ކުޅިވަރު / ޓޭބަލް ޓެނިސް

ފުވައްމުލަކުގެ ޓީޓީ ސެންޓަރު ހުޅުވައި ހައި ޕްރޮފައިލް ކޯޗަކާއެކު ޓްރޭނިން ފަށައިފި

ފުވައްމުލަކުގެ ޓީޓީ ހޯލް ހުޅުވައި ދެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް އާއި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ޓީޓީއޭއެމްގެ އިސްވެރިންނާ އަދި ކުޅުންތެރިންނާއެކު ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ: ރައީސް އޮފިސް

05 ޖޫން 2022 - 23:53

އައިޓީޓީއެފް ވޯލްޑް ޖޫނިއާ މުބާރާތަށް އިންޑިއާގެ އެތުލީޓުން ތައްޔާރުކޮށްދީފައިވާ ކޯޗަކާއެކު ފުވައްމުލަކުގެ ޓޭބަލް ޓެނިސް ސެންޓަރުގެ ޓްރޭނިންތައް ފަށައިފި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ ފުވައްމުލަކުގެ އިންޑޯ ޓީޓީ ސެންޓަރު ރަސްމީކޮށް ހުޅުވައި ދެއްވާފަ އެވެ.

ފުވައްމުލަކުގައި ޓީޓީގެ ޔޫތު ޑިވްލޮޕެމެންޓް މަސައްކަތް ފެށުމަށް ކޯޗަކަށް ހަމަޖެއްސީ، އިންޑިއާގެ ގައުމީ ލެވަލް އެތުލީޓެއް ކަމަށްވާ، ސަންޖީވް ރޯއީ އަށް ކޯޗުކޮށްދިން، ސުޕްރަކާޝް ސަހާ އެވް އުރުދުންގައި 2017 ގައި ބޭއްވި އައިޓީޓީއެފް ވޯލްޑް ޖޫނިއާ ސާކިޓް މުބާރާތުގެ ޓީމު އިވެންޓުން ރިހި މެޑަލް ހޯދި އިންޑިއާގެ ޖޫނިއާ ޓީމުގެ ކުޅުންތެރިޔާ ސަންޖީވްގެ ޕާސަނަލް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ސަހާ އަށް ޓީޓީ އެސޯސިއޭޝަނުން ދިނީ ދެ އަހަރުގެ ޕްލޭނެކެވެ.

"އަޅުގަނޑުމެން ކޯޗު ކައިރީ އެދުނިން ދެ އަހަރު ފަހުން ފުވައްމުލަކުގެ ކުޅުންތެރިޔެއް ގައުމީ ޓީމާ ހަމައަށް ގެނެސް ދިނުމަކީ ވަރަށް ބޮޑު އެދުމެކޭ،" ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ވިދާޅުވި އެވެ.

ފުވައްމުލަކުގެ ޓީޓީ ސެންޓަރުގައި ކޯޗަކަށް ހަމަޖައްސާފައިވާ ސުޕްރަކާޝް ސަހާ (ފޮޓޯގެ މެދުގައި): ޓީޓީއޭއެމުން ވަނީ އޭނާ އާ ދެ ޓާގެޓެއް ހަވާލުކޮށްފަ --- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ޖޫނިއާ ރޭންކިންގެ ގަދަ ފަސް ކުޅުންތެރިންގެ ތެރެއަށް ސަންޖީވް ގެންދިއުމަށް ކޯޗުކޮށްދިން ސަހާ އަށް، ޓީޓީއޭއެމުން ދިން ޓާގެޓް ހާސިލު ކުރެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ގަބޫލު ކުރެ އެވެ. އަންނަ އަހަރަށް ވެސް އޭނާ އަށް ޓާގެޓްތަކެއް ޓީޓީއޭއެމުން ވަނީ ދީފަ އެވެ.

އަންނަ އަހަރު ބާއްވާ ގައުމީ އިންޓަ ސްކޫލް މުބާރާތުގައި ފުވައްމުލަކުގެ ސްކޫލްތަކުން ކުޅުންތެރިން ބައިވެރި ވެވޭނެ މިންވަރަށް އެ ކުޅުންތެރިން ތަމްރީނުކޮށް ދިނުމުގެ މަސައްކަތް ވެސް ސަހާ އާ ވަނީ ހަވާލުކޮށްފަ އެވެ.

އަލީ ވިދާޅުވީ ފުވައްމުލަކުގެ އެކި ސްކޫލްތަކުން މިހާރު ވެސް 300 ކުދިން ޓީޓީ ކުޅެން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިންނާއެކު ފުވައްމުލަކަށް ކުރި ދަތުރުގައި ޓީޓީއޭއެމުން ވަނީ އެރަށުގެ ސްކޫލްތަކުގެ ޓީޗަރުން އަދި ދަރިވަރުންނާ ބައްދަލުކޮށްފަ އެވެ.

ފުވައްމުލަކު ޓީޓީ ހޯލްގައި އަލީ (ވ) ކުއްޖަކަށް ބޯޅަ ޖަހަންވީ ގޮތް ކިޔައި ދެނީ: ފުވައްމުލަކުގެ ޓީޓީ ސެންޓަރު ހުޅުވިގެން ދިއުމުން އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކޮށްފަ --- ފޮޓޯ: ރައީސް އޮފީސް

"ވަރަށް ރަނގަޅު ތަރުހީބެއް ފުވައްމުލަކުގައި އެބައޮތް،" އަލީ ވިދާޅުވި އެވެ.

"ސްކޫލްތަކުގެ ބައްދަލުވުންތަކުން އަޅުގަނޑުމެންނާ ދިމާވި ކުރިން ކޮންމެ ވެސް ވަރަކަށް ޓީޓީ ކުޅެފަ ތިބި މީހުން ވެސް. މިހާރު އަޅުގަނޑުމެންގެ ވިސްނުމަކަށްވީ ކޯޗު މެދުވެރިކޮށް އެމީހުންނަށް ވެސް ކޯޗިންގެ ތަމްރީންތައް ދިނުން."

މާލެއިން ބޭރުގައި ހެދި ފުރަތަމަ ޓީޓީ އިންޑޯ ހޯލަކީ ފުވައްމުލަކުގައި މިހުޅުވި ޓީޓީ ސެންޓަރެވެ. އަލީ ވިދާޅުވި ގޮތުގައި ފުވައްމުލަކުގެ ޓީޓީ ހޯލަކީ ހުޅުމާލޭގެ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކޮށްފައިވާ ޓީޓީ ހޯލްގެ ވަސީލަތްތަކާ އެއް ލެވަލްގެ ތަނެކެވެ.

"މިނިސްޓަރު [އަހްމަދު މަހްލޫފް] ގެ ވަރަށް ބޮޑު އިނިޝިއޭޓިވްއެއް މިއީ. އަދި އެތަނުގެ ޓްރޭނިން އަށް ބޭރުގެ ރަނގަޅު ކޯޗަކު ހަމަޖައްސައި ދިނީވެސް [ޔޫތު] މިނިސްޓްރީން،" އަލީ ވިދާޅުވި އެވެ.

ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް ފުވައްމުލަކުގެ ޓީޓީ ހޯލްގައި ޓީޓީ ކުޅެނީ --- ފޮޓޯ: ރައީސް އޮފީސް

ޓީޓީގެ މަގުބޫލުކަން އާންމުންގެ މެދުގައި މިހާރު އިތުރު ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުވައްމުލަކުގެ މިދަތުރުން އަޅުގަނޑުމެންނަށް އެކަން ވަރަށް ބޮޑަށް ފާހަގަވި. އަދި އޭޕްރީލްގައި އައްޑު އަށް ކުރި ދަތުރުން ވެސް އެކަން އެނގިގެން ދިޔަ."

މޭލާގައި ހުންނަ މުނިއުފާ ޔޫތު ސެންޓަރުގައި ވެސް ޒަމާނީ ފެންވަރުގެ ޓީޓީ އިންޑޯ ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މިދިޔަ މަހު މާލޭގައި ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތުން ރާއްޖޭގެ އަންހެން ޓީމު ވަނީ މެޑަލް ހޯދައިފަ އެވެ. އަދި އިންޑަވިޖުއަލް އިވެންޓްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ރިހި މެޑަލް ވެސް ހޯދައިފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454