ކުޅިވަރު / އެފްއޭއެމް

ޔޫތު ސިސްޓަމް ވަރުގަދައެއް ނޫން، މޮޅު ކުޅުންތެރިން އުފައްދާނީ ކިހިނެއް؟

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ އާއި އީގަލްސް ކުޅެނީ.-- ފޮޓޯ: މޯލްޑިވްސޮކާ

ދުނިޔޭގެ ފުޓްބޯޅައިގައި ކުރި އަރާފައިވާ ގައުމުތަކުގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔަކު ސީނިއަ ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅޭއިރު، އޭނާ ހުންނަނީ ޒުވާން އުމުރުގައި އަހަރަކު މަދުވެގެން ވާދަވެރި 20 މެޗު ކުޅެފަ އެވެ. ނަމަވެސް ރާއްޖޭގައި ގިނަ ކުޅުންތެރިންނަށް ފުރަތަމަ ޑިވިޝަން ތަޖުރިބާ ކުރަން ޖެހެނީ ޔޫތު ލެވެލްގައި މާ ގިނަ މެޗުތަކެއް ނުލިބި އެވެ. ގިނަ ކުޅުންތެރިން ފުޓްބޯޅައާ މެދު ސީރިއަސް ވަނީ ވެސް ފުރަތަމަ ޑިވިޝަން ކްލަބަކާ ގުޅޭ ހިސާބުންނެވެ. އެއީ އޭގެ ކުރިން ކުރިއަށްދާނެ މާ ގިނަ ފުރުސަތުތަކެއް ފަހިވެފައި ނޯންނާތީ އެވެ.

އިންޓަ ސްކޫލުގެ އިތުުރުން އެހެން ޔޫތު މުބާރާތްތަކެއް އޮތުން މުހިއްމު

ޔޫތު މުބާރާތެއްގެ ގޮތުގައި އެފްއޭއެމުން ބާއްވަމުން އަންނަ އެއް މުބާރާތަކީ އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތާ މެދު ގިނަ ކުޅުންތެރިންގެ ވިސްނުމަކީ މިއީ ކެރިއަރެއްގެ ގޮތުގައި ފުޓްބޯޅައާ މެދު ވިސްނުމަށް ވުރެން ސްކޫލުގެ ވާދަވެރި މުބާރާތެއްގެ ގޮތުގަ އެވެ. އިންޓަ ސްކޫލު މުބާރާތުން ފެންނަ ގިނަ ކުޅުންތެރިން ފުޓްބޯޅައިން ކުރިއަކަށް ނުދެ އެވެ.

އިންޓަ ސްކޫލުގައި ކުޅޭ ގިނަ ކުޅުންތެރިން ހަމައެކަނި ކުޅޭ މުބާރާތަކީ އެއީ އެވެ. ކްލަބް ފެންވަރުގައި މުބާރާތެއް ކުޅޭކަށެއް ނުލިބެ އެވެ. އޭގެ އިތުރުން އެ ކުޅުންތެރިން އުމުރުފުރާ އިން ގައުމީ ޓީމަކަށް ހޮވިއްޖެ ނަމަ ބައިނަލްއަގްވާމީ މުބާރާތްތަކަށް ދަނީ ހަމައެކަނި ކޯޗެއްގެ އިރުޝާދުގެ ދަށުން ކުރާ ޕްރެކްޓިސްތަކެއް ކޮށްލައިގެންނެވެ. ވާދަވެރި މެޗުތަކެއް ނުލިބި އެވެ. އޭގެ ބަދަލުގައި ވާދަވެރި މެޗުތަކެއް ލިބިގެން ބައިނަލްއަގްވާމީ މުބާރާތަކަށް ދާ ނަމަ ނަތީޖާ ރަނގަޅު ވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި 14 އަހަރުން ފެށިގެން އުމުރު ފުރާ މުބާރާތްތައް ފަށަ އެވެ. އެ މުބާރާތްތަކުން ފުރޭނިގެން ގައުމީ ޓީމަށް ނޫނީ ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ކުޅުންތެރިން އަންނައިރު ފެންވަރު ރަނގަޅު ކުޅުންތެރިން ގިނަ އެވެ.

މި އަހަރުގެ އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތުގައި އިސްކަންދަރާއި ގާޒީ ސްކޫލު ކުޅެނީ.-- ފޮޓޯ: އިމޭޖަސް އެމްވީ

އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތުގައި މި އަހަރު އިރުޝާދު ދިން ކޯޗަކު "މިހާރު" އަށް ވާހަކަ ދައްކަމުން ބުނީ އެ މުބާރާތުން ފެށިގެން ކުރިއަށް ގޮސް ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ކުޅޭ ކުޅުންތެރިން މިހާރު މަދުވަމުން އަންނަ ކަމަށެވެ.

"ކުރިން އިންޓަ ސްކޫލު މުބާރާތްތަކުގައި ކުޅޭ ކުޅުންތެރިން ބޭނުންވޭ ފުޓްބޯޅައިން ކުރިއަށް ދާން. އެ ވިސްނުމުގައި ކްލަބްތަކުން ފުރުސަތު ހޯދައިގެން ކުރިއަށް ދާން ކުޅެނީ. އެކަމަކު މިހާރު އެކަމެއް ނުފެނޭ. ކުޅުންތެރިންނަށް ވިސްނިފައި އޮންނަނީ މިއީ ހަމައެކަނި ސްކޫލު މުބާރާތެެކޭ،" އޭނާ ބުންޏެވެ.

"މި ވިސްނުން ބަދަލުކުރެވޭނީ ގިނަ ކަންތައްތަކެއް ރަނގަޅު ކޮށްގެން. މިސާލަކަށް މުބާރާތް ރާވާ ގޮތް ވެސް ބަދަލުކުރަން ޖެހޭ. އެއް ބަދަލަކަށް ހެދިދާނެ ކްލަބްތަކުގެ ބައިވެރިވުން އޮވެގެން މުބާރާތް ކުރިއަށް ގެންދިއުން."

ޔޫތު ޗެމްޕިއަންޝިޕް، ކްލަބްތަކުގެ އިތުރުން ގައުމީ ޓީމަށް ވެސް ފައިދާކުރި މުބާރާތެއް

ޖަޕާނުގެ ފުޓްބޯޅަ އިދާރާ (ޖޭއެފްއޭ)ގެ އެހީތެރިކަމާ އެކު އެފްއޭއެމް އިން 2011 ގައި ޔޫތު ޗެމްޕިއަންޝިޕް ފެށީ ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅައިން ކުރިއެރުން ހޯދައިދިނުމަށާއި ފުޓްބޯޅައިގެ ކުރިމަގު އުޖާލާކުރުމުގެ މަގްސަދުގަ އެވެ. އެ މުބާރާތް ބޭއްވީ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެންނެވެ. އެ މުބާރާތް ހަތަރު އަހަރު ބޭއްވުމަށް ފަހު މިހާރު އޮތީ ހުއްޓިފަ އެވެ. މިދިޔަ އަހަރުގެ އެފްއޭއެމް ކަލަންޑަރުގައި އެ މުބާރާތް އޮތް ނަމަވެސް ނުއެއް ބާއްވަ އެވެ. މި އަހަރުގެ ކަލަންޑަރުގައި އެ މުބާރާތް ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހަށް ތާވަލްކޮށްފަ އެވެ. އެކަމަކު މި މުބާރާތަށް އެއްވެސް ކްލަބަކުން ޕްރެކްޓިސް ފަށާފައެއް ނުވެ އެވެ.

ފުރަތަމަ ޑިވިޝަންގައި މިހާރު އޮތް ކްލަބްތަކުންނާއި ގައުމީ ޓީމުން ވެސް އެ މުބާރާތުގެ ތެެރެއިން އައި ކުޅުންތެރިން އެބަ ފެނެ އެވެ. ގައުމީ ޓީމަށް ކުޅޭ އަމްދާން އަލީ (އެންޑީ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އަންސަރު އިބްރާހިމް (އަންކޮ) އަކީ ވެސް ޔޫތު މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި މިހާރު ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިންނެވެ.

ރާއްޖެ އަށް އަންނަ ބިދޭސީ ގިނަ ކޯޗުންގެ ކަންބޮޑުވުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ ގްރާސްރޫޓް ލެވެލްގައި ރަނގަޅު ސިސްޓަމެއް ނެތުމުގެ މައްސަލަ އެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅޭ ގިނަ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ލިބެނީ ފުރަތަމަ ޑިވިޝަން ކްލަބަކާ ގުޅޭ ފަހުންނެވެ. އޭގެ ކުރިން ސީރިއަސްކޮށް ފުޓްބޯޅަ ކުޅުމަށް ގިނަ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ނުލިބެ އެވެ.

މި އަހަރުގެ އޭއެފްސީ ކަޕްގައި ކާޔާ ކުޅުންތެރިއަކު ކައިރިން ނިއުގެ ހަމްޕު (ވ) ބޯޅަ ހިފައިގެންދަނީ. ހަމްޕު އަކީ ޔޫތު ޗެމްޕިއަންޝިޕުން ފުރަތަމަ ޑިވިޝަނަށް އައި ކުޅުންތެރިއެއް -- މިހާރު ފޮޓޯ: ނިޝާން އަލީ

ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބެއްގައި އެކެޑަމީއެއް އޮންނައިރު ލިބޭ ތަރުހީބު ވެސް ދަނީ ބޮޑުވަމުންނެވެ. އެކަމަކު އެކެޑަމީގައި ދޭ ތަމްރީންގެ ފައިދާކުރާނީ ލިބޭ ކުރިއެރުންތައް ވަޒަންކޮށްލާނެ މުބާރާތްތަކެއް ރޭވި ކުރިއަށް ގޮސްގެންނެވެ.

ގައުމީ ޓީމަށް މިދިޔަ އަހަރު އޭއެފްސީ ޗެލެންޖް ކަޕްގައި ކޯޗުކޮށްދިން ކްރޮއޭޝިއާގެ ޑްރަގޯ މަމިޗް ބުނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަން ތައްޔާރުވާއިރު ދިވެހި ކުޅުންތެރިންނަށް ފުޓްބޯޅަ ކިޔައިދޭން ޖެހެނީ އެންމެ ބޭސިކުން ފެށިގެން ކަމަށާއި އެއީ ރަނގަޅު ޔޫތު ސިސްޓަމެއް ނެތުމުން ދިމާވާ މައްސަލައެއް ކަމަށެވެ.

އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބު ވުމަށް ފަހު މިދިޔަ މަހު 31 ގައި އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް "މާސްޓަ ޕްލޭނެއް" ހަދާ ވާހަކަ އެވެ. މި ޕްލޭން ވެގެންދާނީ ކުރިއަށް އޮތް 20 އަހަރާއި އެ އަށް ވުރެން ވެސް ދުރު މުސްތަގުބަލަށް ދިވެހި ފުޓްބޯޅަ ފުޅާކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ،

މި ފަދަ ޕްލޭނެއް ހަދާއިރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ޔޫތު ސިސްޓަމް ހަރުދަނާ ކުރުމަށެވެ. އެއީ ރަނގަޅު ކުރިމަގެއް އޮންނާނީ ކުޅުންތެރިން އުފައްދަން ގެންގުޅޭ ސިސްޓަމަށް އެކަށީގެންވާ ރަނގަޅު ބަދަލުތަކެއް ގެނެސްގެންނެވެ.

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 27%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!