މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސެންޓޭ އަށް

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި ރާއްޖޭގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ހޯދައިފި އެވެ.


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ހަބަރު ގެނެސްދޭ ވެބްސައިޓް މޯލްޑިވްސްފުޓްބޯލް ގުޅިގެން އަލަށް ތައާރަފްކުރި މި އެވޯޑްސްގައި އެންމެ މޮޅު ކޯޗުގެ އެވޯޑް ހާސިލްކުރީ ޓީސީގެ މުހައްމަދު ނިޒާމެވެ.

ނެޝަނަލް އާޓް ގެލަރީގައި މިރޭ ބޭއްވި ކުލަގަދަ އެވޯޑް ހަފުލާގައި ސެންޓޭ އެވޯޑް ކާމިޔާބުކުރީ ކުރީ ދެ އަހަރުގެ މޮޅު ކުޅުންތެރިޔާ މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި ކްލަބް އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދާ ވާދަކޮށްގެންނެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސެންޓޭއާ ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

އެންމެ މޮޅު ކޯޗުގެ އެވޯޑް ނިޒާމް (ވ) އަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ދެ ވަނަ ހޯދި ޓީސީގައި ޖާޒީގައި ސެންޓޭ ވަނީ 34 ލަނޑު ޖަހައި ރަންބޫޓް ވެސް ހާސިލްކޮށްފަ އެވެ. އޭނާ އަށް މި އެވޯޑް ހަވާލުކޮށްދިނީ ހަފުލާގެ ޝަރަފްވެރި މެހެމާން އަދި 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ޑްވައިކް ޔޯކެވެ.

މި ސީޒަނުގައި ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާ ސެންޓޭ މިދިޔަ ސީޒަނުގައި ޓީސީގައި ދެއްކި ކުޅުމަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ދެއްކި އެންމެ މޮޅު ކުޅުމެވެ. ބ. އޭދަފުށްޓަށް އުފަން ކުޅުންތެރިޔާ ވަނީ ހަވީރުން ހޮވި ރާއްޖޭގެ ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 2014 ވަނަ އަހަރު ހޯދައިފަ އެވެ. މިއީ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އޭނާ އަށް ލިބުނު ފުރަތަމަ ފަހަރެވެ.

އެންމެ މޮޅު ކޯޗުގެ މަގާމް ނިޒާމް ހޯދީ ލީގުގެ ޗެމްޕިއަން މާޒިޔާގެ ކޯޗު އަލީ ސުޒޭނާއި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) އާ ވާދަކޮށްގެންނެވެ. ތަށްޓެއް ނުލިބުނު ނަމަވެސް ނިޒާމްގެ ޓީސީން ވަނީ މިދިޔަ ސީޒަނުގެ ތިން މުބާރާތުގައި ވެސް އެއް ފެންވަރަކަށް ކުޅެ ތިން މުބާރާތުގެ ވެސް ދެ ވަނަ ހޯދައިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ޔޯކް (ކ) ސެންޓޭ އަށް ރަންބޫޓް ހަވާލުކޮށްދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު ފައިނަލުގައި ޓީސީ ކޮޅަށް ލަނޑު ޖެހި އަހުމަދު ރިޒްވާން (ރިޒޭ) އެވެ. މި އެވޯޑަށް ދެން ވާދަކުރީ އެ ޓީމުގެ އަންސަރު އިބްރާހީމާއި ޓީސީގެ ނާއިޒް ހަސަން (ދާދު) އެވެ. އުއްމީދީ ކުޅުންތެރިޔާ ރިޒޭ އަށް އިނާމް ދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ.

މިދިޔަ އަހަރުގެ އެންމެ ހިދުމަތްތެރި ތިން ރެފްރީންނަކީ އަހުމަދު ޝިފާން އަބްދުއްރަހީމާއި އަހުމަދު އަބްދުﷲ އަދި ޖައުފަރު ރަޝީދެވެ. ރެފްރީންނަށް އިނާމް ދެއްވީ ކުރީގެ ރެފްރީ އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ސްޕޯޓްސް ކައުންސިލްގެ މިހާރުގެ ރައީސް އިބްރާހިމް އިސްމާއީލެވެ.

މިރޭގެ އެވޯޑް ހަފުލާގައި ވަނީ، މިދިޔަ އަހަރު ނިޔާވި ފުޓްބޯޅައިގެ ހިދުމަތްތެރިޔާ އަދި އެފްއޭއެމްގެ ސީނިއާ މުވައްޒަފު އަލީ ނަސީމް (ކޮއްޔަ) ގެ ހިދުމަތުގެ އަގުވަޒަންކޮށް އޭނާގެ ހަނދާނަށް، ހާއްސަ އިނާމެއް ދީފަ އެވެ. މީގެ އިތުރުން ކޮއްޔަ ނަސީމް ނިޔާވުމުގެ ހިތާމައިގައި ސުކޫތެއް ވަނީ ގެނެސްފަ އެވެ.

އުއްމީދީ ކުޅުންތެރިޔާ ރިޒޭ (ވ) އަށް ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އިނާމް ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި އަންނަ އަހަރުން ފެށިގެން އިތުރު އެވޯޑްތަކެއް ތައާރަފްކޮށް މިއަށް ވުރެ ފުރިހަމަކަމާ އެކު އެވޯޑް ހަފުލާ ބާއްވާނެ ކަމަށެވެ. އަލަށް ދޭން ފަށާ އެވޯޑްތަކަކީ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު އަންހެން ކޯޗު، އެންމެ މޮޅު ގޯލް، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު އަދި ފެއާޕްލޭ އެވޯޑެވެ. މީގެ ތެރެއިން އެންމެ މޮޅު ގޯލުގެ އެވޯޑަށް ދީފައިވާ ނަމަކީ ޖޫލޭ އެވޯޑެވެ. އެއީ ގައުމީ ޓީމަށް އެންމެ ފުރަތަމަ ލަނޑެއް ޖަހައިދިން ކުޅުންތެރިޔާ މަރްހޫމް ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) ގެ ނަަމަށް ނިސްބަތްކޮށެވެ.