ކުޅިވަރު

ކުޑަހެންވޭރު ޔުނައިޓެޑުން ޓެންޓް ސްޕޯޓްސް ބަލިކޮށްފި، ޖޭޖޭ ބަލިކޮށް ޕީކޭ އަށް ފުރަތަމަ މޮޅު

ކުޑަހެންވޭރު ޔުނައިޓެޑުން ޕީކޭއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

މިހާރު ކުރިއަށް ގެންދާ އެފްއޭއެމް ދެވަނަ ޑިވިޝަނުގެ ގުރޫޕް އޭ ގައި ކުޑަހެންވޭރު ޔުނައިޓެޑުން، ޓެންޓް ސްޕޯޓްސް ކްލަބް ބަލިކޮށް ފޯމު ދެމެހެއްޓި އިރު، ކްލަބް ޕީކޭ އިން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

އިއްޔެ ހަވީރު މާފަންނު އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅުނު މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑުން، ޓެންޓް ސްޕޯޓްސް ބަލިކުރީ، ފަހު ހާފުގައި ޖެހި ދެ ލަނޑާ އެކު 2-0 އިންނެވެ.

ކުރީގެ ތަޖުރިބާކާރު ފޯވާޑް އަލީ ނާފިއު (ކަޅޭ) ގެ ކެޕްޓަން ކަމުގައި ކުޑަހެންވޭރު ޔުނައިޓެޑުން ޖެހި ދެ ލަނޑު ވެސް ޖަހައިދިނީ، ޓީސީ ސްޕޯޓްސް ކުލަބުން ފުރަތަމަ ޑިވިޝަނުގައި ފާހަގަވި ފޯވަޑް އަކްމަލް މުހައްމަދު (އަކޫބެ) އެވެ. ފުރަތަމަ ލަނޑު 59 ވަނަ މިނިޓުގައި ޖެހިއިރު، ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ 74 ވަނަ މިނިޓުގަ އެވެ.

އެ ނަތީޖާއާ އެކު ޓެންޓް ސްޕޯޓްސް ވަނީ، މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވި ބުރު ސްޕޯޓްސް ކްލަބާ އެއްވަރު ކުރަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. ކުޑަހެންވޭރު ޔުނައިޓެޑުގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް އަތުން ބަލިވި ނަމަވެސް އެ ޓީމު ވަނީ ދެވަނަ މެޗުގައި ކްލަބް ޕީކޭ ބަލިކޮށްފަ އެވެ.

ޕީކޭ އިން މުބާރާތުގެ ފުރަތަމަ މެޗުގައި ޓެންޓް ސްޕޯޓްސްއާ ދެކޮޅަށް ކުޅެނީ.-- ފޮޓޯ: އެފްއޭއެމް

މި ގުރޫޕުގައި ހިމެނޭ ކްލަބް ޕީކޭ އިން ވަނީ ޓާފް ދަނޑުގައި ރޭ ކުޅުނު މެޗުގައި ޖޭޖޭ ސްޕޯޓްސްއާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން ދެވަނަ ޑިވިޝަން ބޭއްވި ދެ އަހަރު ވެސް ސެމީ ފައިނަލުގައި ކުޅުނު ޕީކޭ އިން ރޭގެ މެޗުގެ 32 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ލީޑު ނެގި އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ރިސްވާން އަހުމަދެވެ. ނަމަވެސް ތިން މިނިޓުގެ ތެރޭ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ޖޭޖޭ ސްޕޯޓްސް އަށް އެއްވަރު ކޮށްދިނެވެ.

ޕީކޭ އިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގައި ޖެހި ލަނޑުތަކުންނެވެ. މެޗުގެ 82 ވަނަ މިނިޓުގައި މުހައްމަދު ތަސްނީމް އަލުން ލީޑު ނަގައިދިން އިރު، ރިސްވާން ވަނީ އިތުރު ޕެނަލްޓީއަކުން 87 ވަނަ މިނިޓުގައި ލީޑް ފުޅާ ކޮށްދީފަ އެވެ.

މިއީ ޕީކޭ މި އަހަރުގެ މުބާރާތުގައި ކާމިޔާބުކުރި ފުރަތަމަ މެޗެވެ. ފުރަތަމަ ދެ މެޗުގައި އެ ޓީމު ވަނީ ޓެންޓް ސްޕޯޓްސް އާއި ކުޑަހެންވޭރު ޔުނައިޓެޑް އަތުން ބަލިވެފަ އެވެ.

ޕީކޭ އާއި ޖޭޖޭ ސްޕޯޓްސް ވަނީ 2020 ވަނަ އަހަރުގެ ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވެފަ އެވެ ނަމަވެސް އޭގެ ކުރީ ސީޒަނުގެ (2018 ގެ މުބާރާތުގެ) ފައިނަލުގައި ޖޭޖޭ ސްޕޯޓްސް ވާދަކުރީ ސެމީ ފައިނަަލުގައި 2-1 އިން ޕީކޭ ބަލިކޮށްފަ އެވެ.

އެފްއޭއެމް ދެވަނަ ޑިވިޝަނުގެ ގުރޫޕް އޭ ގެ އަށް ޓީމު ވެސް ތިން މެޗު ކުޅެފައިވާއިރު، ނުވަ ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ބުރު ސްޕޯޓްސް ކްލަބެވެ. ދެވަނައިގައި އޮތް ބިސްބުރު ސްޕޯޓްސް ކްލަބާއި ތިންވަނައިގައި އޮތް ޓެންޓް ސްޕޯޓްސް އަދި ހަތަރުވަނައިގައި އޮތް ކުޑަހެންވޭރު ޔުނައިޓެޑަށް ލިބުނީ ހަ ޕޮއިންޓެވެ.

ޖޭޖޭ ސްޕޯޓްސް އާއި ކްލަބް ޕީކޭ އަދި ދިވެހި ސިފައިންގެ ކްލަބަށް ތިން ޕޮއިންޓް ލިބިފައި ވާއިރު، ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ދެވަނަ ޑިވިޝަނުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގެ ލޮރެންޒޯ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. ގަލޮޅު ދަނޑުގައި ކުޅޭ މި މެޗް ފަށަން ހަމަޖެހިފައި ވަނީ ރޭގަނޑު 9 ޖަހާއިރެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454