އިމްރާނާއި ސެންޓޭ އެނބުރި ނިއު ރޭޑިއަންޓަށް

ނިއު ރޭޑިއަންޓުން 2013 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު މުުހިއްމު ދައުރެއް އަދާކުރި ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) އަލުން އެ ކްލަބާ ގުޅިއްޖެ އެވެ.


މިދިޔަ ދެ ސީޒަނުގައި މާޒިޔާ އަށް ކުޅުނު އިމްރާނާއި މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ސެންޓޭ ނިއު އަށް ސޮއިކުރީ ސޯލްޓް ކެފޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން ކްލަބް ވެލެންސިއާގެ އަކްރަމް އަބްދުލްގަނީ ވެސް ވަނީ ނިއުއާ ގުޅިފަ އެވެ. މި ސީޒަނުގައި ނިކަމެތިކޮށް ފެނުނު ނިއު އަލުން ވަރުގަދަކުރަނީ އެ ކްލަބާ އަލަށް ހަވާލުވާ އެގްޒެކެޓިވް ބޯޑުންނެވެ. އަންނަ މަހުގެ 6 ވަނަ ދުވަހުގެރޭ ބާއްވާ އިންތިހާބުގައި ކްލަބުގެ ރައީސްގެ މަގާމަށް ވަޑައިގަންނަވާނީ ދިވެހި ސިފައިންގެ ކްލަބުގެ ކުރީގެ ރައީސް މުހައްމަދު ޒިޔާދެވެ. އަދި ބޯޑް މެމްބަރުންގެ ގޮތުގައި ވިޔަފާރިވެރިންތަކެއް އަންނާނެ އެވެ.

އީގަލްސް އިން ކެރިއަރު ފަށައި ވިކްޓަރީ އާއި ވީބީ އައްޑޫ އެފްސީ އަށް ވެސް ކުޅެފައިވާ އިމްރާން ނިއު އަށް މީގެ ކުރިން ކުޅުނީ 2012-2014 އަށެވެ. އިމްރާން ވަނީ އެ ތިން ސީޒަނުގެ ދިވެހި ލީގާއި ގައުމީ ފުޓްބޯޅަ މުބާރާތް އަދި 2013 ވަނަ އަހަރުގެ އެފްއޭ ނިއުގެ ޖާޒީގައި ކާމިޔާބުކޮށްފަ އެވެ. އަދި 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ނިއު ޖާގަ ހޯދިއިރު އިމްރާން ވަނީ މުހިއްމު ދައުރެއް އަދާކޮށް ކެޕްޓަން ބޭންޑް ވެސް އަޅައިފަ އެވެ.

މިއީ ސެންޓޭ ނިއު އަށް ކުޅޭ ތިން ވަނަ ފަހަރެވެ. އޭވައިއެލް އިން ވިދާލި ސެންޓޭ ވެލެންސިއާ އަށް ކުޅުމަށް ފަހު ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އެ ސީޒަނުގައި ކާމިޔާބެއް ނުހޯދުނުއިރު ޖެހިގެން އައި އަހަރު ވިކްޓަރީ އަށް ކުޅުމަށް ފަހު 2013-2015 އަށް އަނެއްކާ ވެސް ނިއު އަށް ކުޅުނެވެ. އެ ތިން ސީޒަނުގައި ނިއު އިން ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ ކާމިޔާބެއް ހޯދިއިރު ސެންޓޭގެ ދައުރު ވަރަށް ބޮޑެވެ.

ނިއު ދޫކޮށް މި ސީޒަނުގައި ޓީސީ އަށް ބަދަލުވެ ސެންޓޭ ވަނީ ކެރިއަރުގައި މިހާތަނަށް ދެއްކި އެންމެ މޮޅު ކުޅުން ދައްކައިފަ އެވެ. މި ސީޒަނުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި ނަމަވެސް ޓީސީއާ އެކު ތަށްޓެއްގައި އަތްލެވޭ ގޮތެއް ނުވި އެވެ. ލީގުގެ ދެ ވަނަ އަށް ދިޔައިރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ވެސް ބަލިވީ އެވެ.

އެނގިފައިވާ ގޮތުގައި ނިއު އިން އަންނަނީ ސެންޓޭ އާއި އިމްރާނާ އެކު ކުރިން ނިއު އަށް ކުޅެ މި ސީޒަނުގައި ޓީސީގެ ޖާޒީގައި ފެނުނު އަހުމަދު އަބްދުﷲ (ލިލީ) ހޯދުމަށް ވެސް މަސައްކަތްކުރަމުންނެވެ.