ބޮޑު ބަދަލަކާ އެކު ފުޓްބޯޅަ ސީޒަން ހުޅުވުން އަންނަ މަހު 16 ގައި

ބަދަލުތަކަކާ އެކު މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ މަހުގެ 16 ވަނަ ދުވަހު ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިިފި އެވެ.


ސީޒަން ހުޅުވަން ފެބްރުއަރީ 16 ވަނަ ދުވަހުގެ ރޭ ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި އެފްއޭ ކަޕް ޗެމްޕިއަން ކްލަބް ވެލެންސިއާ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއީ ގައުމީ ޓީމުގެ ވެސް ގިނަ މެޗުތަކެއް ހުރި އަހަރަކަށްވާތީ އެފްއޭއެމް އިން ވަނީ އެކަމަށް ވިސްނުމަށް ފަހު ފުޓްބޯޅަ ކަލަންޑަރަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. މި ގޮތުން އެފްއޭ ކަޕާއި މިނިވަން ޗެމްޕިއަންޝިޕް އަދި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެސް ވަނީ އަވަސްކޮށްފަ އެވެ.

މިނިވަން ޗެމްޕިއަންޝިޕް މާޗު މަހުގެ 15 ގައި ފަށަން ނިންމާފައިވާއިރު، އެފްއޭ ކަޕް މާޗު މަހުގެ 6 ވަނަ ދުވަހު ފަށާނެ އެވެ. ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 10 ގަ އެވެ. އަދި ތިން ވަނަ ޑިވިޝަން ފަށާނީ އޮކްޓޯބަރު މަހު 16 ވަނަ ދުވަހު އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ ފުޓްބޯޅަ ކަލަންޑަރަށް މި ބަދަލުތައް ގެނައުމުގައި ގައުމީ ޓީމަށް ގިނަ މެޗުތަކެއް ދެވޭ ގޮތަށް ވަރަށް ވިސްނާފައިވާ ކަމަށެވެ.

"ހަގީގަތުގައި މިއީ ވަރަށް ބޮޑު ބަދަލުތަކެއް. މި ބަދަލުތައް ގެނައުމުގައި އަޅުގަނޑުމެން ވިސްނިން ގައުމީ ޓީމަށް ވީހާވެސް ފަސޭހަ ގޮތްތަކެއް ހޯދަން. އެއީ އޭޝިއަން ކަޕް ކޮލިފައިންގެ އިތުރުން ސާފް ޗެމްޕިއަންޝިޕް ވެސް އޮތް އަހަރަކަށްވާތީ،" ބައްސާމް ވިދާޅުވި އެވެ.

މުބާރާތްތަކުގެ ފޯމެޓަށް ގިނަ ބަދަލުތަކެއް

ފުރަތަަމަ ޑިވިޝަންގެ ކްލަބްތަކުގައި ކުޅެވޭ ލީގަކީ މާލޭ ލީގެވެ. މާލޭ ލީގުގެ ދެ ބުރު ކުޅުމަށް ފަހު ގަދަ ހަތަރެއް ހޮވޭނީ ޕްރިމިއާ ލީގަށެވެ. އަނެއް ހަތަރު ޓީމު ދާނީ މާލޭ ލީގު ކޮލިފައިން އަށެވެ. މާލޭ ލީގު ކޮލިފައިން އަކީ ކުރީގެ ރެލިގޭޝަން ޕްލޭއޮފެވެ. މާލޭ ލީގުގެ ކޮލިފައިންގައި ވާދަކުރާނީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަނާއި ރަނަރަޕާއި މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބޭ ޓީމުތަކެވެ.

މާލޭ ލީގު ކޮލިފައިންގައި ހަ ޓީމުގެ މެދުގައި ކުޅެވޭނީ އެއް ބުރެވެ. އޭގެއިން ގަދަ ހަތަރެއްގައި ނިންމާ ހަތަރު ޓީމަށް ޖެހިގެން އަންނަ އަހަރުގެ މާލޭ ލީގުން ފުރުސަތު ލިބޭނެ އެވެ.

މިނިވަން ޗެމްޕިއަންޝިޕް ފޯމެޓަށް ވެސް މި ފަހަރު ވަނީ ބަދަލު ގެނެވިފަ އެވެ. މި ފަހަރުގެ މުބާރާތް ކުރިޔަށްދާނީ ދެ ބުރަކަށެވެ. އެއީ އަތޮޅު ޓީމުތަކުގެ މެދުގައި ކުޅެވޭ ބުރާއި ހުރިހާ ޒޯން ޗެމްޕިއަނުންގެ މެދުގައި މާލޭގައި ކުޅެވޭ ލީގު ބުރެވެ.

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެފްއޭއެމް ރައީސް ބައްސާމް (މ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަހަރުން ފެށިގެން ޕްރިމިއާ ލީގު ކުރިޔަށްދާނީ ވަކި މުބާރާތެއްގެ ގޮތުގަ އެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގެ މެދުގައި ކުޅޭ މާލޭ ލީގުގެ ގަދަ ހަތަރަކާއި މިިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ހިމަނައިގެން ކުޅޭ އަށް ޓީމުގެ ލީގެކެވެ. ޕްރިމިއާ ލީގު ކުރިޔަށްދާނީ ވެސް ދެ ބުރަކަށެވެ. ޕްރިމިއާ ލީގު ފެށުމަށް ނިންމާފައިވަނީ ޖުލައި 28 ގަ އެވެ.

މާލޭ ލީގު ކޮލިފައިން އޮގަސްޓް 1 ވަނަ ދުވަހު ފަށާއިރު، ޕްރެޒިޑެންޓްސް ކަޕް ފަށާނީ ނޮވެމްބަރު 24 ވަނަ ދުވަހު އެވެ. ސީޒަން ނިމޭނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗުންނެވެ.

ކަލަންޑަރަށް މި ގެނައި ބަދަލުތަކާ އެކު އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ވެލެންސިއާ އަށް ފަސޭހަތަކެއް ވެގެންދާނެ އެވެ. އެއީ އެ މުބާރާތަށް ތައްޔާރުވުމަށް ރަނގަޅު މެޗުތަކެއް ލިބޭނެތީ އެވެ.

ބައްސާމް ވިދާޅުވީ ކަލަންޑަރު އެކުލަވާލުމުގައި ފީފާ އިން ގައުމީ ޓީމުތަކަށްދޭ ދުވަސްތަކުގައި ގައުމީ ޓީމަށް ހުސްކޮށްލުމަށް ވަރަށް ބޮޑަށް ވިސްނާފައިވާނެ ކަމަށެވެ.

"ހަގީގަތުގައި ކަލަންޑަރަށް މި ވަރުގެ ބަދަލެއް ގެނައީ ފީފާ ޑޭސް އަށް ތައްޔާރުވެ ގައުމީ ޓީމުގެ މުހިއްމު އަހަރަކަށްވާތީ ގައުމީ ޓީމަށް ހާއްސަ ސަމާލުކަމެއް ދޭން ބޭނުންވާތީ،" ބައްސާމް ވިދާޅުވި އެވެ.

އޭޝިއަން ކަޕްގެ ގުރުލުން އޮންނާނީ މި މަހު 18 ވަނަ ދުވަހު އެވެ. ރާއްޖެއާ ކޮލިފައިންގައި ވާދަކުރަން ޖެހޭ ޓީމުތައް އެނގޭނީ އޭރުންނެވެ. އެ މުބާރާތުގެ އިތުރުން ޖުލައި 15 ވަނަ ދުވަހު ފަށާ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ވެސް މި އަހަރު އޮންނާނެ އެވެ.

ސާފް ޗެމްޕިއަންޝިޕް އޮންނާނީ މި އަހަރު ޑިސެމްބަރު މަހު އެވެ.

ފުޓްބޯޅަ ކަލަންޑަރު 2017

މާލޭ ލީގު: (ދެ ބުރު) ފެބްރުއަރީ 24 އިން ޖޫން 20 އަށް

މިނިވަން ޗެމްޕިއަންޝިޕް: (ދެ ބުރު) މާޗް 15

އެފްއޭ ކަޕް: މާޗް 6 އިން ޖުލައި 8

މާލޭ ލީގު ޕްލޭއޮފް: އޮގަސްޓް 1 އިން އޮގަސްޓް 23 އަށް

ދިވެހި ޕްރިމިއާ ލީގު: ޖުލައި 28 އިން ނޮވެމްބަރު 18 އަށް

ޕްރެޒިޑެންޓްސް ކަޕް: ނޮވެމްބަރު 24 އިން ޑިސެމްބަރު 4 އަށް