މިއީ ވެލެންސިއާ ފިލާވަޅު ނަގަންވީ މެޗެއް: ފެސްކޯ

ޗެރިޓީ ޝީލްޑް މެޗުގައި އިއްޔެ މާޒިޔާ އަތުން ބަލިވުމަކީ ވެލެންސިއާ ފިލާވަޅު ނަގަން ޖެހޭ ކަމެއް ކަމަށް އެ ޓީމުގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.


މާޒިޔާ އަތުން ވެލެންސިއާ ބަލިވީ 1-0 އިންނެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފްގައި މާޒިޔާ އަށް ކާމިޔާބު ކޮށްދިނީ އަސަދުﷲ އަބްދުﷲ އެވެ.

މެޗާ ބެހޭ ގޮތުން ފެސްކޯ ބުނީ ބަލިވީ ގޭމް ޕްލޭނާ އެއްގޮތަށް ނުދިޔުމުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މެޗުން ވެލެންސިއާ ބަލިވާން ޖެހުނީ ގޭމް ޕްލޭނާ އެއްގޮތަށް ކަންތައްތައް ނުދިޔުމުން. ވަރަށް އެއްވަރުކޮށް ދިޔަ މެޗެއް މިއީ،" ފެސްކޯ ބުންޏެވެ.

"މި ކަހަލަ މެޗެއްގައި ހުރިހާ ވަގުތެއްގައި ޖެހޭނެ ކުޅުންތެރިން ސަމާލުވެގެން ތިބެން. އެކަމަކު ކުޑަކުޑަ ވަގުތުކޮޅަކަށް ސަމާލުކަން ގެއްލުމުގެ ސަބަބުން ބަލިމިވީ."

އޭނާ ބުނީ ވެލެންސިއާގެ ތައްޔާރީތަކާ ބަލާއިރު މާޒިޔާ ކައިރީގައި އެ ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"ވެލެންސިއާގެ ތައްޔާރީތައް ދަށްކޮށް ދިޔަ ނަމަވެސް މާޒިޔާ ކަހަަލަ ޓީމަކާ ދެކޮޅަށް 70 މިނިޓް ލަނޑެއް ވަނަނުދީ ހިފަހައްޓާލެވުމުން ކުޅުންތެރިން ކުރި ހިތްވަރު ފެނިއްޖެ. ކުރިން ވެސް އެނގޭ ސެޓްޕީސް އަކުން ކަން ލަނޑެއް ވަނުމުގެ ފުރުސަތު އޮތީ. އެގޮތަށް ދިމާވީ ވެސް." ފެސްކޯ ބުންޏެވެ.

އޭނާ ބުނީ މެޗުގައި ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރާ ކަމަށާއި ދެން އޮތީ ކުރިއަށް އޮތް މެޗަށް ފިލާވަޅު ލިބިގެން ތައްޔާރުވުން ކަމަށެވެ.

މިއީ 2009 ވަނަ އަހަރަށް ފަހު ވެލެންސިއާ ޗެރިޓީ ޝީލްޑް މެޗުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އެ ޓީމު މި ފަހަރު ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރީ މިިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ.

ވެލެންސިއާ ދެން ކުޅޭ މެޗުގައި މި މަހު 21 ވަނަ ދުވަހު މާލޭގައި ނުކުންނާނީ އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުގެ ފުރަތަމަ ލެގުގައި އިންޑިއާގެ މޯހަން ބާގަންއާ ދެކޮޅަށެވެ.