ކުޅިވަރު / ވޮލީބޯލް އެސޯސިއޭޝަން ކަޕް

ފޯރިގަދަ ވޮލީ އެސޯސިއޭޝަން ކަޕްގެ ފައިނަލުގެ ފަހު ޖާގަ ޕޮލިހަށް

ފައިނަލުގައި ޕޮލިހާ ދެކޮޅަށް ނުކުންނާނީ ވެމްކޯ

މުބާރާތުގައި ޕޮލިސް ކްލަބް ކުޅުނު މެޗެއްގެ ތެރެއިން ޕޮއިންޓް ހީދުމަށް ފަހު ކުޅުންތެރިން އުފާފާޅު ކުރަނީ: ކްލަބް އީގަލްސް ބަލިކޮށް ޕޮލިސް ފައިނަލަށް ދަތުރު ކުރީ 3-1 ސެޓުން މެޗު ކާމިޔާބު ކޮށްގެން --- ފޮޓޯ: ޕޮލިސް ކްލަބް

07 ޖޫން 2022 - 23:12

ތިންވަނަ ސެމީ ފައިނަލުގައި ކްލަބް އީގަލްސްގެ މައްޗަށް ކާމިޔާބު ހޯދައި، ފޯރިގަދަ ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފައިނަލްގެ ފަހު ޖާގަ ޕޮލިސް ކްލަބުން ހޯދައިފި އެެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ފައިނަލު މެޗުގައި، ޕޮލިހާ ދެކޮޅަށް ނުކުންނާނީ، ފުރަތަމަ ސެމީ ފައިނަލުގައި އެޓީމު ބަލިކޮށް ފައިނަލްގެ ޖާގަ ހޯދި، ކްލަބް ވެމްކޯ އެވެ.

ކޮވިޑް-19 އާ ގުޅިގެން ވޮލީގެ ކްލަބް މުބާރާތްތައް ނުބާއްވާތާ ދެ އަހަރު ފަހުން ބާއްވާ އެސޯސިއޭޝަން ކަޕް މިފަހަރު ފެންނަނީ އެހެން އަހަރުތަކަށް ވުރެ ފޯރި ގަދަ ކޮށެވެ. އެންމެ ފަހުން މުބާރާތް ކުޅުނީ 2019 ގަ އެވެ. އެ އަހަރު މުބާރާތުގެ ފައިނަލުގައި ވެސް ވެމްކޯ އާ ދެކޮޅަށް ނުކުތީ ޕޮލިހެވެ. އެ މުބާރާތް ވެމްކޯ ހޯދީ ފައިނަލުގައި 3-1 ސެޓުން މޮޅު ވެގެންނެވެ.

ސޯޝަލް ސެންޓަރުގެ ގަދަ ހޫނުގައި މެޗުތައް ކުޅުނު ދުވަސް ވަރު ވެސް ވޮލީގެ ފޯރި ގދަ އެވެ. މިހާރު އިންޑޯ ހޯލްގައި އޭސީ ހަރުކޮށްފަ އެވެ. އިންޑޯގެ ފިނީގައި މެޗުތައް ބަލާލަން ވަންނަ މީހުން ގިނަ އެވެ. އަންހެން މުބާރާތް ނިމުމަށް ފަހު ފިރިހެން ޑިވިޝަން ފަށާނެ އެވެ. ފިރިހެން ޑިވިޝަންގައި ވާދަކުރާ ކޮންމެ ޓީމަކަށް ވީއޭއެމުން ވަނީ ބިދޭސީ ތިން ކުޅުންތެރިން ކޮންމެ ޓީމަކަށް ހަމަޖައްސައި ދީފަ އެވެ. އަދި ފިރިހެން ޑިވިޝަން ޕްރަމޯޓް ކުރުމަށް ވެސް ވިއޭއެމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ފަހުގެ ތާރީހުގައި ފެންނާނެ އެންމެ ވާދަވެރި މުބާރާތަށް އެސޯސިއޭޝަން ކަޕްގެ ފިރިހެން މުބާރާތް ވާނެ ކަމަށް، ވޮލީ ކޯޗުންނާއި ރެފްރީން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

މިރޭ ކުޅުނު ތިންވަނަ ސެމީ އަށް ކްލަބް އީގަލްސް ދަތުރު ކުރީ، ރޭ ކްލަބް ވޮލީބޯލް ޓީމު ބަލި ކުރުމަށް ފަހު އެވެ. ފުޓްބޯޅަ އަށް މަޝްހޫރު އީގަލްސްއިން ވަނީ ވޮލީގެ ގަދަ ބާރު ޕޮލިސް ކްލަބާ ދެކޮޅަށް މިރޭ ވަރުގަދަ ފައިޓެއް ދީފަ އެވެ.

ޕޮލިސް ކްލަބް ކުރިން ކުޅުނު މެޗެއްގައި ކުޅުންތެރިން ބޯޅަ ރިސީވް ކުރަން މަސައްކަތް ކުރަނީ: މިފަހަރު ވެސް ފައިނަލްގައި އެޓީމާ ދެކޮޅަށް ނުކުންނާނީ ވެމްކޯ --- ފޮޓޯ: ޕޮލިސް ކްލަބް

ފުރަތަމަ ސެޓް ޕޮލިސް ކްލަބުން ގެންދިޔައީ 25-17 އިންނެވެ. އެކަމަކު ދެވަނަ ސެޓްގައި އީގަލްސް އިން ކުޅުމުގެ ތެރެއަށް އެނބުރި އައިސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ޔެސް ޓީވީން ވަގުތުން ގެނެސް ދެމުން ދިޔަ މެޗުގެ އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވި، ވީއޭއެމް ކޯޗާސް ކޮމިޓީގެ ޗެއާމަން ޝުއައިބު އަހްމަދު ބުނި ގޮތުގައި ދެވަނަ ސެޓްގައި ޕޮލިހަށް މައްސަލަ ދިމާވީ އެޓީމު އެޓޭކް ބޯޅަތަކުގައި ސަމާލު ނުވެ ވުމުންނެވެ.

އީގަލްސްއިން އެ ސެޓް ކާމިޔާބު ކުރީ 25-17 އިންނެވެ. އެޓީމަށް ސެޓް ކާމިޔާބުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ބިދޭސީ ކުޅުންތެރިޔާ ދިނަޝާ އެވެ. އޭނާ ފޮނުވާލާ އެޓޭކް ބޯޅަތައް ރިސީވް ކުރުމުގައި ޕޮލިސްގެ ޓީމަށް އުނދަގޫވި އެވެ. ގޭމްބޯލް ޕޮއިންޓް އީގަލްސް އަށް ހޯދައިދިނީ ދިނަޝާ، ޕޮލިސް ޓީމުގެ ކޯޓްގެ މެދަށް އަމާޒުކޮށް ފޮނުވާލި ބޯޅައިންނެވެ. ޕޮލިހުގެ ކުޅުންތެރިންނަށް ރިސީވް ނުކުރެވި ބޯޅަ ޖެހުނީ ގޮސް ކޯޓްުގެ މެދަށެވެ.

ސެޓް ކާމިޔާބު ކުރި ޕޮއިންޓް އީގަލްސްއިން ހޯދީ އައިޝަތު ޝައްފަ ނެގި ސާވިސް، ޕޮލިހުގެ ހައްވާ ޒީނިޔާ ދީފާއު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ޖެހިފައި ބޯޅަ ދޫވެގެންގޮހެވެ.

ޕޮލިސް ކްލަބް ކުރިން ކުޅުނު މެޗެއްގެ ތެރެއިން: ފައިނަލް މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ --- ފޮޓޯ: ޕޮލިސް ކްލަބް

ޕޮލިހުން މެޗު މޮޅުވި، ފަހު ދެ ސެޓް ހޯދައި ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ހައްވާ ރާޝިދާ އެވެ. ތިންވަނަ ސެޓް އެޓީމުން ކާމިޔާބު ކުރީ 25-20 ންނެވެ. ނެޓް ކައިރިން ހައްވަ ފޮނުވާލި ބޯޅަ ދިފާއުކުރަން އީގަލްސްގެ ދެ ކުޅުންތެރިން ބްލޮކަށް އެރި އެވެ. އެކަމަކު ފެނިގެން ދިޔައީ ދެ ކުޅުންތެރިން އެއްފަހަރާ ބޯޅަ އަށް މަސައްކަތް ކުރުމުން މިސް އަންޑަސްޓޭންޑިން އުފެދި ބޯޅަ ދޫވެގެން ދިޔަ ތަނެވެ.

ފަހު ސެޓް ވެސް ޕޮލިސް ކާމިޔާބު ކުރީ 25-20 ންނެވެ. ފަހު ބޯޅައިގައި ހައްވަ ފޮނުވާލި ބާރު ހަމަލާއެއް ދިފާއު ނުކުރެވި އީގަލްސް އަތުން މެޗު ދޫވެގެން ދިޔަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތިންވަނަ ސެޓް ޕޮލިސް ކޮޅަށް އަނބުރާލުމުގައި މޮޅު ކުޅުމެއް ދެއްކި ހައްވާ ޝަހާ ޝާމިން އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454