ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ކުޑަހެންވޭރާއި ޒެފްރޯލް

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް ކުޑަ ހެންވޭރު ޔުނައިޓެޑާއި ކްލަބް ޒެފްރޯލް ފައިނަލުން ޖާގަ ހޯދައިފި އެވެ.


ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުން ކުޑަ ހެންވޭރު މޮޅުވީ ވީކޭ ސްޕޯޓްސް ކްލަބާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 6-5 އިންނެވެ. ބޯ ވާރޭގެ ތެރޭގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ.

ރޭ ކުޅުނު ދެ ވަނަ ސެމީ ފައިނަލުން ޖޭޖޭ ސްޕޯޓްސްގެ މައްޗަށް ކުރިހޯދައި ޒެފްރޯލް އިން ވަނީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ދެ ވަަނަ ޑިވިޝަން ފައިނަލުން ޖާގަ ހޯދައިފަ އެވެ. ރޭގެ މެޗުން ޖޭޖޭގެ މައްޗަށް ޒެފްރޯލުން ކުރިހޯދީ 5-3 އިންނެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ފައިނަލުން ގްރީން ސްޓްރީޓްސްއާ ވާދަކޮށް ޒެފްރޯލް ބަލިވީ 5-2 އިންނެވެ. މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.

ދެ ވަނަ ޑިވިޝަން ފައިނަލުން ޖާގަ ހޯދުމާ އެކު ކުޑަ ހެންވޭރާއި ޒެފްރޯލަށް ވަނީ މާލެ ލީގު ކޮލިފިކޭޝަނުން ޖާގަ ލިބިފަ އެވެ. މާލެ ލީގު ކޮލިފިކޭޝަނުގައި ކުޑަ ހެންވޭރާއި ޒެފްރޯލް ނުކުންނާނީ މިހާރު ކުރިއަށްދާ އެސްޓީއޯ މާލެ ލީގުގެ ފުލަށްދާ ހަތަރު ޓީމާ ދެކޮޅަށެވެ.

އަންނަ އަހަރުގެ މާލެ ލީގުން ޖާގަ ލިބޭނީ މި ފަހަރުގެ މާލެ ލީގު ކޮލިފިކޭޝަންގެ ގަދަ ހަތަރު ޓީމަށެވެ.