ވާދަ ކުރާ ގޮތަށް ކުރިން ހަމަޖެއްސި އެވެ. އެކަމަކު ފަހުން ކޮވިޑް-19 ގެ ސަބަބުން ބަންގްލަދޭޝްގެ އެތުލެޓިކްސްއިން ނިންމީ ހާފް މެރަތަން ނުބޭއްވުމަށެވެ. އެހެންވެ އެތުލެޓކްސް އެސޯސިއޭޝަނުން ޝަރަފްގެ ނަން ލިސްޓުން އުނި ކުރީ އެވެ.

މެރަތަންގައި އަންހެނުންގެ ހުރިހާ ގައުމީ ރެކޯޑެއް ހަދައިފައިވާ މަރީ އެންމެ ފަހުން ވާދަކުރި ގައުމީ ޓީމުގެ އިވެންޓަކީ، ނޭޕާލްގައި ޑިސެމްބަރު 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް އެވެ. ކޮވިޑް-19 އާ ގުޅިގެން 2020 ގައި ގިނަ މަރަތަން އިވެންޓްތަކެއް ކެންސަލް ކުރި އެވެ.

ޝަރަފް ގައުމީ ޓީމު އިވެންޓަކަށް ނުކުންނަނީ ދިގު މުއްދަތަކަށް ފަހު އެވެ.

ޓީމުގެ ކޯޗް ނަސްރު ކުރިން ހަމަޖައްސާފައި އޮތީ މާދަމާ އިންޑިއާގައި ފަށަން ހަމަޖައްސާފައިވާ ސައުތު އޭޝިިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކޯޗިން ޓީމުގައި ވެސް ބައިވެރިވާ ގޮތަށެވެ. އެމުބާރާތުގެ ކޯޗިން ޓީމުގައި ދެން ހިމެނޭނީ ތަޖުރިބާކާރު ކޯޗް އަބްދުﷲ އިބްރާހިމް (އަބްޅޯ) އެވެ. ހުސް ބިންތަކުގަޔާއި ވިނަގަނޑު ސަރަހައްދުގައި ދުވެގެން ރޭސް ފުރިހަމަ ކުރާ ކްރޮސް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެތުލީޓުންނަކީ މުހައްމަދު އިރުފާން، ހުސައިން ފަޒީލް ހާރޫން (ފްލޭޝް)، ޔޫސުފް އިބްރާހިމް، އިބްރާހިމް އާދަމް، އާބިދު އަހްމަދު ސިރާޖު އަދި ޝައިހާން މުހައްމަދެވެ.

އެކަމަކު އިންޑިއާގައި މިވަގުތު ކޮވިޑްގެ ހާލަތު އޮތް ގޮތުން، ކްރސް ޗެމްޕިއަންޝިޕް މާޗްމަހަށް ވަނީ ފަސްކޮށްފަ އެވެ.

ނަސްރު އަކީ ރާއްޖެއިން އެންމެ ގިނަ މެރެތަން ވާދަކުރި ދުވުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް 78 މެރެތަންގައި ވާދަކޮށްފަ އެވެ. ދެކުނު އޭޝިއާގައި ވެސް އެންމެ ގިނަ މެރެތަން ދުވެފައިވާ ދުވުންތެރިންގެ ތެރޭގައި ނަސްރު ހިމެނެ އެވެ. މެރެތަންގައި އޭނާގެ އެންމެ ހާއްސަ އަހަރަކީ 2018 ވަނަ އަހަރެވެ. އެ އަހަރު އޭނާ ވަނީ 13 މެރެތަން ދުވެފަ އެވެ. އެ 13 މެރެތަން ވެސް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. ނިމިދިޔަ 2021 ގައި ނަސްރު ވަނީ 12 މެރެތަން ފުރިހަމަކޮށްފަ އެވެ.

މި މަހު ބެންގަލުރޫގައި ބާއްވާ މެރެތަންގައި ބައިވެރިވާ ގޮތަށް ކުރިން ޕްލޭންކޮށްފައި އޮތް ނަމަވެސް، ރާއްޖޭގެ ޓީމުން ލިބުނު ފުރުސަތުގެ ބޭނުން ކުރުމަށް، މިފަހަރު ބެންގަލޫރު މެރެތަންގައި ވާދަނުކުރަން ނަސްރު ވަނީ ނިންމައިފަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިއްބެޭ

15 January 2022

ނަސްރުﷲ އަކީ ވަރަށް އަޙްލާޤު ރަގަނޅު ، ނަމާދަށް ފަރުވާތެރި ބޭފުޅެއް ، އެލްސިޔޮން މިސްކިތް(ދުބުރިި މިސްކިތް) ން ވަރަށް ގިނައިން ފެންނަ މޫނެއް. އަބަދުވެސް ކާމިޔާބަށް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454