ކުޅިވަރު / އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް

އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް މިއަދު ފަށަނީ، ދިވެހި ކުޅިވަރުގައި ތާރީހީ ދުވަހެއް

ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕު 2019 ގައި ރާއްޖޭގެ އެތުލީޓުން ހޯދި ތިން ރަން މެޑަލް ހޯދުމުން ޓީމަށް މަރުހަބާ ކިޔުމަށް ބޭއްވި އިވެންޓްގެ ތެރެއިން: އޭޝިއާގެ މުބާރާތަކުން ރަން މެޑަލް ހޯދި ހަމައެކަނި ކުޅިވަރަކީ ވެސް ބޮޑީ ބިލްޑިން: ފައިލް ފޮޓޯ: މިހާރު

15 ޖުލައި 2022 - 07:08

2 comments

ރާއްޖޭގައި މިއަދު ފަށާ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރަތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާނެ ބައިނަލްއަގްވާމީ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ވާނެ ކަމުގެ ޔަގީންކަން، ބޮޑީ ބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމުން) ވަނީ މާ ކުރިން ވެސް ދީފަ އެވެ.

އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އޮންނަ އެ މުބާރާތުގައި އޭޝިއާގެ 30 ގައުމަކުން އެތުލީޓުން ވާދަކުރާނެ އެވެ. މިހާ ބޮޑު ކޮންޓިންޖެންޓަކާއެކު، ދުނިޔާގެ އެންމެ ބޮޑު ބައްރުގެ ކުޅިވަރު މުބާރާތެއް މީގެ ކުރިއަކުން ރާއްޖޭގެ ފަސްގަނޑުގައި ނުބާއްވަ އެވެ. ދިވެހިން އެންމެ ގިނައިން ބަލައި ކުޅެ އުޅޭ ކުޅިވަރުތަކުގައި ވެސް އޭޝިއާގެ ބޮޑު މުބާރާތެއް ބޭއްވުމުގެ ފުރުސަތު ވެސް ރާއްޖެ އަށް ލިބިފައެއް ނުވެ އެވެ.

"ކުޅިވަރު މުބާރާތަކަށް ރާއްޖޭގައި އަދި މިހާތަނަށް މި ވަރުގެ ކޮންޓިޖެންޓަކަށް ކޭޓާ ކޮށްފައި ވެސް ނުވާނެ. މިއީ ކުޅިވަރު މުބާރާތަކަށް ރާއްޖެ އަންނާނެ އެންމެ ބޮޑު ކޮންޓިންޖެންޓް،" އެ މުބާރާތާ ބެހޭގޮތުން ބީބީއޭއެމްގެ ރައީސް އިބްރާހިމް ހަމީދު ކުރިން ވިދާޅުވެފައި ވެ އެވެ.

"އެ އަށް ބެލިޔަސް މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާނެ އިންޓަނޭޝަނަލް އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ވާނެ."

އޭޝިއާގެ ބައްރުގެ ކުޅިވަރުގެ ބޮޑު މުބާރާތެއް ރާއްޖޭގައި މިއަދު ފަށާތީ އެއީ ކުޅިވަރުގެ ތާރީހީ ބޮޑު ދުވަހެއްގެ ގޮތުގައި ހަމީދު ސިފަކުރި އެވެ. އެ މުބާރާތުން ރާއްޖެ އަށް އިތުރު ފުރުސަތުތަކެއް ފަހިވާނެ ކަމުގެ ޔަގީންކަން އޭރު ވެސް އޭނާ ދެއްވި އެވެ.

އޭގެ ކޮޅުމަތި މިހާރު ވެސް އޮތީ ފެނިފަ އެވެ. ބޮޑީ ބިލްޑިންގްގެ މި އަށް ވުރެ ބޮޑެތި މުބާރާތްތައް ރާއްޖެ އަށް ގެނެވޭނެ ކަމުގެ އިޝާރާތް، އޭޝިއާގެ ބޮޑީ ބިލްޑިންގް ފެޑެރޭޝަން (އޭބީބީއެފް) ގެ ރައީސް ސިންގަޕޫރުގެ ދާތުކް ޕޯލް ޗުއާ ވަނީ ދެއްވައިފަ އެވެ. މުބާރާތުގެ ފިރިހެން ކެޓަގަރީ ހޯސްޓްކުރާ ރަށް މާފުށީގައި ހުންނަވައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ޕޯލް ޗުއާ ވިދާޅުވީ، ރާއްޖޭގެ އިންތިޒާމުތަކާ މެދު އޭނާ އާއި އޭބީބީއެފްގެ އެކްސްކޯ މެންބަރުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

އޭޞީބީއެފްގެ ވެރިންނާއެކު ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ވެރިން: ރާއްޖޭގެ އިންތިޒާމުތަކަށް އޭބީބީއެފްގެ ވެރިން ވަނީ ތައުރީފް ކޮށްފަ --- ފޮޓޯ: ބީބީއޭއެމް

"މިއީ މިހާތަނަށް ބާއްވާ އޭޝިއަން ބޮޑީ ބިލްޑިންގް ޗެމްޕިއަންޝިޕްގެ އެންމެ ފުރިހަމަ މުބާރާތަށް ވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް މިހާރު ވެސް އެބައޮތް،" ޕޯލް ޗުއާ ވިދާޅުވި އެވެ.

މުބާރާތުގެ އަންހެން އިވެންޓްތައް ކުރިއަށް ގެންދާނީ ކްރޮސް ރޯޑްގަ އެވެ. އަންހެން އިވެންޓްތައް ވަކިން އެ ރިސޯޓްގައި ބޭއްވުމާ މެދު ޕޯލް ޗުއާގެ އިއުތިރާޒެއް ނެތެވެ.

އޭނާ ވިދާޅުވީ ކްރޮސް ރޯޑްގައި އިވެންޓް ކުރިއަށް ގެންދާ ތަނަކީ އޭބީބީއެފްގެ ސްޓޭންޑަޑްގެ ތަނެއް ކަމަށެވެ.

"އަޅުގަނޑުމެން ގޮސް އެ ތަން ބަލައިފިން. ވަރަށް ހިތްހަމަޖެހޭ،" ޕޯލް ޗުއާ ވިދާޅުވި އެވެ.

ރާއްޖެއިން 20 އެތުލީޓުން ހިމެނޭ ފިރިހެން ޓީމެއް ވަނީ އެކުލަވައިލައިފަ އެވެ. ދެ ޕޫލަކަށް ބަހައިލައިފައިވާ ޓީމުގެ އޭ ގެ ތަމްރީނުތައް ކުރިއަށް ގެންދަނީ ގައުމީ ޓީމުގެ ހެޑް ކޯޗު މެލޭޝިއާގެ ވޮން ހޮންގެ ބެލުމުގެ ދަށުންނެވެ.

ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕް އިން ރިހި މެޑަލް ހޯދި މުހައްމަދު ރަޝީދު އާއި މުހައްމަދު މޫސާ އާއެކު ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ވެރިން: އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތް ޖުލައި މަހު ރާއްޖޭގައި --- ފައިލް ފޮޓޯ: ބީބީއޭއެމް

ފަހުގެ ތާރީހަށް ބަލާއިރު، ރާއްޖޭގެ ފަސްގަނޑުގައި ބޭއްވި ބައިނަލްއަގްވާމީ މުބާރާތަކުން އެއްވެސް ޓީމަކަށް އަދި އިންޑިވިޖުއަލް އެއްވެސް އެތުލީޓަކަށް ވެސް ރަންމެޑަލެއް ނުލިބެ އެވެ. މި މުބާރަތަކީ އެކަން ބަދަލުވާނެ ފަހަރެވެ. ރާއްޖޭގެ އަމިއްލަ ފަސްގަނޑުގައި ބާއްވާ މުބާރާތުގައި ދިވެހި އެތުލީޓުން ރަންމެޑަލް ހޯދާނެ ކަމުގެ އުންމީދު ކޯޗު ވޮން ހޮން އަށް އެބައޮތެވެ.

މިސްޓަ އޭޝިއޭ ޓައިޓަލް 1999 ގައި ހޯދި ވޮން ބުނިގޮތުގައި، ދިވެހި އެތުލީޓުންގެ ފެންވަރު ފެނުމުން ރަންމެޑަލަށް އޭނާ އެންމެ ފުރަތަމަ ދުވަހު ވެސް އުންމީދު ކުރެވުނު ކަމަށެވެ.

"އަހަރެން ރާއްޖެ އައިސް މި އެތުލީޓުން ފެނުނު ފުރަތަމަ ދުވަހު ވެސް އުންމީދު ކުރެވުނު ރަން މެޑަލަށް. ސަބަބަކީ މި އެތުލީޓުންގެ ކޮންޑިޝަން ވަރަށް ރަނގަޅު،" ހިއުމަން ނިއުޓްރިޝަންގެ ދާއިރާ އިން މާސްޓާސް ޑިގްރީ ވެސް ހާސިލުކޮށްފައިވާ ތަޖުރިބާކާރު ބުންޏެވެ.

"ޓްރޭނިންގައި އިތުރަށް ކުރިއަށް ދިޔަ ވަރަކަށް އަހަރެންނަށް ހިތްހަމަޖެހުން ލިބުނު މި އެތުލީޓުންނާ މެދު. އަހަރެން ބޭނުންވާ ގޮތަށް ޓްރޭނިން ގެންދިއުމުގައި މި އެތުލީޓުން ވަރުބައެއްޔެއް ނުވޭ. އެއީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ."

ގައުމީ ޓީމުގެ ކޯޗު ވޮން (ވ) ޓީމުގެ ޓްރޭނިންގައި: އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ރަން މެޑަލް ހޯދާނެ ކަމުގެ އުންމީދު އޭނާ އަށް އެބައޮތް، --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭބީބީއެފްގެ ރައީސް ޕޯލް ޗުއާ ވެސް ވަނީ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާ އެތުލީޓުންނާ ބައްދަލުކޮށްފަ އެވެ. އޭނާ ވިދާޅުވީ ދިވެހި ޓީމުގެ ބައެއް މޫނުތަކަކީ އޭނާ އަށް ފަރިތަ މޫނުތަކެއް ކަަމަށެވެ. އެއީ މީގެ ކުރިން އޭޝިއާގެ މުބާރާތުން މެޑަލް ހޯދާފައިވާ އެތުލީޓުން ރާއްޖޭގެ ޓީމުގައި ތިބުމުންނެވެ. އެކަމަކު އެ އެތުލީޓުންނަށް ވެސް މި ފަހަރުގެ މުބާރާތް ވަރަށް ހާއްސަ އެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަބްދުލް ހަސީބް، ކުރިން ދިން އިންޓަވިއުގައި ބުނެފައި ވަނީ ރާއްޖޭގައި މުބާރާތް ބާއްވާތީ ދިވެހި އެތުލީޓުން ތިބީ ތަފާތު ރޫހެއްގައި ކަމަށެވެ.

"އަމިއްލަ ފަސްގަނޑުގައި މެޑަލް އަޅާލަން ލިބޭ ޝަރަފަށް ވުރެ ބޮޑު ޝަރަފެއް އެއްވެސް އެތުލީޓަކަށް ނުލިބޭނެ. އެ ޝަރަފް މި ފަހަރު ރާއްޖޭގެ ބޮޑީ ބިލްޑިން އެތުލީޓުންނަށް އިރާދަކުރެއްވިއްޔާ ލިބޭނެ،" ހަސީބް ބުންޏެވެ.

2 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕައި

17 July 2022

ހުރިހާ އެތުލީޓުން ނަށް ކާމިޔާބީޔަށް އެދެން .

The name is already taken The name is available. Register?

މަޒް

16 July 2022

މަހުލޫފު ފޮނިކަނޑަން ކުރާ ކަމެއް. މިއަށް ވުރެން މާ ބޮޑެތި މާކެޓިން ކުޅިވަރުތަށް ގެނެސް މޭޒު މައްޗަށް ޖެހީމާ ރިޖެކްޓް ކުރީ ޓުއަރިޒަމް މިނިސްޓްރީން.. ގެނައި މީހާ އަކީ އާދައިގެ މީހަކަށް ވީމާ.. މިގައުމުގައި އޮތީ ސީޔާސީ މީހުން ހުރިހާ މެޑަލްއެއް ޖެހުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454